ރާއްޖޭގައި ބާއްވާ ފުރަތަމަ "ޔުނިވާސަލް ހެލްތު ކަވަރޭޖް" ފޯރަމް ފަށައިފި

މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް(ޔޫއެޗްސީ ފޯރަމް) ފަށައިފި: މިއީ މިފޯރަމް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު: ފޮޓޯ/ ހެލްތު މިނިސްޓްރީ

މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ފޯރަމް ރާއްޖޭގައި މިއަދު ފަށައިފިއެވެ.

މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއި, ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އަދި ހެލްތު މިނިސްޓްރީ ގުޅިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ޔޫއެޗްސީ ފޯރަމެވެ.

ހެލްތު މިނިސްޓްރީން ބުނީ ޔުނިވާސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ)ގެ މަފްހޫމަކީ، އެކަށީގެންވާ ފެންވަރުގެ ސިއްހީ ޚިދުމަތް، ތަފާތެއް ނެތި އަދި އެއްވެސް މީހަކު ބާކީ ނުވާނޭހެން، އެމީހަކު ދިރިއުޅޭ ކޮންމެ ތަނަކުން ފަސޭހަކަމާއެކު ލިބެން ހުރުން ކަމަށެވެ.

ޔޫއެޗްސީ ހާސިލުކުރުމަކީ އދ ގެ މެންބަރު ގައުމުތަކުން 2015 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެކުލަވާލާ ފްރޭމްވޯކް (އެސްޑީޖީ)ގައި ކަނއަޅާފައިވާ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެއީ ގައުމެއްގެ ސިއްހީ ނިޒާމުގެ ފުރިހަމަކަން އަންދާޒާކޮށް، މިންކުރުމަށް ބަލާ ލަނޑުދަނޑިކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަދާއި މާދަމާ، ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދާ ޔޫއެޗްސީ ފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ބައިވެރިވާ ފަރާތްތައް ހިމެނޭހެން، 100 އަށްވުރެ ގިނަ ބައިވެރިން، އަމަލީގޮތުން ބައިވެރިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް(ޔޫއެޗްސީ ފޯރަމް) ގެ ތެރެއިން -- ފޮޓޯ/ ހެލްތު މިނިސްޓްރީ

މިނިސްޓްރީން ހާމަކުރި ގޮތުގައި މި ފޯރަމްގައި، ރާއްޖޭގެ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން، ގުޅުން ހުރި އެހެން އިދާރާތަކާއި ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ސިއްހީ ދާއިރާއިން ތަޢުލީމާއި ތަމްރީން ދީ، ދިރާސާ ކުރާ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަށް ވެސް ހިމެނެއެވެ.

މި ފޯރަމްގައި ރާއްޖެއިން ބޭރުން އެ ގައުމުތަކުގެ ތަޖުރިބާ ހިއްސާކުރުމަށް އިންޑިއާ، ބޫޓާން، ސްރީލަންކާ، އިންޑޮނޭޝިއާ އަދި ފިލިޕީންސް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ އިތުރުން، ޑަބްލިއުއެޗްއޯ، ޔުނިސެފް، ޔޫއެންޑީޕީ، އެފްއޭއޯ އަދި އައިއޯއެމް ފަދަ އދ ގެ އިދާރާތަކުން ބައިވެރިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. ހަމައެއާއެކު ސިއްހީ ކަންކަން ކުރިއަރުވައި، ގައުމުތަކަށް އެހީތެރިވާ ގްލޯބަލް ފަންޑު، ގަވީ، ވޯލްޑް ބޭންކް، އައިއެސްޑީބީ، އީއައިބީ އަދި ގޭޓްސް ފައުންޑޭޝަން ފަދަ ޑިވަލޮޕްމެންޓް ބޭންކްތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަށް ހިމެނެއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެސްޑީޖީގެ އަމާޒު 2030އަށް ހާސިލްކުރުމަށް އެ މިނިސްޓްރީން އަމާޒު ހިފާފައިވާއިރު، ރާއްޖޭގައި ޔޫއެޗްސީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ގާތްގަނޑަކަށް 70 އިންސައްތައިގައި ސާވިސް ކަވަރޭޖް އިންޑެކްސެއް، ހާސިލް ކުރެވިފައިވާކަމަށެވެ.

މިކަންކަން މިހެން ހުރިނަމަވެސް ދެމެހެއްޓެނިވި ތަރައްގީގެ ސިއްހަތުގެ ލަނޑުދަނޑި ހާސިލުކުރުމަށް ގިނަ ގޮންޖެހުންތައް އަދިވެސް ހުރިކަން މިނިސްޓްރީން ފާހަގަކުރިއެވެ.

އެގޮތުން ނޮން ކޮމިއުނިކޭބަލް ޑިޒީޒް (އެންސީޑީ) ނުވަތަ ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށްހުރި ގޮންޖެހުންތަކާއި ހެލްތު ފައިނޭންސިންއާއި، މުވައްޒަފުން ލިބުމުގެ ދަތިކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދުނިޔޭގެ ސިއްހީ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކުގެ ސަބަބުން މި ނިޒާމުގެ ނާޒުކުކަން އިތުރަށް ބޮޑުވެގެންދާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލައި ރާއްޖޭގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތަކާއި ސަރުކާރުން ފަށާފައިވާ ސިއްހީ ދާއިރާ ޑިޖިޓަލް ކުރުމުގެ ޕްލޭންއަށް ރިއާޔަތްކޮށް، ރާއްޖޭގައި ޔޫއެޗްސީ ހާސިލު ކުރުމަށް 2026އިން 2030އަށް މަގު ޗާޓެއް އެކުލަވައިލަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަސައްކަތުގައި ބައިނަލްއަގްވާމީ އިދާރާތަކުން ރާއްޖެއަށް ފަންނީ އަދި މާލީ އެހީތެރިކަން ދެވެންހުރި ދާއިރާތަކާ މެދު މި ފޯރަމްގައި މަޝްވަރާކޮށް ނިންމުންތައް ނިންމުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޔޫއެޗްސީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ފަރުދީ، އާއިލީ އަދި ޖަމާއަތުގެ ފެންވަރުގައި ފޯރުކޮށްދޭންޖެހޭ ސިއްހީ ޚިދުމަތްތައް ގާއިމުކޮށް، ދެމެހެއްޓުމަށްޓަކައި ސިއްހަތުގެ ސިޔާސަތުތައް އެކަށައެޅުމާއި، އެކިއެކި ޚިދުމަތްތައް ޔޫއެޗްސީ ގެ ލަނޑުދަނޑިތައް ހާސިލުވާނޭހެން އިންތިޒާމު ކުރުމަކީ ޔޫއެޗްސީގެ ސިޔާސަތުގެ އަސާސީ ސިފަތައްކަން މިނިސްޓްރީން ފާހަގަކުރިއެވެ.

comment ކޮމެންޓް