ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިއަށްދާ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްއިން ދޭ ޝަރަފުވެރި އެވޯޑު 'ގޯލްޑަން ގްލޯބް ހޮރައިޒަން' އިންޑިއާގެ ބަތަލާ އާލިއާ ބަޓްއަށް ލިބިއްޖެއެވެ.
އާލިއާއަށް މި އެވޯޑު ދީފައި ވަނީ އިންޑިއާގެ ސިނަމާއަށް ބަތަލާ ކޮށްދެމުން އަންނަ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. މި އެވޯޑު އާލިއާއަށް ހަވާލުކޮށްދެއްވީ ގޯލްޑަން ގްލޯބްސްގެ ރައީސާ ކަމުގެ މަގާމު އަދާކުރައްވަމުން އަންނަ ހެލެން ހޮއިންއެވެ.
އެވޯޑު ހަވާލުކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ހެލެން ވިދާޅުވީ އިންޑިއާގެ އިތުރުން ބައިނަލްއަގުވާމީ ސްޓޭޖްތަކުގައި ވެސް އާލިއާ ހޯދަމުން އަންނަ ކާމިޔާބީއާ މެދު ފަޚުރުވެރިވާ ކަމަށެވެ.

ބަތަލާ އާލިއާ ބަޓް ގޯލްޑަން ގްލޯބްސްގެ ރައީސާ ހެލެން ހޮއިންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
އިންޑިއާގެ ސިނަމާއިން ފިލްމީ ދަތުރު ފެށުމަށްފަހު އިންޓަނޭޝަނަލް ސިނަމާގައި ވެސް އާލިއާ އަންނަނީ ކުރި ހޯދަމުން ކަމަށާއި މުސްތަގުބަލްގައި ވެސް ބަތަލާއަށް އެދެނީ އިތުރު ކުރިއެރުމާއި ކާމިޔާބީ ކަމަށް ހެލެން ވަނީ ވިދާޅުވެފައެވެ.
ގޯލްޑަން ގްލޯބްސްއިން އާލިއާއަށް އެރުވި ޝަރަފަކީ ބައިނަލްއަގުވާމީ ގައުމުތަކުން ވެސް ފިލްމީ ދާއިރާ އަދި ޓެލެވިޒަން އިންޑަސްޓްރީގައި މަސައްކަތްކުރާ އަންހެނުން ކުރާ މަސައްކަތްތައް ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށް އާލިއާ ވަނީ ބުނެފައެވެ.
އާލިއާ އަކީ އެންމެ ކުޑައިރުން ފެށިގެންވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުވެރިވި މީހެއް ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ހެދުނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުންނާއި ބަތަލާގެ ބުރަ މަސައްކަތުން ކަމަށް އާލިއާ ވަނީ ބުނެފައެވެ. އެހެންވެ އަމިއްލަ ނަފުސާ މެދު މިއަދު ފަޚުރުވެރިވާ ކަމަށް "ސްޓޫޑަންޓް އޮފް ދަ އިޔާ"އިން ފިލްމީ ކެރިއަރު ފެށި ބަތަލާ ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ފިލްމު "ޖިގްރާ"އިން ފެނުނު ބަތަލާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަންނަ އަހަރުގެ އޭޕްރިލް މަހުގެ 26ގައި ރިލީޒްކުރުމަށް ތާވަލުކޮށްފައި އޮތް ފިލްމު "އަލްފާ"އިންނެވެ. އާލިއާގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ފިރިމީހާ ރަންބީރު ކަޕޫރު އަދި ވިކީ ކޯޝަލްއާ އެކު މަސައްކަތްކުރާ ފިލްމު "ލަވް އެންޑް ވޯ" ވެސް ހިމެނެއެވެ.