ޑުރަގާއެކު ހައްޔަރުކުރުމުން، އަނބިމީހާގެ ބަނޑަށް އަށް މަސްވެފައިވާ ކަމަށް ބުނެ ދޫކޮށްލަން އެދިއްޖެ

މަސްތުވާތަކެތި ބޭނުންކުރާ ތަނެއް، ފުލުހުން ބަލައި ފާސްކުރުން: ޑުރަގާއެކު ހައްޔަރުކުރި މީހަކުވަނީ، އަނބިމީހާގެ ބަނޑަށް އަށް މަސްވެފައިވާ ކަމަށް ބުނެ ދޫކޮށްލަން އެދިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި 26 އަހަރުގެ ޒުވާނަކު، އޭނާގެ އަނބިމީހާ ބަލިވެއިންކަމަށް ބުނެ ބަންދުން ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ހެކިތަކުގެ ތެރޭގައި ފުލުހުންގެ ރިޕޯޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ފިލްމު ހުސްކުރި ދަޅެއް ހިމެނެއެވެ. މީގެ އިތުރުން، އޭނާ ވަނީ މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅުނު ކަމަށް އިއުތިރާފުވެފައެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައި، އަނބިމީހާގެ ޞިއްޙީ ހާލަތު އޮޅުންފިލުވުމަށް ފުލުހުންނަށް އަންގާފައެވެ.

  • މަސްތުވާތަކެތީގެ މައްސަލައެއްގައި 26 އަހަރުގެ ފިރިހެނަކު ހައްޔަރުކުރުން
  • އޭނާގެ އަތުން މަސްތުވާތަކެތި ފެނުނުކަމަށް އިއުތިރާފުވުން
  • އަނބިމީހާގެ ބަލިވެއިންކަމުގެ ވާހަކަ ދައްކައި ބަންދުން ދޫކޮށްދޭން އެދުން
  • ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ބަންދަށް ދިނުން
  • އަނބިމީހާގެ ހާލަތު ބެލުމަށް ފުލުހުންނަށް އަމުރުކުރުން

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހަކު، އޭނާގެ އަނިބިމީހާ ބަލިވެއިން ކަމަށް ބުނެ، ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހަށް، މަސްތުވާތަކެތީގެ މައްސަލައެއްގައި އިއްޔެ ވަނީ 26 އަހަރުގެ ފިރިހެނަކު ހާޒިރުކޮށްފައެވެ. އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅައިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

ކޯޓަށް ހުށަހަޅައިފައިވާ ހެކީގެ ތެރޭގައި، އޭނާ ހައްޔަރުކުރި ތަނަށް ދިޔަ ފުލުހުންގެ ރިޕޯޓާއި އެ ތަނުން ފެނުނު، މަސްތުވާތަކެތި އެޅި ކަމަށް ޝައްކު ކުރެވޭ ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އޭނާ ވަނީ އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށް އިއުތިރާފުވެ، އެއީ އޭނާ ބޭނުންކުރުމަށް އަތުގައި ބެހެއްޓި އެއްޗެއް ކަމަށް ބުނެފައި ކަމަށް އަމުރުގައިވެއެވެ.

ބަންދު މަޖިލީހުގައި އެ ފިރިހެން މީހާ ވަނީ އޭނާގެ އަލަތު ކައިވެނީގެ އަނބިމީހާ ބަލިވެއިން ކަމަށާއި ބަނޑަށް އަށް މަސް ވެފައިވާ ކަމަށް ބުނެފައެވެ. އެހެންވެ، އެކަމަށް ރިއާޔަތްކޮށް އޭނާ ބަންދުން ދޫކޮށްދިނުމަށް ވަނީ އެދިފައެވެ.

ކޯޓުން ވަނީ އެ މައުލޫމާތުގެ ސައްހަކަން ބެލުމަށް ފުލުހުގައި އެދިފައެވެ. ނަމަވެސް އެހާތަނަށް، އޭނާގެ ބަންދަށް އިއްޔެ ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަ ކަމަށްވާއިރު، މި އަހަރުތެރޭ ފުލުހުންނަށް ތިންވަނައަށް އެންމެ ގިނައިން ހުށަަހަޅައިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 384 މައްސަލައެއް މިހާތަނަށް ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް