ޒުވާން ބަތަލާ ޚުޝީ، މުމްބާއީގެ އެންމެ އަގުބޮޑު ސަރަހައްދުން ލަގްޒަރީ އެޕާޓްމަންޓެއް ގަނެފި

ބޮލީވުޑްގެ ޒުވާން ބަތަލާ ޚުޝީ ކަޕޫރު--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑްގައި އުއްމީދީ ކެރިއަރެއް އޮތް ޒުވާން ބަތަލާ ޚުޝީ ކަޕޫރު އިންޑިއާގެ މުމްބާއީގެ އެންމެ އަގުބޮޑު ސަރަހައްދު ކަމަށްވާ ބަންދުރާއިން ލަގްޒަރީ އެޕާޓްމަންޓެއް ގަނެފިއެވެ.

ޚުޝީ ގަނެފައިވާ މި އަގުބޮޑު އެޕާޓްމަންޓްގެ އަގު 63 ލައްކަ އިންޑިއާ ރުޕީސްއަށް އަރާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ޕްރޮޕަޓީ ރެޖިސްޓްރޭޝަން ޑޮކިއުމަންޓްތަކާ ހަވާލާދީ 'ސީއާރުއީ މެޓްރިކްސް'އިން ހާމަކޮށްފައިވާ ގޮތުގައި، ޚުޝީ ގަނެފައިވަނީ ބަންދުރާގެ 25 ވަނަ ރޯޑުގައިވާ "ސަމްތަދީޕް" ބިލްޑިންގުން އެޕާޓްމަންޓެކެވެ. މިދިޔަ އަންގާރަ ދުވަހު ރެޖިސްޓްރީކޮށްފައިވާ މި އެޕާޓްމަންޓަކީ ފާރޫގް ޗާގްލާގެ އަތުން ޚުޝީ ގަނެފައިވާ ޕްރޮޕަޓީއެކެވެ.

މި އެޕާޓްމަންޓުގެ ބޮޑުމިނުގައި ކާޕެޓް އޭރިއާގެ ގޮތުގައި 180 އަކަފޫޓު އަދި ބިލްޓްއަޕް އޭރިއާގެ ގޮތުގައި 216 އަކަފޫޓު ހުރެއެވެ. މި މުއާމަލާތުގެ ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ސްޓޭމްޕް ޑިއުޓީއަށް 3.15 ލައްކަ ރުޕީސް ބަތަލާ ވަނީ ދައްކާފައެވެ.

ޚުޝީ، ދައްތަ ޖާންވީ ކަޕޫރާއެކު--ފޮޓޯ/ޕިންކްވިލާ

ބަންދުރާ އަދި ޕާލީ ހިލްއަކީ މުމްބާއީގެ އެންމެ އަގުބޮޑު އަދި ފާހަގަކޮށްލެވޭ ސަރަހައްދުތަކެވެ. ގުޅުންތަކުގެ ރަނގަޅުކަމާއި، ވިޔަފާރި ސަރަހައްދުތަކާ ކައިރިވުމާއި، އަދި ވަސީލަތްތައް ފުރިހަމަވުމުގެ ސަބަބުން ބޮލީވުޑްގެ ގިނަ ތަރިންނާއި ފާހަގަކޮށްލެވޭ މަހުޖަނުން ދިރިއުޅުމަށް މި ސަރަހައްދު އިޚުތިޔާރުކުރެއެވެ.

ފިލްމު އުފައްދާ ބޮނީ ކަޕޫރު އަދި ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ހަނގު އަންހެން ދަރިފުޅު ޚުޝީ ކަޕޫރު ފިލްމީ ދާއިރާއަށް ތައާރަފްވީ 2023 ވަނަ އަހަރު ޒޯޔާ އަޚްތަރުގެ ނެޓްފްލިކްސްއަށް އުފެއްދި ފިލްމު "ދަ އާޗީސް"އިންނެވެ. އޭގެފަހުން ޚުޝީ ފެނިފައިވަނީ ދެ ފިލްމުންނެވެ. ނަމަވެސް އެ ދެ ފިލްމަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

ބޮލީވުޑްގެ މަގުބޫލު ބަތަލާ ޖާންވީ ކަޕޫރުގެ ކޮއްކޮ ޚުޝީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މަންމަ، ސްރީދޭވީގެ ފަހު ފިލްމު "މޮމް"ގެ ސީކުއަލް "މޮމް 2"އިންނެވެ.

comment ކޮމެންޓް