ފުރިޖު ހަލާކުވެގެން ބަހައްޓާފައި ހުރި ލޭ، ތެލަސީމިއާ ކުދިންތަކެއްގެ ގަޔަށް އެޅިއްޖެ

ލޭ ޕެކެޓެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވިއަން ބްލަޑް ސާވިސްގައި ލޭ ރައްކާކޮށްފައި ހުރި އަލަމާރިއަކަށް މައްސަލަ ޖެހިގެން އެހެން އަލަމާރިއަކަށް ބަދަލުކުރި ލޭ ޕެކެޓުތަކެއްގެ ތެރެއިން ތިން ޕެކެޓެއް، ޓެސްޓުނުކޮށް ތެލަސީމިއާ ކުދިންތަކެއްގެ ގަޔަށް އޮޅިގެން އެޅުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ސޯޝަލް މީޑިއާގައި މިއީ ކުނިވެފައިވާ ލޭ ކަމަށް އަޑުފެތުރުނު ނަމަވެސް، އެ އިދާރާގެ ޑިރެކްޓަރު ޖެނެރަލް އަހްމީމް ފާރިޝް ވަނީ އެކަން ދޮގުކުރައްވާފައެވެ. މި ހާދިސާ ހިނގި ގޮތް އެ އިދާރާއިން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

  • ލޭ ރައްކާކޮށްފައި ހުރި އަލަމާރިއަކަށް މައްސަލަޖެހުމުން އެހެން އަލަމާރިއަކަށް ބަދަލުކުރި ލޭތަކެއް އޮޅިގެން ބޭނުންކުރުން.
  • ޓެސްޓުނުކޮށް އޮޅިގެން ތެލަސީމިއާ ކުދިންތަކެއްގެ ގަޔަށް އެޅީ ތިން ލޭ ޕެކެޓު.
  • ކުނިވެފައިވާ ލޭ އެޅިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އެމްބީއެސްއިން ދޮގުކުރުން.
  • މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މޯލްޑިވިއަން ބްލަޑް ސާވިސްއިން ތަހުގީގުކުރުން.

ލޭ ރައްކާކޮށްފައި ހުރި އަލަމާރިއަށް މައްސަލަ ޖެހުމުން, އެހެން އަލަމާރިއަކަށް ބަދަލުކުރުމަށް ފަހު ބަހައްޓާފައި ހުރި ލޭ ޕެކެޓުތަކެއް، ކުދިންތަކެއްގެ ގަޔަށް 'އޮޅިގެން' އެެޅުނު މައްސަލައެއް މިއަދު ފެންމަތިވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އަންނަނީ ކުނިވެފައިވާ ލޭ ތެލެސީމިއާ ކުދިންތަކެއްގެ ގަޔަށް އަޅާފައިވާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)ގެ ޑިރެކްޓަރު ޖެނެރަލް އަހްމީމް ފާރިޝް ވިދާޅުވީ، ޕޭޝެންޓުންގެ ގަޔަށް އެޅުނީ ކުނިވެފައިވާ ލެއެއް ނޫން ކަމަށެވެ.

އެ ލެއަކީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ، ލޭ ރައްކާކޮށްފައި ހުރި އަލަމާރިއަށް މައްސަލަ ޖެހިގެން، ހަމަ އެ ރޭ އެހެން އަލަމާރިއަކަށް ބަދަކުކުރުމަށް ފަހު، ޓެސްޓުނުކޮށް ހުއްޓާ އެޅުނު ތިން ޕެކެޓް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުނިވެފައި ހުރި ލެއެއް ނޫން. އަލަމާރީގައި ލޭ ރައްކާކޮށްފައި ހުއްޓާ އަލަމާރި މައްސަލަ ޖެހުނީ 19 ދުވަހުގެ ރޭ. މައްސަލަ ޖެހިގެން މެސެޖު ލިބުމުން ހަމަ އެ ރޭ އޭގެ ރަނގަޅު އަލަމާރިއަށް ބަދަލުކުރީ. ދެން ވަކި ގޮތެއް ނުނިންމާ ހުއްޓާ ނަރުސް ކުދިންނަށް އެޅުނީ،" އެމްބީއެސްގެ ޑިރެކްޓަރު ޖެނެރަލް އަހްމީމް ފާރިޝް ވިދާޅުވިއެވެ.

އޭނާ ވަނީ މި ހާދިސާ ހިނގި ގޮތް އެމްބީއެސްއިން މިހާރު ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް