ސަން ސިޔާމް ރިސޯޓްސްއިން ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވާ 'ވަރަ އެކްސްޕޯ 2026' މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު މި އެކްސްޕޯ ރަސްމީކޮށް ފައްޓަވައިދެއްވީ ދައުލަތުގެ ބަންޑާރަނައިބު އަހްމަދު އުޝާމުއެވެ. މި އެކްސްޕޯގައި އެގްޒިބިޓަރުންގެ ގޮތުގައި 178 ފަރާތަކުން ބައިވެރިވެއެވެ.
އެކްސްޕޯގައި 'ސަން' އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސަން ސިޔާމް ރިސޯޓްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒުލައިޚާ މަނިކު ވަނީ، މި އަހަރުގެ ވަރަ އެކްސްޕޯގައި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަކީ ލިބުނު ބޮޑު ޝަރަފެއްކަން ފާހަގަކުރައްވާފައެވެ.
'ވަރަ އެކްސްޕޯ 2026'ގެ ތެރެއިން --- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲހަމައެއާއެކު އެ ކުންފުނިން ޒުވާނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތުގައި ވެސް މިއަދަކީ ވަރަށް ތާރީޚީ ދުވަހެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒުލައިޚާ ވަނީ މި އެކްސްޕޯގައި ބައިވެރިވުމަކީ އެ ކުންފުނީގެ ޗެއާމަން އޮނަރަބަލް އަޙްމަދު ސިޔާމް މުޙައްމަދުގެ އިސްނެންގެވުމުގެ ދަށުން، ޒުވާނުން ބާރުވެރިކުރުވައި، ފުރުސަތުތައް ފަހިކޮށްދިނުމަށް އެ ކުންފުނިން ނެގި އިނީޝިއޭޓިވްއެއްކަން ފާހަގަކުރައްވައިފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހި ޒުވާނުން ކުރިއަރައި، ކުރީ ސަފުގައި އަބަދުވެސް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ޗެއާމަން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް. [އެކަމަށް ޚާއްސަކޮށް] ދެން މިއަދުގެ އެކްސްޕޯގެ ތެރެއިން ސަން ސިޔާމް އެކަޑަމީ އަޅުގަނޑުމެން މި ލޯންޗުކުރީ،ސަން ސިޔާމް ރިސޯޓްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒުލައިޚާ މަނިކެ
މި އެކްސްޕޯގެ ތެރެއިން 'ސަން'އަށް ދެއްވި އިންޓަވިއުއެއްގައި ސަން ސިޔާމް ރިސޯޓްސްގެ ޑިރެކްޓާ އޮފް ހިއުމަން ރިސޯސަސް އެންޑް ޓެލެންޓް ޑިވެލޮޕްމަންޓް އަޙްމަދު އިބްރާހީމް ވިދާޅުވީ، ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެ، ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ ސަން ސިޔާމް އެކަޑަމީ ލޯންޗުވުން ކަމަށެވެ.
'ވަރަ އެކްސްޕޯ 2026'ގެ ތެރެއިން --- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲއޭނާ ވިދާޅުވި ގޮތުގައި ސަން ސިޔާމް އެކަޑަމީއަކީ ހޮސްޕިޓާލިޓީ ދާއިރާގައި ބާއްވާ ޓްރެއިނިންތަކަކީ ސެޓިފައިޑް އަދި އޮގަނައިޒްކޮށް ކުރިއަށްގެންދިއުމުގެ ގޮތުން ތައާރަފުކުރި އެކަޑަމީއެއް ކަމަށެވެ. އެގޮތުން މުސްތަގުބަލުގައި ސެޓްފިކެޓް ލެވެލް ތިނެއް އަދި ހަތަރެއްގެ އިތުރުން ޑިޕްލޮމާ ލެވެލްގައި އެކަޑަމީ މެދުވެރިކޮށް ހޮސްޕިޓާލިޓީ ދާއިރާއިން އުނގެނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އަޙްމަދު ވަނީ ވިދާޅުވެފައެވެ.
މިއީ ވަރަށް ތާރީޚީ ދުވަހެއް އަޅުގަނޑުމެން ސަން ސިޔާމް ރިސޯޓްސްގެ ހަޔާތުގައި. މި ފުރުސަތުގައި އަޅުގަނޑުމެންގެ ޗެއާމަން އޮނަރަބަލް އަހްމަދު ސިޔާމް މުޙައްމަދަށް ވަރަށް ބޮޑު ޝުކުރެއް ދަންނަވަން. ޚާއްސަކޮށް ދިވެހި ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާގައި ހުނަރާއި ފަންނު ތަރައްގީކުރުމަށް އެ ދެއްވާ އެއްބާލުމާއި އެ ހުންނަ ވިޝަން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމެއް،ޑިރެކްޓާ އޮފް ހިއުމަން ރިސޯސަސް އެންޑް ޓެލެންޓް ޑިވެލޮޕްމަންޓް އަޙްމަދު އިބްރާހީމް
އަޙްމަދު ވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަން ސިޔާމް ރިސޯޓްސްގެ ފަރާތުން ނެޝެނަލް އެޕެރަންޓިސްޝިޕް ޕްރޮގްރާމު އިފްތިތާޙުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ބޭނުމަކީ ދިވެހި ޒުވާނުންނަށް ނެޝެނަލް ލެވެލްއެއްގެ ސެޓްފިކެޓެއް ހޯދައިދިނުން ކަމަށް އަޙްމަދު ވަނީ ވިދާޅުވެފައެވެ.
ވަރަ އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށީގެން މި ހަފުތާ ބަންދުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:30 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.
'ވަރަ އެކްސްޕޯ 2026'ގެ ތެރެއިން --- ސަން ފޮޓޯ: މުޙައްމަދު ޝާތިއު އަބްދުﷲސަރުކާރުގެ ވުޒާރާތަކާއި، ދައުލަތުގެ މުއައްސަސާތައް އަދި އަމިއްލަ ވިޔަފާރިތައް ގުޅިގެން ކުރިއަށްގެންދާ މި އެކްސްޕޯއަކީ، ރާއްޖޭގެ ވަޒީފާގެ މައިދާނުގައި ހުރި ފުރުޞަތުތަކާއި، ޒަމާނަށް ބޭނުންވާ މުހިންމު ހުނަރުތައް އަދި އުފެއްދުންތެރިކަން ދައްކާލުމަށް ރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. މި އެކްސްޕޯގެ އެންމެ މައިގަނޑު ބޭނުމަކީ ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް އަލަށް ނުކުންނަ ޒުވާނުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ ބޭނުންތެރި މަޢުލޫމާތުތައް ޙިއްޞާކުރުމުގެ ފަހި މާހައުލެއް ޤާއިމުކޮށްދިނުމެވެ.
މި އެކްސްޕޯ ކުރިއަށްދަނީ މައިގަނޑު 4 ޒޯނަކަށް ބަހާލައިގެންނެވެ. އެއީ:
- ކެރިއަރ ޒޯން (45 ބައިވެރިން)
- އެޑިއުކޭޝަން ޒޯން) 35 ބައިވެރިން)
- ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން) 23 ބައިވެރިން)
- މާކެޓް ޒޯން 73 ބައިވެރިން)
ހޯމް މިނިސްޓްރީން ބުނި ގޮތުގައި މި އެކްސްޕޯ ވެގެންދާނީ ތަޢުލީމީ މަރުޙަލާ ނިންމައި މަސައްކަތުގެ މައިދާނަށް ނުކުންނަ ޒުވާނުންނަށާއި، ވަޒީފާގެ އައު ފުރުޞަތުތައް ހޯދަން އެދޭ ފަރާތްތަކަށް ބޭނުންތެރި މަޢުލޫމާތާއި މަގުދެއްކުން ލިބިގެންދާނެ މުހިންމު މަންސައަކަށެވެ.
"ވަރަ އެކްސްޕޯ 2026" އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް މި އެކްސްޕޯގެ ރަސްމީ ވެބްސައިޓް އިން ލިބޭނެއެވެ.