އުތުރުގެ ތަރައްގީއާ ގުޅިފައިވާ، ބޮޑެތި ފްލައިޓު ޖެއްސޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ ކުންފުންޏެއް ހަވާލުވެ ދިނުމަށް ރާއްޖޭން އެދިފައިވާ ކަމަށް, އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އެމްޑީޕީގެ ވެރިކަމުގައި, އިންޑިއާއިން ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހަނިމާދޫގައި ތަރައްގީ ކުރި ޒަމާނީ އެއާޕޯޓް ހުޅުވީ, މިދިޔަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ އެއާޕޯޓު ހުޅުވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބު އަދި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫއެވެ.
އިންޑިއާގެ ވަރަށް މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ހިންދޫ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި, އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު, އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި, ދިވެހި ސަރުކާރުގެ ފަރާތުން މިކަމަށް އެދިވަޑައިގަތީ ރައީސް މުއިއްޒެވެ.
މިކަމާ ހަވާލުވުމާ ނުވަތަ ނުވުމާ މެދު ގޮތެއް ނިންމުމަށް, އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) އިން ދިރާސާ ކުރުމަށް އެ ގައުމުގެ ސަރުކާރުން މިހާރު އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށް ވެސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.
ނަމަވެސް ދިވެހި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު "ސަން" އަށް ވިދާޅުވީ އެއީ ދޮގު ޚަބަރެއް ކަމަށާއި ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގުމަށް ބޭރުގެ އެއްވެސް ބަޔަހާ ހަވާލު ނުކުރައްވާނެ ކަމަށެވެ. އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ވެސް ހިންގާނީ ދިވެހި ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އެހީގައި ތަރައްގީ ކުރަން ފެށުމުން މި ސަރުކާރުގެ ވެރިން އޭރު އިދިކޮޅުގައި ތިއްބެވިއިރު އެކަން ސިފަ ކުރެއްވީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައެވެ. އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ހިންގަން ދިނުމުން އެކަމާ ދެކޮޅަށް ވަކާލާތު ކުރައްވައި އެ އެއްބަސްވުން އުވާލެއްވި ސަރުކާރުގެ ކެބިނެޓުގައި ވެސް ރައީސް މުއިއްޒު އިންނެވިއެވެ.
މީގެ ކުރިން ވެސް ވަނީ ހަނިމާދޫ އެއާޕޯޓް ހިންގުމަށް އިންޑިއާގެ އެހީއަށް މި ސަރުކާރުން އެދިފައިވާ ކަމުގެ އަޑުތައް ފެތުރިފައެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ކުރިން ވަނީ އެކަން ދޮގުކުރައްވައިފައެވެ.
އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް, އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ވިއްކަން ހެދި 'ފައްޓަރު ބައެއް' ނޫން ކަމަށާއި "އެ ޖަވާހިރުން" ބިނާކުރާނީ އުފާވެރި ބޮޑުތިލަދުންމައްޗެއް ކަމަށެވެ.
މީގެ 39 އަހަރު ކުރިން ހެދި ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ކުރިން، އެ އެއާޕޯޓުގެ ރަންވޭ ކުޑަކަމުން މިހާތަނަށް ޖައްސަމުން އައީ، އޭޓީއާރްއާއި ޑޭޝް މަރުކާގެ ބޯޓުތައް އެކަންޏެވެ.
ފަހުން ހަނިމާދޫ އެއާޕޯޓު ހުޅުވީ ޒަމާނީ ވަސީލަތްތަކާ އެކީގައެވެ. އެގޮތުން، މި އެއާޕޯޓު ހުޅުވީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 10،300 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލްއަކާ އެކީގައެވެ.
އެ އެއާޕޯޓުގެ 2،465 މީޓަރު ދިގު ރަންވޭއަކީ ނެރޯ ބޮޑީގެ ހުރިހާ ވައްތަރެއްގެ މަތިންދާ ބޯޓު ޖެއްސޭވަރުގެ ރަންވޭއެކެވެ. އަދި، ފިއުލް ފާމަކާއި ކާގޯ ޓާމިނަލްއެއް ވަނީ ތަރައްގީކޮށްފައެވެ.
އޭގެ އިތުރުން، މި އެއާޕޯޓުގައި ދިވެހި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ ކުރެހުންތައް ވަނީ ހިމަނާފައެވެ.
ހަނިމާދޫ އެއާޕޯޓު ޒަމާނީ ކުރުމުގެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރު، އިންޑިއާއާ އެކު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ޖުމުލަ 136.6 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގި މި މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ. މި އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
ރާއްޖޭގެ އެންމެ އުތުރުގައި ރިޒޯޓުތަކާއި ގެސްޓްހައުސްތައް ހުރިނަމަ ވެސް، އެ ފަދަ ބޮޑެތި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ މާ ބޮޑުވުމެވެ.
ޓޫރިސްޓުން މާލެއިން ފުރައިގެން ހަނިމާދުއަށާއި އެހެން ރަށްތަކަށް ފްލައިޓުގައި ދަތުރުކުރާނަމަ، އެ ޓިކެޓަށް ކުރަންޖެހޭ ހޭދައިން މާލެ ކައިރީ ގެސްޓްހައުސެއްގައި ހަފުތާއެއްހައި ދުވަހު ހުރެވޭނެއެވެ. އުތުރުގެ ރިޒޯޓުތަކާއި ގެސްޓްހައުސްތަކަށް އޮންނަ ޑިމާންޑު ދަށްވާ ސަބަބަކީ މިއެވެ. އެހެންކަމުން، ހަނިމާދޫގައި ތަރައްގީކުރި މި އެއާޕޯޓުގެ ސަބަބުން އުތުރުގެ ފަތުރުވެރިކަމަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، އުތުރުގައި ކުޅުދުއްފުއްޓާއި އިހަވަންދޫ ފަދަ ވިޔަފާރި ހަބްތައް އޮންނައިރު، ވައިގެ ދަތުރުފަތުރު ފުޅާވުމުން ބޭރުން މުދާ ގެންނަ ވިޔަފާރިވެރިންނަށް ވެސް އެތައް ފައިދާއެއް ލިބޭނެއެވެ.