ބޮލީވުޑްގެ އެކްޓަރު ކާތިކް އާރިއަން ހޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ޑަރެން އަރަނޮފްސްކީއާ އެކު މަސައްކަތްކޮށްފާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.
އޮސްކާ އެވޯޑު ވެސް ކާމިޔާބުކޮށްފައިވާ ޑަރެން އަކީ ހޮލީވުޑްގެ މަގުބޫލު ފިލްމުތައް ކަމަށްވާ "ބްލެކް ސްވޯން"، "ދަ ވޭލް" އަދި "ރިކުއިއެމް ފޯ އަ ޑްރީމް" ގެނެސްދިން ކުޅަދާނަ ފިލްމު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރެވެ.
View this post on Instagram
ފިލްމު އުފެއްދުމުގެ އިތުރުން އޭނާ އަކީ ވަރަށް ހުނަރުވެރި ލިޔުންތެރިއެއްވެސް މެއެވެ. ކާތިކް، ޑަރެންއާ އެކު މަސައްކަތްކުރާނެ ކަމަށް މީޑިއާތަކުން ބުނަން ފެށީ ޑަރެންގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ކާތިކްއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓުކުރަމުން އޭގެ ކެޕްޝަންއަކަށް ޑަރެން އަހާފައި ވަނީ ދެ މީހުން އެކީގައި ފަށާ ޕްރޮޖެކްޓްގެ މައުލޫމާތު ހިއްސާކުރިއަސް އެންމެ ރަނގަޅުތޯ ކަމަށެވެ.

ކާތިކްގެ ކުރިއަށް އޮތް ފިލްމު "ތޫ މެރީ މޭ ތެރޭ، މޭ ތެރާ ތޫ މެރީ"--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ކާތިކް ފަހުން ސޯޝަލް މީޑިއާގައި ޑަރެންއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ބުނެފައި ވަނީ ހޮލީވުޑްގެ ހުނަރުވެރި ފިލްމު ޑައިރެކްޓަރު ޑަރެން އަކީ ލެޖެންޑެއް ކަމަށެވެ. ހަމައެއާއެކު ދެ މީހުން އެކީގައި ސައި ބުއިމަށް ހޭދަކުރެވުނު ވަގުތުކޮޅާ މެދު އުފާކުރާ ކަމަށް ކާތިކް ވަނީ ބުނެފައެވެ.
ޑަރެންއާ އެކު ކާތިކް ޕްރޮޖެކްޓެއްގައި މަސައްކަތްކުރާނެ ކަމަށް މީޑިއާތަކުން ބުނަމުން އައި ނަމަވެސް އެކަން ދެ ފަރާތުންކުރެ އެއްވެސް މީހަކު މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ކާތިކް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި މަހުގެ 25ގައި ރިލީޒްކުރާ ދަރުމާގެ ފިލްމު "ތޫ މެރީ މޭ ތެރޭ، މޭ ތެރާ ތޫ މެރީ"އިންނެވެ.