ދާދިފަހުން ރިލީޒްކުރި ފިލްމު "ބޯޑާ 2"ގެ ހާއްސަ ރޯލެއް ކުޅުނު ކުރީގެ އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީއަށް ވަރަށް ރީތި އަސަރުގަދަ ލޯބީގެ ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ފިލްމަކީ މީގެކުރިންވެސް ވަރަށް ރީތި ލޯބީގެ ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރު ޝާދު އަލީގެ އުފެއްދުމެކެވެ. ޝާދު ގެނެސްދިން ރީތި ލޯބީގެ ފިލްމުތަކުގެތެރޭ 2002 ވަނަ އަހަރުގެ ފިލްމު "ސާތިޔާ"، 2005 ވަނަ އަހަރުގެ ފިލްމު "ބަންޓީ އޯރް ބަބްލީ"، "ޖޫމް ބަރާބަރު ޖޫމް" އަދި "ކިލް ދިލް" ފަދަ ފިލްމުތައް ހިމެނެއެވެ.
މި ފިލްމުގެ އަމަލީ މަސައްކަތް މި އަންނަ މަހުތެރޭ ފަށާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ޝާދުގެ ލޯބީގެ ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭން ނިންމި ނިންމުމާއެކު ވަރަށް ގިނަ ބަޔަކަށް އުފާވެރިކަމެއް ވަނީ ގެނުވާފައެވެ. ހަމައެއާއެކު އަހާން ޝެޓީ ފަދަ ޒުވާނަކަށް އެ ފިލްމުން ފުރުސަތު ދިނުމަކީ ވެސް ފިލްމަށް ލިބޭނެ އިތުރު ފުރިހަމަކަމެއްގެ ގޮތުގައި ބެލުންތެރިން ވަނީ ސިފަކޮށްފައެވެ.

ޑައިރެކްޓަރު ޝާދު އަލީ އަދި އެކްޓަރު އަހާން--ފޮޓޯ/ބޮލީވުޑްހަންގާމާ
އަހާން އިތުރު ލޯބީގެ ފިލްމަކަށް ތައްޔާރުވަމުން އަންނައިރު އަހާންގެ ފުރަތަމަ ފިލްމަކީ ވެސް ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ. ބަތަލާ ތާރާ ސުތާރިއާ މުހިއްމު ރޯލް ކުޅުނު ފިލްމު "ތަޅަޕް"އަކީ ތަމަޅަ ފިލްމެއްގެ ރިމޭކްއެކެވެ.
ފިލްމު "ތަޅަޕް"ގައި އަހާންގެ އެކްޓިން މޮޅު ނަމަވެސް ބޮކްސް އޮފީހުގައި ފިލްމަށް ކުރިމަތިވި ނާކާމިޔާބީއާ އެކު އަހާންއަށް ފިލްމު އިންޑަސްޓްރީގައި މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް ފިލްމު "ބޯޑާ 2"ގައި އަހާން ކުޅުނު ކެރެކްޓާއަށް ގިނަ ބައެއްގެ ތަރުހީބު ލިބުނުއިރު އެ ފިލްމު ހޯދަމުން އަންނަ ކާމިޔާބީއާ އެކު އަހާންގެ ފިލްމީ ކެރިއަރަށް ވެސް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ފިލްމު "ބޯޑާ 2"އިން އަހާން ވަނީ އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރެވިދާނެކަން ބެލުންތެރިންނަށް ދައްކައިދީފައި ކަމަށް ވެސް އެކްޓަރުގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.