މޯހިތު ސޫރީގެ ފިލްމަކުން އަދިތިޔަ ފެނުމުގެ ފުރުސަތު ބޮޑު

ޑައިރެކްޓަރު މޯހިތު ސޫރީ އަދި އެކްޓަރު އަދިތިޔަ ރޯއި ކަޕޫރު

ފިލްމު "އާޝިޤީ 2" އަދި މި ފަހުން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ސައްޔާރާ"ގެ ޑައިރެކްޓަރު މޯހިތު ސޫރީގެ ފިލްމަކުން އެކްޓަރު އަދިތިޔަ ރޯއި ކަޕޫރު އަލުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މޯހިތު އަލަށް އުފައްދަން ގަސްތުކުރާ ފިލްމަކީ އޭނާގެ ކެރިއަރުގެ އެންމެ މަގުބޫލު އެއް ފިލްމު ކަމަށްވާ "ސައްޔާރާ" ވެސް އުފެއްދި ޔަޝްރާޖް ފިލްމްސްއިން ގެނެސްދޭ ފިލްމެކެވެ.

އަންނަ އަހަރުގެ ތެރޭ މި ފިލްމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނައިރު ފިލްމާ ގުޅޭ މަޝްވަރާތައް އަދިތިޔަ ރޯއި ކަޕޫރާ އެކު ފަށާފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އަދިތިޔަ މީގެ ކުރިން ވެސް ފިލްމު "އާޝިޤީ 2"ގައި މޯހިތުއާ އެކު މަސައްކަތްކޮށްފައިވާތީ, މޯހިތުގެ އާ ފިލްމަށް ސޮއިކުރާނެކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ޝްރައްދާ ކަޕޫރު އަދި އަދިިތިޔަ ރޯއި ކަޕޫރު ފިލްމު "އާޝިޤީ 2"ގެ މަންޒަރެއްގައި--ފޮޓޯ/މިޑް-ޑޭ

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މޯހިތުގެ އާ ފިލްމުގެ ބަތަލާއަކީ ވެސް ކުރިން އޭނާއާ އެކު މަސައްކަތްކޮށްފައިވާ ފިލްމީ ތަރި ޝްރައްދާ ކަޕޫރެވެ. ނަމަވެސް, އެކަން މިހާތަނަށް ރަސްމީކޮށް އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ ޝްރައްދާގެ ބޮލީވުޑްގެ ކެރިއަރު ފެށީ ފިލްމު "އާޝިޤީ 2"އިން ކަމަށްވެފައި އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ގެނެސްދޭ ފިލްމަކަށް ޝްރައްދާ ނޫނެކޭ ބުނުމުގެ ފުރުސަތު ކުޑަކަމެވެ. ޚާއްސަކޮށް އަދިތިޔައާ އެކު ޝްރައްދާ މީގެކުރިން މަސައްކަތްކޮށްފައިވާތީ އަލުން އެ ޖޯޑު ސްކްރީނަށް ގެނައުމަކީ ދެ ތަރިންގެ ފިލްމީ ކެރިއަރަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ފިލްމު "އާޝިޤީ 2"އަށް ފަހު ޝްރައްދާ އާއި އަދިތިޔަ އެކީގައި ކުޅުނު ފިލްމަކީ ދަރުމާ ޕްރޮޑަކްޝަންސްއިން 2017ގައި ގެނެސްދިން "އޯކޭ ޖާނޫ"އެވެ. ނަމަވެސް އެ ފިލްމަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް