ޚިދުމަތުގައި އެންމެ ގިނަ ދުވަސްވީ ހައިކޯޓުގެ ފަނޑިޔާރު، ނިޔާޒް ރިޓަޔާ ކުރައްވައިފި

ފަނޑިޔާރު ނިޔާޒް: އޭނާ ވަނީ 23 އަހަރުގެ ޚިދުމަތަށް ފަހު ރިޓަޔާކުރައްވައިފައި --

ހައިކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ޚިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު، މުހައްމަދު ނިޔާޒް ޝަރަފުވެރިކަމާއެކު މިއަދު މަގާމުން ވަކިވެވަޑައިގެންފިއެވެ.

ހައި ކޯޓުން ބުނި ގޮތުގައި މިއަދަކީ ފަނޑިޔާރު ނިޔާޒު އެ ކޯޓުގައި މަސައްކަތް ކުރައްވާ އެންމެ ފަހު ދުވަހެވެ. ނިޔާޒުވަނީ އިއްޔެ އޮތް ބައެއް ޝަރީއަތްތަކުގައި ބައިވެރިވެވަޑައިގެން، ދެ މައްސަލައެއްގެ ހުކުމް ވެސް ކުރައްވާފައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުން ވެސް މީގެ ދުވަސްކޮޅެއް ކުރިން އިސްތިއުފާ ދެއްވި ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރެއްވީ ސިއްހީ ސަބަބުތަކަކަށްޓަކައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް އޭގެ ތަފުސީލެއް ލިބިފައެއް ނުވެއެވެ.

ފަނޑިޔާރު ނިޔާޒު ރިޓަޔާ ކުރެއްވީ 23 އަހަރު ޝަރުއީ ދާއިރާއަށް ޚިދުމަތް ކުރެއްވުމަށް ފަހުގައެވެ. އޭނާ އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރީ 2022، ސެޕްޓެމްބަރު 30ގައި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށެވެ. އަދި ފަހުން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ކުރެއްވިއެވެ.

މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރެއްވި ފަނޑިޔާރު ނިޔާޒު ހައި ކޯޓަށް އައްޔަން ކުރެއްވީ ޖެނުއަރީ، 2018ގައެވެ. އެހެންކަމުން އޭނާއަކީ މި ވަގުތު އެ ކޯޓުގައި ހުންނެވި، ޚިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެވެ.

https://sun.mv/214295

މި އަހަރަކީ ކޯޓުތަކަށް ބޮޑެތި ބަދަލުތަކެއް އައި އަހަރެކެވެ. އެގޮތުން ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކޮށްފައިވާއިރު، އޭގެ ފަހުން ޖޭއެސްސީންވަނީ ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ބަލަން ފަށައިފައެވެ. އެ މައްސަލަތައް ބަލަމުން ދަނިކޮށް، އޭގެ ތެރެއިން މައްސަލައެއްގައި ހިމެނޭ ފަނޑިޔާރު މުހައްމަދު ފައިސަލް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

comment ކޮމެންޓް