ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާއިން އިތުރު އެއްބާރުލުން ހޯދުމުގެ ގޮތުން އިންޑިއާ އެމްބަސީ އާއި ރާއްޖޭގެ ދައުލަތުގެ ބޭސް ކުންފުންޏާ މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްދާކަން ހާމަކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުންނެވެ. އެގޮތުން ދިވެހިރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާލަސުބްރަމާނިއަމާއި ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު, އިއްޔެ ބައްދަލު ކުރައްވާފައިވާ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.
ހައިކޮމިޝަނުން އެކްސްގައި އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި ސިއްހީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެއްވުމެވެ.

ރާއްޖެއަށް ވަރަށް އަސާސީ ބޭސް ލިބުން ވެސް މިހާރު ވަނީ ދަތިވެފައެވެ. ބޭސް ނުލިބިގެން އާއްމުންގެ ޝަކުވާތައް ވަރަށް އިތުރެވެ. އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ބޭހުގެ ބާވަތްތައް އެތެރެކުރާ އެއް ގައުމަށް ވުމާއެކު، އިންޑިއާގެ ބޭސް އުފައްދާ ބޮޑެތި ކުންފުނިތަކާ ސީދާ ގުޅުން ގާއިމުކުރުމަކީ ރާއްޖޭގެ ބާޒާރުގައި ބޭހުގެ އަގު ހެޔޮކުރުމަށާއި، ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް މުހިންމު ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
ޝާހް މި ފަހުން ވިދާޅުވެފައި ވަނީ ބޭސް ލިބުން ދަތިވަނީ ސިއްހީ ދާއިރާއާ އެއްވަރަށް ސަޕްލައިޗެއިން ތަރައްގީ ނުވެ އޮތުމުން ކަމަށެވެ.
ބޭސް ލިބުން ދަތިވެފައިވާއިރު މީގެ ކުރިން ރާއްޖޭގެ ސިއްހީ ވުޒާރާގެ އިސްވެރިން ވަނީ އިންޑިއާއަށް ދަތުރުތައް ކުރައްވައިގެން ވެސް ބޭސް ހޯދުމަށް މަޝްވަރާތައް ކުރައްވައިފައެވެ.
އިންޑިއާއަކީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ފުޅާ ދާއިރާއެއްގައި ބޭސް އުފައްދައި އެކްސްޕޯޓުކުރާ އެއް ގައުމެވެ. ރާއްޖޭގެ އާންމު ބަލިތަކަށާއި، ދިގުމުއްދަތަކަށް ފަރުވާކުރަންޖެހޭ ބަލިތަކަށް ބޭނުންކުރާ ގިނަ ބޭސްތަކަކީ އިންޑިއާއިން އެތެރެކުރާ ބޭހެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް އިންޑިއާއިން އަބަދުވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނައިރު، މިފަދަ މަޝްވަރާތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ހައިކޮމިޝަނުން ފާހަގަކުރެއެވެ.