ހަނިމާދޫ އެއާޕޯޓު ހިންގަން އިންޑިއާ ކުންފުންޏަކާ ހަވާލުކުރުމަކީ ރަނގަޅު ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ އާޒިމްގެ ކެމްޕެއިން ހަރަކާތެއްގައި ނަޝީދު މިފަދައިން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ހިންގުމަށް އިންޑިއާގެ ކުންފުންޏަކުން ހަވާލުވުމަށް، ރާއްޖޭން އެދިފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.
އިންޑިއާގެ ވަރަށް މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ހިންދޫ" އިން މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓް ކޮށްފައިވާ ގޮތުގައި, އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު, އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި, ދިވެހި ސަރުކާރުގެ ފަރާތުން މިކަމަށް އެދިވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މިކަމާ ހަވާލުވުމާ ނުވަތަ ނުވުމާ މެދު ގޮތެއް ނިންމުމަށް, އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) އިން ދިރާސާ ކުރުމަށް އެ ގައުމުގެ ސަރުކާރުން މިހާރު އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށް ވެސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ. ނަމަވެސް، އެ ކަން ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.
އެ ކަމަށް އިޝާރަތްކުރައްވައި، ނަޝީދު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ހިންގަން ސަރުކާރުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރަން އުޅޭ ކަމުގެ އަޑުތައް އިވޭ ކަމަށެވެ. އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިހާރު އަޅުގަނޑު އެބަ އަޑުއަހަން ސަރުކާރުން އުޅެނީ ހަނިމާދޫ އެއާޕޯޓު ހިންގަން އިންޑިއާގެ ވަރަށް ރަނގަޅު ކުންފުންޏަކަށް ދޭށޭ. އެއީ ވަރަށް ރަނގަޅު ކަމެއްކުރީގެ ރައީސް މުހައްމަދު ނަޝީދު
ނަޝީދު ވިދާޅުވީ، އެއާޕޯޓު ހިންގަން އިންޑިއާ ކުންފުންޏަކާ ހަވާލުކުރާތީ، "ހިނި އަންނަ" ކަމަށާއި އެއީ އެ ކަމާ ދެކޮޅަށް ވާހަކަ ދައްކައިފައިވަނީ ވެސް މި ސަރުކާރުން ކަމަށް ވާތީ ކަމަށެވެ.

އަލީ އާޒިމްގެ ކެމްޕެއިން ހަރަކާތުގައި ނަޝީދާއި އާޒިމް: ނަޝީދު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ހިންގަން އިންޑިއާގެ ކުންފުންޏަކަށް ދިނުން ރަނގަޅު ކަމަށް ---- ފޮޓޯ/ އާޒިމްގެ ކެމްޕެއިން
އިތުރަށް އެ މަނިކުފާނު ވިދާޅުވީ، ރުހޭ ކަންކަން ކުރާއިރު، އެކަންކަން ހުއްޓުވުމަށް "އުނބަށް ޖެހީއޭ" ގޮވާ ނުހަދާނެ ކަމަށެވެ.
މަޖާޒީ ގޮތެއްގައި ނަޝީދު ވަނީ އެ ކަމާ ގުޅިގެން ނުސީދާކޮށް، ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
އިނގޭ މިރި ހުރިކަން، ހެވާ ހުރިކަން ފެންކޮޅު ބޯލާފައި އުނބު އެއްލާލިއިރު. ބަލައި އަންނަންތާ ޖެހޭނީ. އެހެންވެގެންނޭ އަނބުރާފައި އައީ ބަލައި. ހަމަ ފެންކޮޅު ބޯލާފައި އެއްލާލީ. ހެވަޔާއި މިރިއާ އެބައޮތް. ދެން އެއީ މާ ރަނގަޅު އެއްޗެއްކަން އެނގިގެން އެ ބަލާ އައީކުރީގެ ރައީސް މުހައްމަދު ނަޝީދު
އޭގެއިތުރުން، ނަޝީދު ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހާލަތަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، މިހާރު އެއާޕޯޓު ހިންގަނީ ދަރަނީގައި ކަމަށާއި ކޮންމެ އަހަރަކު އެ ދަރަނި އިތުރުވާކަން ނަޝީދު ފާހަގަކުރެއްވިއެވެ.
އެ ތަނުގެ ލޯނު ރައްޔިތުންގެ ޖީއެސްޓީ ފައިސާއިން ދައްކަން ދެން "އަތްޖަހަން" ތިބެންވީތޯ ނަޝީދު ސުވާލު އުފެއްދެވިއެވެ. އަދި، ބޭނުންވަނީ، މިހާރަށް ވުރެ އާންމު ހާލަތު ރަނގަޅުވެ، ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދަން ކަމަށް ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ނަޝީދު ވިދާޅުވީ، އެއާޕޯޓު ހިންގަން އިންޑިއާ ކުންފުންޏަކަށް ދިނުން ރަނގަޅު ކަމަށް -- ފޮޓޯ/ އެމްއޭސީއެލް
ފާހަގަކުރެވޭ ގޮތުގައި، ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އެހީގައި ތަރައްގީ ކުރަން ފެށުމުން މި ސަރުކާރުގެ ވެރިން އޭރު އިދިކޮޅުގައި ތިއްބެވިއިރު އެކަން ސިފަ ކުރެއްވީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައެވެ. އަދި، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ހިންގަން ދިނުމުން އެކަމާ ދެކޮޅަށް ވަކާލާތު ކުރައްވައި އެ އެއްބަސްވުން އުވާލެއްވި ސަރުކާރުގެ ކެބިނެޓުގައި ވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންނެވިއެވެ.
މީގެ ކުރިން ވެސް ވަނީ ހަނިމާދޫ އެއާޕޯޓް ހިންގުމަށް އިންޑިއާގެ އެހީއަށް މި ސަރުކާރުން އެދިފައިވާ ކަމުގެ އަޑުތައް ފެތުރިފައެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ކުރިން ވަނީ އެކަން ދޮގުކުރައްވައިފައެވެ.
އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް, އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ވިއްކަން ހެދި 'ފައްޓަރު ބައެއް' ނޫން ކަމަށާއި "އެ ޖަވާހިރުން" ބިނާކުރާނީ އުފާވެރި ބޮޑުތިލަދުންމައްޗެއް ކަމަށެވެ.
މީގެ 39 އަހަރު ކުރިން ހެދި ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ކުރިން، އެ އެއާޕޯޓުގެ ރަންވޭ ކުޑަކަމުން މިހާތަނަށް ޖައްސަމުން އައީ، އޭޓީއާރްއާއި ޑޭޝް މަރުކާގެ ބޯޓުތައް އެކަންޏެވެ. ފަހުން ހަނިމާދޫ އެއާޕޯޓު ހުޅުވީ ޒަމާނީ ވަސީލަތްތަކާ އެކީގައެވެ.