އަންހެނުންގެ ހުރުމަތް ކަނޑާނުލުމަށް އިންޑިއާގެ މީޑިއާތަކަށް ހާދިކް ގޮވާލައިފި

އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ހާދިކް ޕާންޑޭ ލޯބިވެރިޔާ މަހީކާއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ހާދިކް ޕާންޑޭގެ ލޯބިވެރިޔާ މަހީކާ ޝަރުމާގެ ފޮޓޯތަކެއް އިންޓަނެޓުގައި ދައުރުވަމުން އަންނާތީ އަންހެނުންގެ ހުރުމަތް ކަނޑާ ނުލުމަށް މީޑިއާތަކަށް ހާދިކް ގޮވާލައިފިއެވެ.

އިންޑިއާގެ މަޝްހޫރު މޮޑެލް މަހީކާ ޝަރުމާ ދާދިފަހުން މުމްބާއީގެ ބަންޑްރާގައި ހުރި ރެސްޓޯރެންޓަކުން ބޭރަށް ނުކުތް ވަގުތު ރިޕޯޓަރުންތަކެއް ވަނީ އޭނާގެ ފޮޓޯތަކެއް ނަގާ ސޯޝަލް މީޑިއާގައި ދައުރުކޮށްފައެވެ.

އެގޮތުން ބައެއް ފޮޓޯގްރާފަރުން މަހީކާގެ ފޮޓޯ ނެގިއިރު އެކި އެންގަލްތަކުން ފޮޓޯ އާއި ވީޑިއޯ ނެގުމަށްފަހު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަނީ ދޫކޮށްލާފައެވެ.

ލޯބިވެރިޔާ މަހީކާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރުމާ ގުޅިގެން ހާދިކް ނެރެފައިވާ ބަޔާނެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް

މިކަމާ ގުޅިގެން ހާދިކް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ ލޯބިވެރިޔާ މަހީކާ ސިޑިމަތިން ހިނގާފައި ދިޔަ ތަންވަޅު ބަލާފައި ފޮޓޯ ނެގި ރިޕޯޓަރުންތަކަކީ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް އަދި އެއްވެސް އަޚުލާގެއް ތިބި ބައެއް ނޫން ކަމަށެވެ.

އެއީ އެއްވެސް އަންހެނަކާ މެދު އަމަލުކޮށްގެންވާނެ ގޮތެއް ނޫން ކަމަށާއި މީޑިއާތަކުގައި މަސައްކަތްކުރާ ފޮޓޯގްރާފަރުން ތަންކޮޅެއް ޒިންމާދާރުކަމާ އެކު އެ މީހުންގެ ވަޒީފާ އަދާކުރުމަށް ހާދިކް ވަނީ ގޮވާލާފައެވެ.

މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނަކީ ހާދިކް ވަރަށް އިހުތިރާމްކުރާ ބައެއް ކަމަށާއި ނަމަވެސް އެ މީހުންގެ އަމަލުތައް ހައްދެއްގެ ތެރޭގައި ގެންގުޅުމަށް އޭނާ ގޮވާލިއެވެ. އަދި މީހުންގެ ޒާތީ ދިރިއުޅުމަކީ ކޮންމެހެން ޕަބްލިކަށް އިޝްތިހާރުކުރުން މަޖުބޫރު ކަމެއް ނޫން ކަމަށް ވެސް ހާދިކް ވަނީ ބުނެފައެވެ.

މީގެކުރިން ކައިވެންޏެއްކޮށް ދަރިއަކުވެސް ހުރި ހާދިކް އާއި މަހީކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެތެރޭގައެވެ.

comment ކޮމެންޓް