މޯލްޑިވްސް ކަސްޓަމްސް ސަވިސްގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމުގެ ގޮތުން، ސަވައިލަންސް ޑްރޯން އަދި ބޮޑީވޯން ކެމެރާ ރަސްމީކޮށް ބޭނުންކުރަން ނިންމައިފިއެވެ.
މި ވަސީލަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ކަސްޓަމްސްގެ ޚިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ޚާއްޞަ ޖަލްސާގައެވެ.
ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި އަލަށް ބޭނުންކުރަން ފެށި ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުން ހަދިޔާކޮށްފައިވާ ވަސީލަތްތަކެއްކަމަށް ސަރުކާރުން ބުނެއެވެ.
މީގެއިތުރުން އޮފިސަރުންގެ މަސައްކަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާ ސަރުކާރުން ހަދިޔާކުރި ތަކެއްޗެއް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މި ވަސީލަތްތަކުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމާއި، ކަނޑުމަގުންނާއި ވައިގެމަގުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންތައް މޮނިޓަރކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.
https://x.com/HomeMinistrymv/status/2124493215789384118
މި ޖަލްސާގައި ކަސްޓަމްސްގެ 136 އަހަރުވީ ދިގު ތާރީޚުގެ މައްޗަށް އެކުލަވާލާފައިވާ ޚާއްޞަ ފޮތެއްވެސް ވަނީ ނެރެފައެވެ.
"އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ޚިދުމަތުގައި 136 އަހަރު" މި ނަމުގައި ނެރުނު މި ފޮތުގައި، ކަސްޓަމްސް އުފެދިގެން އައި ގޮތާއި އެ މުއައްސަސާގެ ތާރީޚީ މުހިންމު ލަނޑުދަނޑިތަކުގެ މަޢުލޫމާތު ވަނީ ހިމަނާފައެވެ.
މީގެ އިތުރުން، މުއައްސަސާއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އަދި ފާހަގަކޮށްލެވޭ މަސައްކަތްތައް ކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އިނާމާއި ޝަރަފުގެ ކުލަ ވަނީ އަރުވާފައެވެ.
އެގޮތުން، ކަސްޓަމްސް އޮފިސަރުންނަށް ދެވޭ އެންމެ މަތީ ޝަރަފު ކަމުގައިވާ 'ރައީސުލްޖުމްހޫރިއްޔާގެ ކުލަ' 4 އޮފިސަރަކަށް ވަނީ އަރުވާފައެވެ. އަދި ޚިދުމަތުގައި 20 އަހަރު ހޭދަކުރެއްވި 29 އޮފިސަރަކަށް ރަން ބެޖު އެރުވިއިރު، ފާހަގަކޮށްލެވޭ ޚިދުމަތްތެރިންނަށް ދޭ ކޮމިޝަނަރ ޖެނެރަލްގެ އެވޯޑު 28 އޮފިސަރަކަށް ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖޭގެ ބޯޑަރުތަކުން އެތެރެކުރެވޭ އަދި ބޭރުކުރެވޭ މުދަލާއި، އުޅަނދުފަހަރާއި، ފަސިންޖަރުން ބެލެހެއްޓުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާ ކަސްޓަމްސް އަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ދައުލަތަށް ލިބޭ އާމްދަނީ އެއްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އިދާރާއެކެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު މިފަދަ ވަސީލަތްތައް ތަޢާރަފުކުރުމަކީ، ގާނޫނާ ޚިލާފު ތަކެތި އެތެރެވުން ހުއްޓުވުމަށާއި، ވިޔަފާރިތަކަށް މުދާ ކްލިއަރ ކުރުމުގެ ކަންކަން އަވަސް އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ބުނެއެވެ.