ޝާހުގެ ނަމުގައި ދުބާއީގައި ބިނާކުރާ ކޮމާޝަލް ޓަވަރުތައް ބޮޑު އަގުގައި ވިކިއްޖެ

އިންޑިއާގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ދުބާއީގެ ޕްރޮޕަޓީ ޑިވެލޮޕަރު ދަނުބެ ގްރޫޕުން ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ނަމުގައި އެ ސިޓީގައި ބިނާކުރާ "ޝާހްރުކްޒް ބައި ދަނޫބެ" ކޮމާޝަލް ޓަވަރުތައް ބޮޑު އަގުގައި ވިކި ހުސްވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު ދުބާއީ އެގްޒިބިޝަން ސެންޓަރުގައި ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަމުން ދަނޫބެ ގްރޫޕްގެ ފައުންޑަ އަދި ޗެއާމަން ރިޒްވާން ސަޖަން ބުނެފައި ވަނީ ޝާހުގެ ނަމުގައި ބިނާކުރާ ޓަވަރު އިއުލާނުކުރިތާ ކުޑަ ދުވަސްކޮޅެއްގެތެރޭގައި ވިކި ހުސްވެފައިވާ ކަމަށެވެ.

ދަނޫބެ ގްރޫޕުން ބިނާކުރާ މި ޓަވަރުތައް ވިއްކާލުމަށްފަހު ލިބުނު އާމްދަނީގެ އަދަދު 5،000 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 602 މިލިއަން އެމެރިކާ ޑޮލަރަ)ށް އަރާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި ކޮމާޝަލް ޓަވަރު ބިނާކުރުމަށް ދާނެ ޚަރަދު ގާތްގަނޑަކަށް 3،500 ކްރޯޑު ރުޕީސް (422 މިލިއަން ޑޮލަރަ)ށް އަރާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ޝާހުގެ ނަމުގައި ބިނާކުރާ މި ޓަވަރުތައް ނީލަމުގައި ވިއްކާލުމަށް ބޭއްވި ހަފުލާގައި ގާތްގަނޑަކަށް 7،000 މީހުން ބައިވެރިވިއިރު އޭގެތޭރެގައި ގިނައީ ރިއަލް އެސްޓޭޓް ވިޔަރާފީގައި މަސައްކަތްކުރާ މީހުންނެވެ.

ޝާހްރުކް ޚާން ދުބާއީގެ ޕްރޮޕަޓީ ޑިވެލޮޕަ ދަނުބެ ގްރޫޕުގެ އިސްވެރިންނާ އެކު--ފޮޓޯ/ފިލްމުފެއަ

ޖުމްލަ 55 ފަންގިފިލާ ހިމެނޭހެން ބިނާކުރާ "ޝާހްރުކްޒް ބައި ދަނޫބެ"ގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ 2029ގައެވެ. ޝާހުގެ އަމިއްލަ ނަމުގައި ދުބާއީ ފަދަ، ގިނަ ބައެއްގެ މެދުގައި މަގުބޫލު ސިޓީއެއްގައި އިމާރާތެއް ބިނާކުރުމަށް ނިންމި ނިންމުމަކީ ލިބުނު ޝަރަފެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެއީ، ހިތުގެ އަޑިން ކަމަކަށް އެދިއްޖެނަމަ އެކަމެއް ފުރިހަމަވާނެ ކަމުގެ ފުރިހަމަ ހެކި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ ދުބާއީގެ މަޝްހޫރު ވިޔަފާރިވެރިޔާ ރިޒްވާން ސަޖަން ބުނިގޮތުގައި މި ކޮމާޝަލް ޕްރޮޖެކްޓަކީ މިހާތަނަށް ދުބާއީގައި ހިންގޭނެ އެންމެ ކާމިޔާބު އެއް ވިޔަފާރީގެ ޕްރޮޖެކްޓެވެ.

ދުބާއީގެ ޝައިޚް ޒައިދު މަގުގައި ބިނާކުރާނެކަން އިއުލާނުކޮށްފައިވާ މި ޓަވަރަކީ ފިލްމީ ތަރިއެއްގެ ނަމުގައި ދުނިޔޭގައި މިގޮތަށް ބިނާކުރެވޭ ފުރަތަމަ އިމާރާތެވެ.

comment ކޮމެންޓް