އެމްޑީޕީގެ ވެރިކަމުގައި މިދިޔަ ރިޔާސީ އިންތިޚާބު އަހަރުގެ ތެރޭގައި އާސަންދައިން, ރާއްޖޭން ބޭރަށް މީހުން ފަރުވާއަށް ފޮނުވުމަށް ކުރި ޚަރަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އިއްޔެ ނެރުނު, އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން, 2019 އިން 2024 އަށް ވަނީ ރާއްޖޭން ބޭރުން ދިވެހީންނަށް ބޭސްފަރުވާ ކޮށްދިނުމަށް 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
އެ ޚަރަދުތަކަށް ބަލާއިރު ގިނައިން އަހަރަކަށް ވުރެ އަހަރެއް ވަނީ ޚަރަދުތައް ބޮޑުވެފައެވެ. ރާއްޖޭން ބޭރުން އާސަންދަ ދިނުމަށް 2019 ވަނަ އަހަރު 270 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ކޮވިޑާ އެކު މުޅި ދުނިޔެ ބަންދުވި 2020 ވަނަ އަހަރު އެ ޚަރަދު ވަނީ 120 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ނަމަވެސް، ޖެހިގެން އައި 2021 ވަނަ އަހަރު އެ ޚަރަދު ވަނީ 216 މިލިއަނަށް އަރައިފައެވެ. އަދި، އޭގެ ފަހުން އައި 2022 ވަނަ އަހަރު ވަނީ 333 މިލިއަން ރުފިޔާއަށް އަރާފައެވެ. އަދި، ރިޔާސީ އިންތިޚާބުގެ އަހަރު ކަމަށްވާ 2023 ވަނަ އަހަރު ވަނީ މި ޚަރަދު 448 މިލިއަނަށް އަރާފައެވެ. އެއީ 35 ޕަސެންޓް އިތުރުވުމެކެވެ.
ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް އާސަންދައިން ހުއްދަދީފައިވާ ކޭސްތައް ވެސް 2022 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، 2022 ވަނަ އަހަރު 8003 ކޭސް އަކަށް ހުއްދަ ދިންއިރު 2023 ވަނަ އަހަރު ވަނީ 9308 ކޭސްއަށް ހުއްދަ ދީފައެވެ.
އޮޑިޓާ ޖެނެރަލް ފާހަގަކޮށްފައިވާ މައްސަލަތަކަށް ބަލާއިރު ރާއްޖޭން ލިބެން ހުރި ފަރުވާއަށް ވެސް އާސަންދައިގެ ދަށުން ރާއްޖޭން ބޭރަށް ފޮނުވައިފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި، ރާއްޖެއަށް ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި އަންނަ ޑޮކްޓަރުންނަށް ވެސް ބޭރުން ފަރުވާ ހޯދަން ރިފާ ކުރެވޭ ގޮތަށް އުސޫލު އޮތްކަން ފާހަގަކޮށްފައިވެއެވެ.
ސިޔާސީ މީހުން އެ މީހުންގެ ބާރުވެރިކަން އިތުރު ކުރުމަށް އާސަންދައާއި ދައުލަތުގެ އެހެން ވެލްފެއާ ފައިސާ ބޭނުން ކުރުމަކީ ޒަމާންވީ މައްސަލައެކެވެ. ނިޒާމު އޮތީ އެ ނުފޫޒު ސިޔާސީ މީހުންނަށް ފޯރުވޭ ގޮތަށެވެ. އެހެންވެ، އެކިއެކި އިންތިޚާބުތަކާ ގާތްކޮށް އޭރަކު ވެރިކަމުގައި އޮންނަ މީހުން މި ނުފޫޒު ބޭނުންކުރާކަމުގެ ތުހުމަތު އަބަދު ވެސް ކުރެވެއެވެ.