ހާލުގައި ޖެހިފައިވާ ލަންކާއަށް އެހީވާން ސަން ސިޔާމް ގްރޫޕުގެ ކުންފުނިތަކުގެ ފަންޑްރެއިޒިން ފޯރިއާއެކު ކުރިއަށް

ފަންޑްރެއިޒިން ހަރަކާތުގައި ސަން ސިޔާމް ހެޑް އޮފީހުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވަނީ -- ސަން ފޮޓޯ

އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ކާރިސާގައި، އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ސަން ސިޔާމް ގްރޫޕުގެ ހުރިހާ ކުންފުނިތަކަކުން ފަންޑްރެއިޒިންގެ މަސައްކަތް ފަށައިފިއެވެ.

ތޫފާން ދިތުވާގެ ސަބަބުން ލަންކާއަށް ވަރަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. މެދުނުކެނޑި ގިނައިރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ކޯރުތައް ފުރި ބަންޑުންވެ ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތަކުގައި 300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެތައް ސަތޭކަ ބަޔަކު ވަނީ ގެއްލިފައެވެ.

މި ދަނޑިވަޅުގައި ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަން ސިޔާމް ގްރޫޕުގެ ހުރިހާ ކުންފުންޏަކުން ވެސް ފަންޑްރެއިޒިންގެ ހަރަކާތްތައް ކުރިއަށް ގެންދަވަން ސަން ސިޔާމް ގްރޫޕުގެ ބާނީ އަހްމަދު ސިޔާމް މުޙައްމަދު ވަނީ ވަރަށް ޚާއްސަ އިރުޝާދުފުޅެއް ދެއްވައިފައެވެ.

ސަން ސިޔާމްގެ ރިސޯޓެއްގައި ފަންޑްރެއިޒިން ހަރަކާތް ފެށުމުގެ ތެރެއިން -- ސަން ފޮޓޯ
މި ފަންޑްރެއިޒިން މަސައްކަތުގެ ދަށުން ސަން ސިޔާމް ހެޑް އޮފީހުގައާއި، ރާއްޖޭގައި ހިންގަމުން އަންނަ ސަން ސިޔާމްގެ ފަސް ރިސޯޓު ކަމަށްވާ، ސިޔާމް ވޯލްޑާއި, އިރުފުއްޓާއި، ވިލުރީފުގެ އިތުރުން އިރުވެއްޔާއި އޮޅުވެލީގައި ވެސް ވަނީ ފަންޑު ފޮށިތައް ބަހައްޓައިފައެވެ. އަދި ސަން ސިޔާމް މީޑިއާގެ އޮފީހުގައި ވެސް ފަންޑު ފޮށި ބަހައްޓައިފައިވެއެވެ.

މި ހަރަކާތް އިއްޔެއިން ފެށިގެން 10 ދުވަހަށް ކުރިއަށް ގެންދާނެއެވެ.

ރިސޯޓްތަކުގައި ބަހައްޓާފައިވާ ފަންޑު ފޮށިތަކަށް ފަތުރުވެރިން ވެސް އެހީ ދެމުން އަންނަކަން ސަން ސިޔާމް ގުރޫޕުން ވަރަށް އުފަލާއެކު ފާހަގަކުރެއެވެ.

ސަން ސިޔާމް ރިސޯޓެއްގައި ހުރި ފަންޑް ފޮއްޓަށް ފަތުރުވެރިއަކު ފައިސާގެ އެހީ ލަނީ -- ސަން ފޮޓޯ
މި ޚާއްސަ ހަރަކާތާ ގުޅޭގޮތުން ކުންފުނީގެ ބާނީ، މެނޭޖިން ޑިރެކްޓަރު އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވީ، އެ މަނިކުފާނުގެ ކުންފުނިތަކުގައި މަސައްކަތްކުރައްވާ ލަންކާ މުވައްޒަފުންގެ އަދަދު ވެސް ގިނަ ކަމަށާއި، އެހެންކަމުން މި ހަރަކާތަކީ މި ހިތާމަވެރި ދަނޑިވަޅުގައި އެ މުވައްޒަފުންނާ އެކު ކުންފުނި އޮތްކަން ހާމަކޮށްދޭ މުހިންމު ކަމެއް ކަމަށެވެ. އަދި އެ މަނިކުފާނުގެ އެދިވަޑައިގަތުމަކީ ކޮންމެ މީހަކު ވެސް ވެވެން އޮތް އެހީއެއް ވެދެއްވުންކަމަށް ފާހަގަކުރެއްވިއެވެ.

މި ހަރަކާތާ ގުޅޭގޮތުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒުލޭޚާ މަނިކް ވިދާޅުވީ، މިފަދަ ހަރަކާތެއް ކުރިއަށް ގެންދަވަން ކުންފުނީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ސިޔާމް އިސްނެންގެވުމުން ހާމަވަނީ އެ މަނިކުފާނުގެ ހިތްޕުޅުގައި ލަންކާއާ މެދު އޮތް ގާތްކަމާއި، އިންސާނިއްޔަތަށް އޮތް ކުލުނާއި ހަމްދަރުދީ ކަމަށެވެ. ހަމައެއާއެކު އެހީއަށް ބޭނުންވެފައިވާ ކޮންމެ މީހަކަށް ވެސް އެހީވުމަށް އަބަދުވެސް އެ މަނިކުފާނު ދެއްވާ ޚާއްސަ އިސްކަން ކަމަށެވެ. އެއާއެކު ޒުލޭޚާ ވެސް ވަނީ މި ހަރަކާތް ފުރިހަމައަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.

ސަން ސިޔާމްގެ ރިސޯޓެއްގައި ފަންޑްރެއިޒިން ހަރަކާތް ފެށުމުގެ ތެރެއިން -- ސަން ފޮޓޯ

މި ފަންޑްރައިޒިން އިވެންޓްގައި ލިބޭ ފައިސާ ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަންއާ ހަވާލު ކުރަން ވަނީ ނިންމަވައިފައެވެ.

ސަން ސިޔާމް ގްރޫޕުގެ ކުންފުނިތަކުން ފަންޑްރެއިޒިން ހަރަކާތެއް ފެށިއިރު މިދިޔަ އާދީއްތަ ދުވަހު، ސިޔާމްވަނީ ދެ ލައްކަ ޑޮލަރު ލަންކާއަށް ހަދިޔާކުރައްވަން ނިންމަވައި، އޭގެ ތެރެއިން 75،000 ޑޮލަރު ހަދިޔާކުރައްވައިފައެވެ.

މި އެހީގެ ރަމްޒީ ޗެކް ހަވާލުކުރެއްވީ ސްރީލަންކާ ސަފީރު މުޙައްމަދު ރިޒްވީ ހަސަންއާ މިދިޔަ އާދިއްތަ ދުވަހު ބައްދަލު ކުރައްވައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ފައިސާ ހަވާލު ކުރައްވަން ވަނީ ނިންމަވައިފައެވެ.
https://sun.mv/214665

ފާހަގަކޮށްލެވޭ ގޮތުގައި، ސްރީލަންކާއަކީ ސަން ސިޔާމް ކުންފުނީގެ ރިސޯޓެއް ވެސް ހިންގަމުން އަންނަ ގައުމެކެވެ. ސްރީ ލަންކާގައި ހިންގާ ފަސް ތަރީގެ ލަގްޒަރީ ރިޒޯޓެއް ކަމަށްވާ ސަން ސިޔާމް ޕާސިކުޑާއިން ވަނީ، ފަތުރުވެރިކަމާއި ދަތުރުފަތުރާ ގުޅުންހުރި އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ ޓްރިޕްއެޑްވައިޒާގެ ޓްރެވެލާސް ޗޮއިސް އެވޯޑްސްއިން ބެސްޓް އޮފް ދަ ބެސްޓް އެވޯޑް ވެސް ހާސިލުކޮށްފައެވެ.

comment ކޮމެންޓް