ވަރަ އެކްސްޕޯގައި މިފަހަރު 178 ފަރާތަކުން ބައިވެރިވާ ކަމަށާއި މިފަހަރުގެ އެކްސްޕޯއަކީ ކެރިއާ ބިލްޑު ކުރުމަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށް ހޯމް މިނިސްޓްރީއިން ބުނެފިއެވެ.
'އެސްއެސް ޓީވީ'ގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒުލައިޚާ ރަފީއު ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެކްސްޕޯގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ.
ޒުލައިޚާ ވިދާޅުވީ ޒުވާނުންނަށް ޚާއްސަކޮށް އަދި ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ގޮތަަށް ފަރުމާކޮށްފައިވާ މިފަހަރުގެ ވަރަ އެކްސްޕޯގައި 178 ފަރާތަކުން ބައިވެރިވާ ކަމަށާއި އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މިވަގުތު ހުރި ވަޒީފާތަކަކީ ކޮބައިކަން އަންގައިދިނުމާއި މަތީތައުލީމުގެ ދާއިރާގައި ހުރި ފުރުސަތުތަކަކީ ކޮބައިކަން އަންގައިދިނުން ކަމަށެވެ.
މިފަހަރުގެ އެކްސްޕޯގައިވެސް އެބަ ހިމެނޭ ވަޒީފާ ދޭ ފަރާތްތަކާ، ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާ، އަދި ތަފާތު އެކިއެކި ހުނަރުތައް ދައްކުވައިދޭ ފަރާތްތަކާ، ސަރުކާރުގެ އެކިއެކި ވުޒާރާތަކާ، ދެން އިދާރާތަކާ އަމިއްލަ ކުންފުނިތަކާ، އެސްއޯއީތަކާ މި ހުރިހާ ވައްތަރެއްގެ ބޭފުޅުން އަޅުގަނޑުމެންނާ އެކުގައި އެބަ ބައިވެރިވެވަޑައިގަންނަވާ. ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒުލައިޚާ ރަފީއު
ޒުލައިޚާ ވަނީ މިފަހަރުގެ އެކްސްޕޯގައި މަތީތައުލީމު ފޯރުކޮށްދޭ ރާއްޖޭގެ ވަރަށް ގިނަ ފަރާތްތަކެއްގެ އިތުރުން ބޭރުގެ އެކި ފަރާތްތަކުން ރާއްޖެއަށް ހުޅުވާލާ އެކި ސްކޯލާޝިޕްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އެމްބަސީތަކުން ވެސް މި އެކްސްޕޯގައި ބައިވެރިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިނގިރޭސިވިލާތަކާއި އޮސްޓްރެލިއާގެ އިތުރުން ޖަޕާނު އެމްބަސީއާއި ސްރީލަންކާ އަދި އިންޑިއާފަދަ އަވައްޓެރި ގައުމުތަކުގެ އެމްބަސީތަކުންވެސް މި އެކްސްޕޯގައި ބައިވާކަން ޒުލައިޚާ ފާހަގަކުރެއްވިއެވެ.
"އެހެންވީމަ މި ހުރިހާ ފަރާތްތަކުން ބައިވެރިވާއިރު، މިއީ އަސްލު ކެރިއާއެއް ބިލްޑުކުރަން ބޭނުންވާ ފަރާތްތަކަށް، ކުރިއަށްދާން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތުވެސް މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެ. ކެރިއާ ގައިޑެންސް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ލިބިގެންދާނެ." ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒުލައިޚާ ރަފީއު ވިދާޅުވިއެވެ.
ޒުލައިޚާ ވަނީ މި އެކްސްޕޯއަކީ އޯލެވެލް ނިމިފައިވާ ދަރިވަރުންނަށް ކުރިއަށްދިއުމަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. މި އެކްސްޕޯގެ ތެރެއިން އެ ކުދީންނަށް ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުވެ އެ މައުލޫމާތުތައް ލިބިގެންދާނެ ކަމަށްވެސް ޒުލައިޚާ ވަނީ ވިދާޅުވެފައެވެ.
މި އެކްސްޕޯ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 16:30 ފެށިގެން ރޭގަނޑު 23:00 އަށެވެ.