އޭއައިން ދީދީ އުފެއްދި ރެހެންދި ޚަދީޖާގެ ކުރު ފިލްމު، އަޖައިބުކޮށްލާނެ!

ދިވެހީންގެ މުއްސަނދި ތާރީޚުގެ ތެރެއިން ހާވާ ބަލާއިރު ރަނިކަން ކޮށްލުމުގެ ފުރުސަތު ލިބިފައި އޮތީ ދެތިން އަންހެނަކަށެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ މަޝްހޫރު ބޭކަނބަލަކީ އައްސުލްތާނާ ޚަދީޖާ ރެހެންދި ނޫނީ ރެހެންދި ޚަދީޖާއެވެ. އެ ކަމަނާއަށް އެ ވަރުގެ ސަމާލުކަމެއް ލިބިފައި އޮތީ ތަޚުތަށްޓަކައި ދެ ފިރިކަލުން ގަތުލުކުރެއްވި ރަނިކަނބަލެއްގެ ގޮތުގައި ތާރީޚު ލިޔެ, މަޝްހޫރުކޮށްފައި އޮތުމުންނެވެ.

އެއީ އެއްވެސް ހުރަހަކަށް ނުހުއްޓެވުނު ރަނިކަނބަލެއްގެ ގޮތުގައި ތާރީޚުގައި އޮތީ ސިފަކޮށްފައެވެ. މި ތާރީޚީ ވާހަކަ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އަޙްމަދު ދީދީ ނުވަތަ އަހައްމައިދީ ވަނީ ވަރަށް ފުރިހަމަކޮށް އުފައްދާފައެވެ.

މި އުފެއްދުމުގެ އެންމެ ފުރިހަމަ އެއް ސިފައަކީ ރެހެންދި ޚަދީޖާ ވާހަކައިގެ ދިރާސާގެ ފުރިހަމަކަމާއި ތާރީޚީ ވާހަކައަށް ދިރުން ގެނެސްދޭ ގޮތެވެ.

ރެހެންދި ޚަދީޖާގެ އޭއައި ވާހަކައިގެ ސްނެޕްޝޮޓެއް --

ގާތްގަނޑަކަށް 21 މިނެޓުގެ އެ ކުރު އޭއައި ފިލްމުގައި ގެނެސްދީފައިވަނީ އެ ވާހަކައިގައި ހިނގާ ކަންތައްތަކުގެ ވާހަކަ އެކަންޏެއް ނޫނެވެ. އިބުރަތްތެރި ގޮތަކަށް، އަސްލު ނުގެއްލޭނޭ ފަދައިން އެ ވާހަކަ ތިލަކޮށްދީފައިވަނީ ބަލާ މީހުން ޝައުގުވެރިކުރުވާނެ ގޮތަކަށެވެ.

އޭއައި ބޭނުންކޮށްގެން ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ވާހަކަތަކާއި، އެ ނޫން ވެސް ބެލުންތެރިންނަށް ދޫކޮށްލާފައިވާ ކޮންމެ ވީޑިއޯއަކާ އެކު ވެސް ދީދީ ދައްކަމުން އަންނަނީ އޭނާގެ ވިސްނުމުގެ ހުނަރެވެ. ހަމަ ގައިމު ވެސް މި އޭއައި ޓޫލް ބޭނުންކޮށްގެން ދިވެހި ތާރީޚާ ބެހޭ ގޮތުން ކިޔައިދޭ ވާހަކަތަކަކީ ފަހުގެ ޖީލުތަކަށް ފަސޭހައިން ލިބެން ހުންނާނެ މައުލޫމާތުތަކެވެ.

ދީދީ ވަނީ މީގެ ކުރިން ދިވެހި ފުލޯކު ވާހަކައެއް ކަމަށްވާ 'ރަންނަމާރި'އާއި 'އަމީން ދީދީގެ ނިމުން' ފަދަ ވާހަކަތައް ވެސް އޭއައިގެ ބޭނުންކޮށްގެން އުފައްދާފައެވެ. މި ފަހަރު މި ގެނެސްދިން ރެހެންދި ޚަދީޖާގެ ވާހަކައަށް ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ. އެ ވާހަކައިގެ ތާރީޚު ދިރާސާކޮށް ގެނެސްދީފައިވާ މައުލޫމާތު އެހާ ވެސް މުއްސަންޖެވެ.

ރެހެންދި ޚަދީޖާގެ އޭއައި ވާހަކައިގެ ސްނެޕްޝޮޓެއް --

މި ކުރު ފިލްމުގައި ރެހެންދި ޚަދީޖާއާ ބެހޭ ގޮތުން އިބްނު ބަތޫތާ ލިޔުއްވާފައިވާ ވާހަކަ ވެސް ގެނެސްދީފައިވެއެވެ.

އިބްނު ބަތޫތާ ވިދާޅުވި ގޮތުގައި ރެހެންދި ޚަދީޖާގެ ފުރަތަމަ ފިރިކަލުން މުހައްމަދު ޖަމީލް އަވަހަރަވީ، ރެހެންދި ޙަދީޖާގެ ރަނިކަމަށް ހަތަރުވަނަ އަހަރުގައި މީލާދީ ގޮތުން 1344 ގައެވެ. ރެހެންދި ޚަދީޖާގެ މައްޗަށް ގަދަވެ، ރަސްކަމުގެ ތަޚުތަށް ވެރިވިތާ, މާ ގިނަ ދުވަހެއް ނުވަނީހެެވެ. ތާރީޚު ބުނާ ގޮތުންނަމަ ޒަހަރު ދިނީއެވެ.

ރެހެންދި ޚަދީޖާ ދެވަނަ ކައިވެންޏެއް ކުރެއްވީ އެކަމަނާ ދެވަނަ ފަހަރަށް ތަޚުތަށް އިސްވިތާ، ހަތަރު އަހަރު ފަހުން 1345ގައެވެ. އެއީ އޭރު ގަނޑުވަރުގައި މަސައްކަތްކުރައްވަން އުޅުއްވި އަބްދުﷲ ވަޒީރާއެވެ. އަބްދުﷲ ވަޒީރު ވެސް އަވަހާރަވީ ރެހެންދި ޚަދީޖާގެ މައްޗަށް ގަދަވެ، ރަސްކަމުގެ ތަޚުތަށް ވެރިވުމަށް ފަހު، ދެވަރަކަށް އަހަރު ފަހުންނެވެ.

އެއަށް ފަހު ތިންވަނަ ފަހަރަށް ރެހެންދި ޚަދީޖާ ތަޚުތަށް އިސްވުމާ އެކު އޭނާ ވީ މީހުން ޖެހިލުންވި، ވަރުގަދަ ކަނބަލެއްގެ ގޮތުގައެވެ. އޭނާއާ ތަޚުތާ ދެމެދު ހުރަހަކަށް ވާން ބޭނުންވި އެކަކު ވެސް އޭގެ ފަހުން ނޫޅޭ ކަމަށް ވިއެވެ.

ގާތްގަނޑަކަށް 30 ވަރަކަށް އަހަރު ރަނިކަން ކުރެއްވި ރެހެންދި ޚަދީޖާއަކީ ދިވެހީންގެ ތެރޭ މިސާލު ނެގޭ ލީޑަރަކަށް ވީ ގޮތް މި ކުރު ފިލްމުގައި ވަރަށް ތަފުސީލުކޮށް ކިޔައިދީފައިވެއެވެ.

comment ކޮމެންޓް