ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ބުނެ މައުރޫފް ދޫކޮށްލަން ގޮވާލައިފި

އެމްޑީޕީ ޕީޖީގެ މެންބަރުން: ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ބުނެ މައުރޫފް ދޫކޮށްލަން ގޮވާލައިފި -- ފޮޓޯ/

ސަރުކާރުން މަސްވެރީންނަށް ވީ ވައުދު ނުފުއްދާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މާލެ ކައިރީގައި ކުރަމުން އަންނަ އިހުތިޖާޖަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ބުނެ، އެ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ދޫކޮށްލަން ގޮވާލައިފިއެވެ.

މަޖިލީހުގެ އެމްޑީޕީގެ 11 މެންބަރުން ސޮއިކުރައްވާ ނެރުނު ބަޔާނުގައި ބުނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މަސްވެރިންނަށް ވައުދުވެވަޑައިގެންފައިވާ ކަންކަމުގެ ވައުދުތައް ފުއްދުމުގައި ސަރުކާރުން ވަނީ ވަރަށް ބޮޑަށް ފެއިލްވެފައި ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ގެނައުމަށް މަސްވެރިންނާއި، މަސްވެރި އާއިލާތަކުން ވޯޓު ދިނީ، ރާއްޖޭގެ މަސްވެރިކަން އައު ހަރުފަތަކަށް ގެންދަވާނެކަމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ ގުޅިގެން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

https://sun.mv/215168

ނަމަވެސް މި ސަރުކާރުން މަސްވެރިންނަށް ދަތިކުރަމުންދާކަމަށާއި، މިހާ ދަތި ދުވަސްވަރެއް އަދި ނުދެކޭ ކަމަށް މަސްވެރިން ބުނަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ބޮޑު ކަންނެލި މަސްވެރިން ފެށި ސުލްހަވެރި އިހުތިޖާޖަކީ ބާނާ ބޮޑުކަންނެލި ކިރުމަށްޓަކައި އެތައް ދުވަހެއް ވަންދެއް ކިޔޫގައި މަޑުކުރަންޖެހުން އާއްމުވެ، ކަންނެލި ކިރޭނެ ގޮތް ނުވުމާއި، ކަންނެލި ކިރުމަށްފަހު ފައިސާ ލިބުން އިންތިހާއަށް ލަސްވަމުންދިޔުމާއި، މަސްވެރިކަން ކުރުމަށް އެކި ގޮތްގޮތުން ދިމާވާ ދަތިތައް އިތުރުވަމުން އަންނާތީ، ހައްގުތައް ހޯދުމަށްޓަކައި ކުރާ އިހުތިޖާޖެއް ކަމަށެވެ.

އެގޮތުން އިހުތިޖާޖުކުރުމަށްޓަކައި ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ހައްގު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރީންނަށް ލިބިގެންވާ ކަމަށް، ޤާނޫނުއަސާސީގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއްގެ ބޭނުން ހިފަމުން ދަނިކޮށް، އިހުތިޖާޖު ނިމުމަކަށް ގެނައުމަށް ސަރުކާރުން ބޭނުންވެގެން އިހުތިޖާޖުގެ ބައިވެރިންގެ ތެރެއިން ބަޔަކު ވަނީ، ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ޤާނޫނާ ހިލާފަށް ހައްޔަރުކޮށްފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މައުރޫފް ހައްޔަރުކުރުން: މަސްވެރީންގެ އިހުތިޖާޖުގައި އޭނާ ދަނީ އިސްކޮށް ހަރަކާތްތެރިވަމުން -- ފޮޓޯ/ ރާއްޖެ ޓީވީ

އެ މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، އަނިޔާވެރިގޮތަކަށް ހައްޔަރުކޮށްފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި މައުރޫފް ވަގުތުން ދޫކޮށްލުމަށް ވަނީ ގޮވާލައިފައެވެ.

ހަމައެއާއެކު ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް ހުރަސްނޭޅުމަށާއި، މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް ވަނީ ގޮވާލައިފައެވެ.

ސަރުކާރުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމާއި، ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ފަސްޖެހުމެއްނެތި، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ދެމި އޮންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން، އެމްޑީޕީ ޕީޖީ

މަސްވެރީންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެނީސް އިހުތިޖާޖު ނުހުއްޓާނެ ކަމަށް އެ ޔޫނިއަނުން ބުނެފައިވާއިރު، ބިދޭސީ ފަޅުވެރިން ހައްޔަރުކުރާނެ ކަމަށް ފުލުހުން އިންޒާރުދީފައިވާ ކަމަށް އެ ޔޫނިއަނުން އިއްޔެ ބުނެފައިވެއެވެ.

މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން، ފުލުހުން ދޯންޏަކަށް އަރައި، ތިން މީހުން ހިފަހައްޓައިގެން ފުލުހުންގެ ލޯންޗަކަށް އަރުވާ މަންޒަރު ފެނެއެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން "ސަން"އަށް ބުނީ، މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވި ކަމަށެވެ. އެއަށްފަހު، އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އޭގެ ފަހުން ފުލުހުން ވަނީ، ދެ ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް އެ މުއައްސަސާއިން ބުންޏެވެ. އެ މީހުންގެ ތެރޭގައި މައުރޫފް ހިމެނޭކަން ފުލުހުން ފާހަގަކުރިއެވެ.

comment ކޮމެންޓް