އަނެއްކާވެސް 4 މަސާޖު ޕާލާ ބަލައި ފާސްކޮށް، ތިން ބިދޭސީން ބެލުމުގެ ދަށަށް ގެންގޮސްފި

ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނުގެ ތެރެއިން: ހަތަރު މަސާޖު ޕާލާއެއް އިއްޔެ ބަލައި ފާސްކުރި -- ފޮޓޯ/ އިމިގްރޭޝަން

ގަވައިދާ ޚިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިއްޔެ މާލޭގެ ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފައިވާ ކަމަށް, އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހުއްޓުވަން މަސައްކަތް ކުރާ ޓާސްކްފޯސްއިން އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި، ގަވާއިދާ ޚިލާފަށް އުޅެމުންދިއަ ތިން ބިދޭސީން އެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

އިމިގްރޭޝަނުން މަސާޖު ޕާލާއެއް ބަލައި ފާސްކުރުން: އެފަދަ ހަތަރު ތަނަކަށް ވަނީ ފިޔަވަޅު އަޅައިފައި -- ފޮޓޯ/ އިމިގްރޭޝަން

އިމިގްރޭޝަނުން ބުނީ އެ ހަތަރު މަސާޖު ޕާލާގައި ހިންގަމުންދިޔަ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް އިކޮނޮމިކް މިނިސްޓްރީން އަޅައިފައިވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަތަރު މަސާޖު ޕާލާ ބަލައި ފާސްކޮށް، ހަތަރު ބިދޭސީން ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި އެ ހަތަރު ތަނަށް ވެސް ފިޔަވަޅު އެޅި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނުގައި މީހަކު ބެލުމުގެ ދަށަށް ގެންދިޔުން: ހަތަރު މަސާޖު ޕާލާއެއް އިއްޔެ ބަލައި ފާސްކުރި -- ފޮޓޯ/ އިމިގްރޭޝަން

މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ރާއްޖޭގައި ހިންގާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އެކިއެކި އޮޕަރޭޝަންތައް ހިންގައި ދޭތެރެދޭތެރެއިން އެފަދަ ބައެއް ތަންތަން ބަންދުކޮށް, އެ ކުށް ކުރާ މީހުން ހައްޔަރު ވެސް ކުރެއެވެ.

ބިދޭސީން ގަވާއިދާ ޚިލާފަށް ކުރަމުން އަންނަ ވިޔަފާރިތައް ހުއްޓުވުމަށް މިހާރު ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ތަންތަން ބަލައި ފާސްކޮށް, ބައެއް ތަންތަން އަންނަނީ ބަންދު ކުރަމުންނެވެ. އަދި ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެއެވެ.

comment ކޮމެންޓް