ކަރީނާ އެހެން އެކްޓަރުންނާއެކު ފިލްމު ކުޅޭތަން ފެނުމުން އެކަމާ ހަސަދަވެރިވި ކަމަށް ސައިފް ބުނެފި

ބޮލީވުޑްގެ މަގުބޫލު ދެމަފިރިން ކަމަށްވާ ކަރީނާ ކަޕޫރު ޚާން އަދި ސައިފް އަލީ ޚާން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން ބަތަލާ ކަރީނާ ކަޕޫރު ޚާން އެހެން އެކްޓަރުންނާ އެކު ފިލްމުތަކުން ފެނުމުން އެކަމާ ކޮންމެވެސް ވަރަކަށް އުނދަގޫވި ކަމަށް ސައިފް ބުނެފިއެވެ.

ދަ ހޮލީވުޑް ރިޕޯޓާއަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނީ ކައިވެނީގެ ކުރިން ދެ މީހުން ހިތާވެގެން އުޅުނު ދުވަސްވަރު ކަރީނާ އެހެން އެކްޓަރުންނާ އެކު މަސައްކަތްކުރަން އޭނާ ހަގީގަތުގައި ބޭނުންނުވާ ކަމަށެވެ.

އެއީ ފަހަރެއްގައި އޭރު ކަރީނާ އެހެން އެކްޓަރުންނާ އެކު ފިލްމު ކުޅޭތީ އެކަމާ ސައިފް 'ޖެލަސް'ވާތީ ކަމަށް ވެސް ވުން އެކަށީގެންވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާގައި މަސައްކަތްކުރާ ދެމަފިރިންނަށް އެއީ ކުރެވޭނެ އިހުސާސެއް ކަމަށާއި ފަހުން އެކަމަށް އެންމެންވެސް ތިބެނީ ހޭނިފައި ކަމަށް ސައިފް ވަނީ ބުނެފައެވެ.

ފިލްމީ ތަރިއަކާ ކައިވެނި ކުރާއިރު އެކަން އަބަދުވެސް ހަނދާންކުރަންޖެހޭ ކަމަށާއި ދެ މީހުންގެ މެދުގައި މައްސަލަ ނުޖެހި ދިރިއުޅުން ކުރިއަށް ދާނީ އެކަކު އަނެކަކުގެ މެދުގައި ވަރަށް ބޮޑު އިތުބާރެއް އޮވެގެން ކަމަށް، ފިލްމު "ރޭސް"ގެ އެކްޓަރު ވަނީ ބުނެފައެވެ.

ކަރީނާ ކަޕޫރު ޚާން އަދި ސައިފް އަލީ ޚާން ދެ ކުދިން ތައިމޫރު އަދި ޖޭއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކައިވެންޏަށްފަހު މިހާރު ދެ ފިރިހެން ކުދިންވެސް ސައިފް އާއި ކަރީނާއަށް ލިބިފައިވާއިރު އެކްޓަރު ވަނީ ކަރީނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ.

ކަރީނާ، ސައިފްގެ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ލިބުމަކީ ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށާއި ކަރީނާ އަކީ ވަރަށް ގެވެހި އަންބެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ކަރީނާއަށް ތައުރީފުކުރަން ފަށައިފިނަމަ އެ ލިސްޓު ވަރަށް ދިގުވާނެ ކަމަށާއި ކެމެރާ ކުރިމަތީގައި ބަތަލާ އެ ދައްކާ ފުރިހަމަކަން އަމިއްލަ ދިރިއުޅުމުގައި ގޭތެރެއިން ވެސް ފެންނަ ކަމަށް ސައިފް ވަނީ ބުނެފައެވެ.

ސައިފް އާއި ކަރީނާ ކައިވެނިކޮށްފައި ވަނީ ދެ މީހުން އެކީގައި މަސައްކަތްކުރި ފިލްމު "ތަޝަން"އަށްފަހު އުފެދުނު ލޯބީގެ ގުޅުމަށްފަހުއެވެ. ސައިފްއާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ކަރީނާ ވަނީ ދިގު މުއްދަތެއް ވަންދެން އެކްޓަރު ޝާހިދު ކަޕޫރާ އެކު ސީރިއަސް ލޯބީގެ ގުޅުމެއް ބާއްވާފައެވެ.

ކަރީނާއާ ކުރި ކައިވެންޏަކީ ސައިފްގެ ހަޔާތުގެ ދެވަނަ ކައިވެންޏެވެ. އެކްޓަރު ކުރިން ކައިވެނިކޮށްފައި ވަނީ އިންޑިއާގެ މަޝްހޫރު ބަތަލާ އަމްރީތާ ސިންގްއާއެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު އެ ދެކުދިން ވެސް މިހާރު ވަނީ ފިލްމު އިންޑަސްޓްރީއާ ގުޅިފައެވެ.

comment ކޮމެންޓް