އަދިތިޔަގެ ފިލްމު 'ދުރަންދާރް' ޢަރަބި ގައުމުތަކުގައި ދެއްކުން މަނާކޮށްފި

ފިލްމު "ދުރަންދާޜް"ގެ ޕޯސްޓަރެއް--ފޮޓޯ/މިޑް-ޑޭ

ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު އަދިތިޔަ ދާރުގެ ފިލްމު "ދުރަންދާރް" ޢަރަބި ގައުމުތަކުގައި ދެއްކުން މަނާކޮށްފިއެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކޮށް މިހާތަނަށް ބޮކްސް އޮފީހުގައި ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ މި ފިލްމު ޢަރަބި ގައުމުތަކުގައި ދެއްކުން މަނާކުރީ އެ ފިލްމަކީ 'އެންޓި-ޕާކިސްތާން ފިލްމް'އެއްގެ ގޮތުގައި ގިނަ ބަޔަކު ލޭބަލް ކުރުމާ ގުޅިގެންނެވެ.

މާޒީއަށް ބެލި ކަމުގައިވިޔަސް ފިލްމު "ދުރަންދާރް" އަރަބި ގައުމުތަކުގައި މަނާކުރާނެ ކަމަށް ގިނަބަޔަކު އުއްމީދުކުރި ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް އިންޑިއާއިން ޕާކިސްތާނާ ގުޅޭ މައުޟޫއުތަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމުތައް ޢަރަބި ގައުމުތަކުގައި މަނާކޮށްފައިވާތީ އަދިތިޔަގެ ފިލްމަށް މިގޮތަށް ދިމާވުމުން ހައިރާންކަމެއް ނުލިބޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން ޢަރަބި ގައުމުތަކުގައި ފިލްމު ދެއްކުމުގެ ހުއްދައަށް ޑައިރެކްޓަރު އަދިތިޔަ ދާރު މާކުރިން ވަނީ އެދިފައެވެ. ނަމަވެސް އެކަން އެ ގައުމުތަކުން ބަލައިގަނެފައިނުވާ ކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ.

ފިލްމު "ދުރަންދާރް"ގެ ޑައިރެކްޓަރު އަދި އެކްޓަރު ރަންވީރު ސިންގް--ފޮޓޯ/ޕީޕިންގްމޫން

ފިލްމު "ދުރަންދާރް" ދެއްކުން މަނާކުރި ޢަރަބި ގައުމުތަކުގެތެރޭ ބަހްރެއިން، ކުވައިތު، އޮމާން، ގަތަރު، ސަޢުދީ ޢަރަބިއްޔާ އަދި ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނެއެވެ.

މިފަހުން ބޮލީވުޑްއިން ގެނެސްދިން ފިލްމުތަކުގެ ތެރެއިން ގަރަބި ގައުމުތަކުގައި ދެއްކުން މަނާކުރި ފިލްމުތަކުގެތެރޭ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ފައިޓާ"، "އާޓިކަލް 370"، މި އަހަރު ރިލީޒްކުރި ފިލްމު "ސްކައި ފޯސް" އަދި "ދަ ޑިޕްލޮމެޓް" ހިމެނެއެވެ.

ބޮލީވުޑްގެ އޭ-ލިސްޓު ތަރިން ކަމަށްވާ ރަންވީރު ސިންގް، އަރުޖުން ރާމްޕާލް، އަކްޝޭ ކަންނާ، ސަންޖޭ ދަތު އަދި އާރް މާދްވަން ފަދަ ތަރިންނާ އެކު އުފެއްދި "ދުރަންދާރް"އަށް އިންޑިއާގައި ބޮޑު ތަރުހީބެއް ލިބެމުން އައި ނަމަވެސް ޕާކިސްތާނުގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި މި ފިލްމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

އެގޮތުން ފިލްމުގައި ގެނެސްދީފައިވާ ޕާކިސްތާނުގެ ކަރާޗީގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ލިޔާރީ ޓައުންގެ ވާހަކަ ގެނެސްދީފައި ވަނީ އެއްވެސް ކަހަލަ ތާރީޚީ ދިރާސާއެއްކޮށްފައި ނޫން ކަމަށާއި ގަބޫލުކުރަން ދަތި ވަރަށް ގިނަ ކަންކަން ފިލްމުގައި ހިމަނާފައިވާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ހަމައެއާއެކު ފިލްމުގައި ގެނެސްދީފައިވާ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26ގައި މުމްބާއީއަށް ދިން ޓެރަރިސްޓު ހަމަލާ ގެނެސްދީފައި ވަނީ ވަރަށް ޒިންމާދާރުކުޑަކޮށް ދެ ގައުމުގެ ދެމެދުގައި ފިތުނަވެރިކަން އުފެދޭ އުސޫލަކުން ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޑައިރެކްޓަރު އަދިތިޔަ ފިލްމުގައި ގެނެސްދިން ޕާކިސްތާނުގެ މަޝްހޫރު ގޭންގްސްޓާ ރަހްމާން ދަކައިޓްގެ ކެރެކްޓާ ގެނެސްދިނީ ވަރަށް ފުރިހަމައަށް ކަމަށާއި އެކަމަށްޓަކައި އަދިތިޔައަށް ތައުރީފު ހައްގު ކަމަށް ވެސް ޕާކިސްތާނަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އެހެންނަމަވެސް ދެ ގައުމުގެ ދެމެދުގައި ފިތުނަ ފަސާދަ އުފެއްދުމުގެ މަގްސަދުގައި ޕާކިސްތާނު މޮޓޯއަކަށް ހަދައިގެން ފިލްމުތައް އުފެއްދުން ހުއްޓާލުމަށް ޕާކިސްތާނުގެ ގިނަ ބަޔަކު ވަނީ އިންޑިއާގެ ފިލްމު ޕްރޮޑިއުސަރުންނަށް ގޮވާލާފައެވެ.

comment ކޮމެންޓް