ހަށިގަނޑުގައި ކެންސަރު ބަލި ހުރިކަން ދެނެގަނެވުނު ރެޔަކީ މިހާތަނަށް ހަޔާތުގައި އައި އެންމެ އެކަނިވެރި ދިގު ރޭ ކަމަށް ނޭޕާލަށް އުފަން ބޮލީވުޑްގެ ބަތަލާ މަނީޝާ ކޮއިރަލާ ބުނެފިއެވެ.
މަގުބޫލު ފިލްމު "ދިލް ސޭ" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެންގޮސްފައިވާ މަނީޝާއަށް 2012 ވަނަ އަހަރު އޯވަރީގެ ކެންސަރު (ސްޓޭޖް 4) ޖެހިފައިވާކަން އެނގުނު ނަމަވެސް، 11 ގަޑިއިރުގެ އޮޕަރޭޝަނަކާއި ކީމޯތެރަޕީ ސެޝަންތަކަށްފަހު 2013ގައި އޭނާ ވަނީ މި ބަލިން މުޅިން ފަސޭހަވެފައެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ 'ބްރޫޓް އިންޑިއާ'އަށް ދިން އިންޓަވިއުއެއްގައި މަނީޝާ ބުނީ، އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނު ދުވަހުގެ ރެޔަކީ ހަޔާތުގައި ކުރިމަތިވި އެންމެ އަނދިރި، އެކަނިވެރި އަދި އެންމެ ދިގު ރޭ ކަމަށެވެ. އަދި އެ ވަގުތު އަމިއްލަ ނަފްސަށް މަރުގެ ބިރުވެރިކަން އިހުސާސްވި ކަމަށާއި، ބަލިމީހަކަށް ކުރެވޭނެ އެކަނިވެރިކަމުގެ އިހުސާސް އޭރު ވަރަށް ބޮޑަށް ވަޒަންކުރެވުނު ކަމަށް އޭނާ ފާހަގަކުރިއެވެ.

ވެބް ސީރީޒް "ހީރާމަންޑީ"ގެ މަންޒަރެއްގައި މަނީޝާ--ފޮޓޯ/ރެޑިފް
މީގެއިތުރުން، އެ ދުވަސްވަރު ބޮލީވުޑްގެ ހަފްލާތަކުގައި ބައިވެރިވި ނަމަވެސް، ގިނަ ބައެއްގެ ތެރޭގައިވެސް ބޮޑު އެކަނިވެރިކަމެއް އިހުސާސްވި ކަމަށް މަނީޝާ ވަނީ ބުނެފައެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ފިލްމީ މަސައްކަތްތަކާ ދުރުހެލިވުމަށްފަހު މަނީޝާ އެނބުރި އެކްޓިންގްއަށް ނުކުތީ 2017 ވަނަ އަހަރުއެވެ. މަނީޝާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2024ގައި ރިލީޒްކުރި ސަންޖޭ ލީލާ ބަންސާލީގެ އަލަތު ވެބް ސީރީޒް "ހީރާމަންޑީ"އިންނެވެ.
މުމްބާއީގެ އެސްއެސްއޯ ހޮސްޕިޓަލުގެ ސާޖިކަލް އޮންކޮލޮޖިސްޓް ޑރ. އަމިތު ޗަކްރަބޯތީ ވިދާޅުވި ގޮތުގައި، ކެންސަރަކީ ޖިސްމާނީ ބައްޔެއްގެ އިތުރުން ނަފްސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ބައްޔެކެވެ.
ބަލިމީހާގެ ސޫރައަށް އަންނަ ބަދަލުތަކާއި، މުސްތަގުބަލާމެދު އުފެދޭ ބިރުވެރިކަމުގެ އިތުރުން މާލީ ތަކުލީފުތަކަކީ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ބޮޑު ކަންބޮޑުވުމެއް ކުރިމަތިކުރުވާ ކަންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ދިއްލީގެ ބީއެލްކޭ މެކްސް ހޮސްޕިޓަލުގެ މެޑިކަލް އޮންކޮލޮޖީ ޑައިރެކްޓަރު ޑރ. ސައްޖަން ރާޖްޕުރޯހިތު ފާހަގަކުރެއްވި ގޮތުގައި، ކެންސަރު ބަލީގައި ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ ފަރުވާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ތަހުލީލުތަކުން ދައްކާ ގޮތުގައި ރަނގަޅު ކައުންސިލިންގްގެ ސަބަބުން 90 އިންސައްތަ އަށްވުރެ ގިނަ ބަލިމީހުން ތަހައްމަލުކުރާ ނަފުސާނީ ބަލިކަށިކަން ކުޑަވެގެންދެއެވެ.