ސިދާންތުގެ ކެރިއަރުގެ ފުރަތަމަ ބައޮޕިކް ފިލްމަށް ތަމަންނާ ސޮއިކުރިކަން ކަށަވަރުވެއްޖެ

އިންޑިއާގެ ބަތަލާ ތަމަންނާ ބާޓިއާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އެކްޓަރު ސިދާންތު ޗަތުރުވެދީގެ ކެރިއަރުގެ ފުރަތަމަ ބައޮޕިކް ފިލްމު "ވީ ޝަންތަރަމް"ގެ ބަތަލާ އަކީ ތަމަންނާ ބާޓިއާކަން ކަށަވަރުވެއްޖެއެވެ.

ތަމަންނާ ފިލްމަށް ސޮއިކުރިކަން ކަށަވަރުކޮށް އެ ފިލްމުގެ ޓީމުން ބަތަލާގެ ފަސްޓްލުކް ޕޯސްޓަރެއް ނެރެފައި ވަނީ ތަމަންނާ ފިލްމަށް ގެންދަން އުޅޭކަމަށް މީޑިއާތަކުން ބުނެފައި ވަނިކޮށެވެ.

ތަމަންނާގެ ފަސްޓްލުކް ޕޯސްޓަރުގައި ބުނެފައިވާގޮތުން ބަތަލާ ފިލްމުގައި ފެންނާނީ 'ޖަޔަޝްރީ'ގެ ނަމުގައި ގެނެސްދޭ ކެރެކްޓާއަކުންނެވެ.

ފިލްމު "ވީ ޝަންތަރަމް" އަކީ ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން އިންޑިއާގެ މަރާޓީ ސިނަމާއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ވަރުގަދަ ޝަހްސިއްޔަތެއް ކަމަށްވާ ވީ ޝަންތަރަމްގެ ހަޔާތަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ސިދާންތު ލީޑް ރޯލް ކުޅޭ މި ފިލްމަކީ އަބިޖީތު ޝިރިޝް ދޭޝްޕާންޑޭ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.

ސިދާންތު އަދި ތަމަންނާ ފިލްމު "ވީ ޝަންތަރަމް"ގައި ކުޅޭ ކެރެކްޓާ ދައްކާލި ފަސްޓްލުކް ޕޯސްޓަރުތައް--ފޮޓޯ/ހިންދުންސްތާންޓައިމްސް

އަބިޖީތު ގެނެސްދީފައިވާ މަގުބޫލު ފިލްމުތަކުގެތެރޭ "ޓޭބަލް ނަމްބަރު 21" އަދި "ވަޒީރު"ގެ އިތުރުން "ބްރީތު" ހިމެނެއެވެ. ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި "ވީ ޝަންތަރަމް"ގެ ވަރަށް ޚާއްސަ ރޯލަކުން އެކްޓަރު ފަރުދީން ޚާން ވެސް ފެންނާނެއެވެ. ނަމަވެސް އެކަން ފިލްމުގެ ޓީމުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ސިދާންތު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރި ދަރުމާގެ ލޯބީގެ ފިލްމު "ދަޅަކް 2"އިންނެވެ. ސިދާންތުގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ބަތަލާ މްރޫނާލްއާ އެކު ކުޅެފައިވާ ފިލްމު "ދޯ ދިވާނޭ ސެހެރް މޭ" ހިމެނެއެވެ.

ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ޕްރޮޑަކްޝަން ކުންފުނިން ގެނެސްދޭ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 20ގައެވެ.

comment ކޮމެންޓް