ރައީސް މުއިއްޒު ބޭނުންފުޅުވަނީ ޚުދުމުހުތާރު ވެރިކަމެއް ކުރައްވަން، އެކަމު އެފަދަ ބުއްދިއެއް ނެތް: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: -- ފޮޓޯ/ އެމްޑީޕީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭނުންފުޅުވަނީ ޚުދުމުހުތާރު ވެރިކަމެއް ކުރައްވަން ކަމަށާއި، ނަމަވެސް އެ މަނިކުފާނުގެ އެ ފަދަ ވިސްނުންފުޅެއް ނުވަތަ ބުއްދިއެއް ނެތްކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔަޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ އޮތް އަލީ އާޒިމްގެ ކެމްޕޭން ޖަލްސާގައި ފައްޔާޒު ވަނީ ދަންވަރު 12ގެ ފަހުން މަގުމަތީ އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އެންގެވުމުން އެކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން އޭނާ ވިދާޅުވީ ރޭގަނޑު 10 ޖެހުމުގެ ފަހުން މަގުމައްޗަށް ނިކުމެ އުޅޭނަމަ މީގެ އެތައް ޒަމާނެއް ކުރިން ފުލުހުން ސުވާލުކުރާ ކަމަށެވެ. މިއަދު ފެންނަ މަންޒަރަކީ އެކަން އަލުން އިއާދަކުރަން އުޅޭ ތަން ކަމަށާއި ފުރަތަމަ އެ ކަން އެ ފެށީ ބިދޭސީންނާ ހަމައިން ކަމަށެވެ.

"ހަގީގަތުގައި ބޭނުންވަނީ ދިވެހި ރައްޔިތުން މި ސަރުކާރަށް ރައީސް މުއިއްޒަށް ފާޑުކިޔުމާއި އިދިކޮޅު ހެދުން ހުއްޓުވައިލަން އެކިއެކި ގޮތްގޮތަށް އަމަންއަމާންކަމޭ ރައްޔިތުންނަށް އުނދަގޫވަނީއޭ ކިޔައިގެން މި ގެންނަން އުޅޭ ކަމަކީ ވަރުގަދަ ޚުދުމުހުތާރު ވެރިކަމަކާ ދިމާއަށް،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެރިކަމެއްގައި ޚުދުމުހުތާރު ސިފަ ޖެހުމުން ރަނގަޅު ކަންކަން ވެސް ވެފައި އެބަހުރި ކަމަށެވެ. ނަމަވެސް އެއީ އެ ވެރިއެއްގެ ކިބައިގައި ބުއްދިއެއް ހުރިނަމަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވެސް ޚުދުމުހުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅުވާކަމަށް ތުހުމަތުކުރައްވައި ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒުގެ ކިބައިގައި ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއް ހިންގުމުގެ ވިސްނުން ވެސް ނެތް ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ ރައްޔިތުން މި ދަނީ ބިކަވެ،" ފައްޔާޒު ވިދާޅުވިއެވެ.

އެއާއެކު ފައްޔާޒު ވިދާޅުވީ މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ "ދިރި ތިބެވިދާނެ"ތޯ އޮތް ކަންބޮޑުވުން ކަމަށެވެ.

"އަޅުގަނޑަށް މި ވަގުތު މުހިންމީ މާލޭގެ ހިތްފަސޭހަ ކަމެއް ވެސް ނޫން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެކިއެކި ރަށްރަށުގައި އޮތް ދަތި ކަންކަމެއް ވެސް ނޫން. އަޅުގަނޑަށް އުފެދޭ ސުވާލަކީ ދިވެހިރާއްޖެ އޮންނާނެ ބާއޭ މި ކުރިއަށް އޮތް ތިން އަހަރު ނިމޭއިރުގައި ދިވެހި ރާއްޖެ އޮންނާނީ ކޮންތާކު ބާއޭ،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ދަރަަނި ނުދެއްކޭ ހިސާބަށް ދަރަނި ބޮޑުވެފައިވާ ކަމަށެވެ. ދަރަނި ދައްކާނެ ގޮތެއް ވެސް މި ސަރުކާރަަށް ނޭނގޭތާ ސަރުކާރުން ކަންބޮޑުވާ ތަނެއް ވެސް ނުފެންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެތެރޭގެ އިގްތިޞާދު ފުނޑުވެ، ކުދި ވިޔަފާރިތައް ހުއްޓި، ބޮޑު ތަކުލީފެއް ރައްޔިތުންގެ ޖީބަށް އުފުލަން ޖެހުނު ޒަމާނެއް މިހާރު އޮތްވަރަށް މީގެ ކުރިން ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް