އޮޕަރޭޝަން އަލިމަގު: މާލެ އާއި ގއ. އިން 4 މީހުން ހައްޔަރުކޮށްފި

އަލިމަގު އޮޕަރޭޝަންގެ ދަށުން ފުލުހުން މިއަދު ގެއެއް ބަލައި ފާސްކުރަނީ: މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ --- ފޮޓޯ: ފުލުހުން

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން އަންނަ ފަރާތްތައް ހޯދުމަށް ޓަކައި ފުލުހުން "އަލިމަގު"ގެ ނަމުގައި ފެށި އޮޕަރޭޝަން ގއ. އަތޮޅަށް ފުޅާކޮށް, މާލެއާއި ގއ. އަތޮޅުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އަލިމަގުގެ ނަމުގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް ފެށީ މިދިޔަ ނޮވެންބަރު މަހެވެ.

ފުލުހުން މިއަދު ބުނީ، މިއަދު ހެނދުނު މާލެއާއި ގއ. އަތޮޅުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ފުޅާ ދާއިރާއެއްގައި ގއ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އޮޕަރޭޝަން "އަލިމަގު"ގެ ނަމުގައި ފުލުހުން ހިންގާ އޮޕަރޭޝަނެއްގައި ބަޔަކާ ސުވާލުކުރަނީ --- ފޮޓޯ: ފުލުހުން

މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމަށް އަޅަން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް، ފުލުހުން ބުންޏެވެ.

https://sun.mv/216535

މި އޮޕަރޭޝަންގައި 10 ގެއެއް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެ މީހުން ހައްޔަރުކުރި ތަނާއި އެ މީހުންނާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުދެއެެވެ.

މިދިޔަ ޑިސެންބަރު މަހު ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އޮޕަރޭޝަން އަލިމަގުގެ ދަށުން ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް 202 މީހަކު 31 ކިލޯގެ މަސްތުވާތަކެއްޗާއެކު ވަނީ ހައްޔަރުކޮށްފައެވެ.

އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 71 މައްސަލައެއް ބަލައި، ދައުވާކުރަން 34 މައްސަލައެއް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ޑިސެންބަރު ކުރީކޮޅު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ، އަލީ ނަދީމް ނުވަތަ ނަދަމާވެސް ހިމެނެއެވެ.

comment ކޮމެންޓް