ޖިންސީ ގޯނާގެ މައްސަލަ 16 ޕަސެންޓް ދަށް ވެއްޖެ

ޖިންސީ އަނިޔާއާ ދެކޮޅަށް މިއަދު ކުރި މުޒާހަރާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ނިމިދިޔަ 2025 އަހަރު ފުލުހުން ތަހުގީގު ކުރިން ޖިންސީ ގޯނާގެ މައްސަލަތައް އޭގެ ކުރީ އަަހަރާ އަޅާބަލާއިރު 16 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ފުލުހުން ތަހުގީގު ކޮށްފައިވަނީ ޖިންސީ ގޯނާގެ 270 މައްސަލައެވެ. އެއީ 2024 ވަނަ އަހަރު ތަހުގީގު ކުރި 321 މައްސަލައާ އަޅާބަލާއިރު 51 ކޭސް މަދު އަދަދަދެކެވެ.

އެހެންކަމުން މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅި, އަދި ފުލުހުން ތަހުގީގު ކުރި މި ނުރައްކާތެރި ކުށް މިވަނީ 16 ޕަސެންޓް ދަށަށް ގޮސްފައެވެ.

މިދިޔަ އަހަރުގެ ޖުމުލަ މައްސަލަތަކަށް ބަލާއިރު ވެސް 2024 ވަނަ އަހަރަށް ވުރެން ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން 2024 ވަނަ އަހަރު ފުލުހުން 12,642 މައްސަލަ ތަހުގީގު ކުރިއިރު, ނިމިދިޔަ 2025 ވަނަ އަހަރު ތަހުގީގު ކޮށްފައިވަނީ 12,083 މައްސަލައެވެ. މިއީ ހަތަރު ޕަސެންޓް ދަށް ވުމެކެވެ.

ދެ ފުލުހެއް މަގުމަތީގައި: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން އަހަރު ތަކެކޭ އެއްގޮތަށް މިދިޔަ އަހަރު ވެސް ފުލުހުން އެންމެ ގިނައިން ތަހުގީގު ކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އެއީ 3,478 ކޭސްއެވެ. ދެހާސް ސައްވިސް ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނީ ވައްކަމުގެ 3,761 މައްސަލައެވެ. ވައްކަމުގެ ގިނަ މައްސަލަތައް ގުޅިފައި ހުންނަނީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއެވެ.

ޓްރެފިކް އެކްސިޑެންޓްތަކަށް ބަލާއިރު މިދިޔަ އަހަރު ވަނީ 2024 ވަނަ އަހަރަށް ވުރެން އެފަދަ މައްސަލަތައް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ޓްރެފިކް އެކްސިޑެންޓްތަކުގެ 3,073 މައްސަލަ ފުލުހުން ތަހުގީގު ކޮށްފައިވާއިރު 2024 ވަނަ އަހަރު ތަހުގީގު ކުރީ އެފަދަ 2,884 މައްސަލައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރުވެސް މިދިޔަ އަހަރު ވަނީ އެ ފަދަ މައްސަލަތައް ހުށަހެޅުނު މިންވަރު 2024 ވަނަ އަހަރަށް ވުރެން އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު މަސްތުވާތަކެތީގެ 2,070 ކޭސް ފުލުހުން ތަހުގީގު ކުރިއިރު 2024 ވަނަ އަހަރު ތަހުގީގު ކޮށްފައިވަނީ އެފަދަ 1,671 މައްސަލައެވެ.

ކުށްމަދު ކުރުމަށް ޚާއްސަކޮށް ފުލުހުން ޚާއްސަ އޮޕަރޭޝަންތަކެއް މި ފަހުން ވަނީ ފަށައިފައެވެ. އޭގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޚާއްސަ އިސްކަމެއް ދެއެވެ.

comment ކޮމެންޓް