މައުލޫމާތު ދޫކުރަން ބޮޑު ޚަރަދެއް ހިނގާ، އިހުސާންގެ ޚިޔާލަކީ އާރުޓީއައިއަށް ފީއެއް ނެގުން

ހޯމް މިނިސްޓަރު އަލީ އިހުސާން: އޭނާ ވަނީ އާރްޓީއައިއަށް ފީއެއް ނަގަން ޚިޔާލު ދެއްވާފައި -- ފޮޓޯ/ އެމްއެންޔޫއެސްޔޫ

މައުލޫމާތު ހޯދުމާއި އެ ދޫކުރަން ދައުލަތުން ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށް ވިދާޅުވެ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހޯދަން އެދޭ މައުލޫމާތަށް ފީއެއް ނަގަން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އިއްޔެ ޚިޔާލު ދެއްވައިފިއެވެ.

ދައުލަތުގެ އިދާރާތަކުގައި ހުންނަ މައުލޫމާތު، ކޮންމެ މީހަކަށް ވެސް އެދުމުން ފޯރުކޮށްދޭންޖެހޭ ގޮތަށް ގާނޫނެއް ފާސްކުރީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައެވެ.

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންތަކެއް އިސް ނަގައިގެން ކުރިއަށްގެންދާ 'ނޯ ކެޕް ޖަސްޓް ފެކްޓްސް' ކެމްޕޭން ލޯންޗުކޮށްދެއްވަން އެ ޔުނިވާސިޓީއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އިހުސާން ވަނީ މައުލޫމާތު ހޯދުމާއި ފޯރުކޮށްދޭން ހިނގާ ޚަރަދުގެ މައްޗަށް ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެ ޚަރަދާ މެދު އޭނާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އެހެންވެ، ގިނަ ގައުމުތަކުގައި ހޯދަން އެދޭ މައުލޫމާތަށް ބަލާފައި ކޮންމެ ވެސް ވަރެއް ޗާޖްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ގިނަ ގައުމުތަކުގައި މިހާރު ޗާޖްކުރޭ އެ މައުލޫމާތަށް. ޕޭކުރަންޖެހޭ ކޮންމެ ވެސް ވަރެއް. ސަބަބަކީ އިޓް އިންވޯލްވްސް އަ ކޯސްޓް. އޭގެ ބެކްއެންޑްގައި،" އިހުސާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިހުސާން: އޭނާ ވިދާޅުވީ، ގިނަ ގައުމުތަކުގައި އާރްޓީއައިއަށް ޗާޖްކުރާ ކަމަށް -- ފޮޓޯ/ އެމްއެންޔޫއެސްޔޫ

އޭގެ މިސާލެއް ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވަރަށް ފަހުން ބޭއްވި ރަސްމިއްޔާތެއްގައި ކެއްކީ ކިތައް މީހުންނަށްތޯއާއި ޚަރަދުވި ވަރުގެ އިތުރުން ވަކި ބޭފުޅަކު ކެއީ ކިހާ ވަރަކަށްތޯ ބަލަން މީހަކު އެދުނު ކަމަށެވެ. އެއީ، ހޯދަން ވަރަށް ދަތިވާނެ މައުލޫމާތެއްކަން ފާހަގަކުރައްވައި އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"ކިހިނެއް އެ ހިސާބު ޖަހާނީ؟ 50 ގުޅަ ހަވީރު ސަޔަށް ހެދީ، އަހުމަދު އެ ރަސްމިއްޔާތަށް އައިސް ކެއީ ކިތައް ގުޅަހޭ؟ އަހަންޏާ ހަމަ ސިޓީއެއްގައި ޖަހާފައި މަހޯލި ޕޯޓަލް ތެރެއިން ފޮނުވާލަންވީ.... ޒިންމާދާރުކަމާ އެކު ބޭނުންކުރެވޭނެ ގޮތެއް އަޅުގަނޑުމެން އެންމެން ވެގެން އެބަޖެހޭ ޖެނަރޭޓްކުރަން،" އޭނާ ވިދާޅުވިއެވެ.

އެ ޚިޔާލު ދެއްވި ނަމަވެސް އިހުސާން ވަނީ ފަހަރުގައި މިހާރު އޮތް ގޮތް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ވެދާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު، އެއީ ބޮޑު ޚަރަދެއް ހިނގާ ކަމެއްކަން ތަކުރާރުކޮށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން، ދައުލަތުގެ ކޮންމެ އިދާރާއެއްގައި މިހާރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަންނަ ރިކުއެސްޓްތަކަށް ޖަވާބުދޭން އިންފޮމޭޝަން އޮފިސަރެއް ހުރުން ލާޒިމުވާ ކަމަށާއި އަދި އޭނާގެ އަމަލުތައް ބަލަން އެޕީލް އޮފިސަރެއް ވެސް ހުންނަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

https://sun.mv/205863

އެހެންވެ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ވެސް ޒިންމާދާރުކަމާ އެކު ބޭނުންކުރާ ހައްގަކަށް ހަދަންޖެހޭ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިހާރު ވެސް މައުލޫމާތު ހޯދަން ފޮނުވާ ރިކުއެސްޓްތަކުން ފީއެއް ނެގޭނެ ގޮތް ގާނޫނުގައި އޮވެއެވެ. އެކަމަކު، އެއީ މައުލޫމާތު ހޯދުމަށާއި ބެލުމަށާއި އެއްކުރުމަށާއި ކަށަވަރުކުރަން ކުރާ މަސައްކަތަށް ނަގާ އަގަކަށް ވެގެންނުވާނެ ކަމަށް ގާނޫނުގައި ލިޔެފައި އޮވެއެވެ. އަދި، މާލީ ގޮތުން ތަނަވަސްކަން ނެތް މީހުންނަށް ހުރަހަކަށްވާ ގޮތަށް ވެސް ފީ ނަގައިގެން ނުވާނެ ކަމަށް ގާނޫނުގައި އޮވެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން އެދޭ މައުލޫމާތުތަކަށް ފީއެއް ނެގުމަކީ ރަނގަޅު ކަމެއް ކަމަށް ދޭހަވާ ފަދަ މޭރުމަކުން މިނިސްޓަރު އިހުސާން ވާހަކަދެއްކެވިއިރު، ހޯދަން އެދޭ މައުލޫމާތުތައް ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްނުދޭ މައްސަލަ މި ފަހުން ވަނީ ވަރަށް ބޮޑުވެފައެވެ. އެ ފަދަ ބައެއް މައުލޫމާތުތަކުގެ މައްސަލަ ކޯޓުތަކުގައި ވެސް ހުރިއިރު، މައުލޫމާތު ހޯދަން އެތައް ދުވަހެއް ހޭދަކުރަންޖެހެއެވެ.

ފަސޭހައިން ލިބެން ހުންނަ މައުލޫމާތު ވެސް ފޯރުކޮށްނުދޭ ކަމުގެ ކަންބޮޑުވުން ބޮޑެވެ.

comment ކޮމެންޓް