ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ގުޅޭ މައްސަލައިގެ އަޑު އެހުންތައް، އަހަރެއްހާ ދުވަސް ފަހުން ދެވަނަ ފަހަރަށް ނިންމާލައިފިއެވެ.
މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެ މަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ނުކޮށްދީ ހިފެހެއްޓުމުން ސިވިލް ކޯޓަށް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ތެރެއިން އުފަންވި ކޭސްއެއްގެ އިސްތިއުނާފު އަޑުއެހުމެކެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވެސް ހައިކޯޓުން ނިންމިއެވެ. އެކަމަކު, އޭރު މައްސަލަ ބަލަމުން ދިޔަ ބެންޗު ބަދަލުވުމުން، މައްސަލަ ހުއްޓިފައި އޮތުމަށް ފަހު އަނެއްކާ ވެސް މައްސަލައިގެ އަޑު އެހުމެއް ބާއްވައި، އަލުން އަޑު އެހުންތައް ނިންމައިލީއެވެ.
ހައިކޯޓުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސެއިން ޝަހީދެވެ. އެކަމަކު ޝަހީދު ސުޕްރީމް ކޯޓަށް ޕްރޮމޯޓްކުރުމާ އެކު މައްސަލަ އޮތީ ހުއްޓިފައެވެ.
އޭގެ ގާތްގަނޑަކަށް އަހަރެއް ފަހުން، މައްސަލައިގެ އަޑު އެހުން ނިންމާލީ ފަހުން ހައިކޯޓަށް އައްޔަންކުރި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާގެ ރިޔާސަތުގައެވެ. ބެންޗުގައި ދެން ހިމެނެނީ ކުރިން ވެސް ބެންޗުގައި ހިމެނުނު ފާތިމަތު ފަރްހީޒާ އަދި ދީބާނާޒް ފަހުމީއެވެ.
ރައީސް ޔާމީން، އޭސީސީއާ އެކު ހެދި އެސްކްރޯ އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ހޯދަން ބޭންކް އޮފް މޯލްޑިވްސްއާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ބޭންކުންވަނީ ކުރިން ޝަރީއަތުގައި ބުނެފައެވެ. އެ ފައިސާ މިހާތަނަށް ވެސް ދޫނުކުރާތީ ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދަން ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓުގައި ދައުވާކުރީ ބޭންކާއި އޭސީސީއާ ދެކޮޅަށެވެ.
އެހެންވެ، ބޭންކުން އިޖުރާއީ ނުކުތާއެއް ނެގީ، އެ ދައުވާ ބޭންކުގެ މައްޗަށް ނުކުރެވޭނެ ކަމަށް ބުނެއެވެ. ނަމަވެސް އެ މައްސަލާގައި ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމުމުން ބޭންކުން ދިޔައީ ހައިކޯޓަށެވެ.
ހައިކޯޓުގައި ބީއެމްއެލްގެ ވަކީލުން ބުނީ, އެއްބަސްވުން ހެދީ ޔާމީނާއި އޭސީސީއާ ދެމެދު ކަމަށާއި އެ ބޭންކަކީ އެ ކޮންޓްރެކްޓްގައި ނުހިމެނޭ ބައިވެރިއެއް ކަމަށާއި އެހެންކަމުން ކޮންޓްރެކްޓަކާ ގުޅިގެން ދައުވާ ނުކުރެވޭނެ ކަމަށް ކޯޓުތަކުން ކުރިން ނިންމާފައިވާ ކަމަށެވެ. އަދި, އެ ކަމަކީ އިޖުރާއީ ނުކުތާއެއް ނެގި ނަމަވެސް އިބުތިދާއީ މަރުހަލާގައި ގޮތެއް ނިންމަން ޖެހޭ ފަދަ ކަމެއް ކަމަށް ވަކީލުން ބުންޏެވެ.
ބޭންކުގެ ވަކީލުން ބުނިގޮތުގައި ކަސްޓަމަރުންގެ އެކައުންޓްގައި ހުންނަ ފައިސާ އެ ފަރާތުގެ ހުއްދަ ނެތި އެހެން މީހަކަށް ދޫ ކުރުމުގެ ހައްގެއް ބޭންކަކަށް ނޯންނާނެއެވެ.
އެހެންވެ، ބޭންކުން އެދުނީ އެ މައްސަލާގައި ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި ދިނުމަށެވެ.
އޭސީސީއާ އެކު ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެ މަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާނުކޮށްދީ ހިފެހެއްޓުމުން ސިވިލް ކޯޓަށް ޔާމީން ހުށަހެޅުއްވި މައްސަލަ މަޑުޖައްސާލަން ހައިކޯޓުން ކުރިން ވަނީ އަމުރުކޮށްފައެވެ.