ރައީސްގެ ނުރުހުން އަމާޒުވި އަސްމާ، މުގައްރިރުކަން ކުރެއްވި ކޮމިޓީން ވަކިކޮށްފި

މެންބަރު އަސްމާ: އޭނާ މުގައްރިރުކަން ކުރެއްވި ކޮމިޓީން ވަނީ ވަކިކޮށްފައި -- ފޮޓޯ/ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުރުހުން އަމާޒުވެފައި އޮއްވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)، އޭނާ މުގައްރިރުކަން ކުރެއްވި އިޖުތިމާއީ ކޮމިޓީން މިއަދު ވަކިކޮށްފިއެވެ.

މާފަންނުގެ ރައްޔިތުންނާ އެކު ރައީސް މުއިއްޒު މި ހަފުތާގެ ބުރާސްފަތި ދުވަހު ބާއްވާ ބައްދަލުވުމުގައި ޚިޔާލު ފާޅުކުރަން ބޭނުންވާ މީހުން އަންގަން އެދުމުން މެންބަރު އަސްމާއަށް ރައީސްގެ ނުރުހުން އަމާޒުވެފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަދި، އޭނާ ދާއިރާގެ ރައްޔިތުންގެ ކިބައިން މާފަށް އެދެން ރައީސް އެންގެވި ކަމަށް އަޑުފެތުރިފައި އޮއްވާ އަސްމާއްތަ ވަނީ މާފަށް އެދި ކަން ހިނގިގޮތް ތަފުސީލުކޮށްދީ ބަޔާނެއް ނެރެފައެވެ.

އެހެން އެކަން އޮއްވާ މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކޮމިޓީތަކަށް ބަދަލު ގެނައިކަން އިއުލާނުކުރައްވާފައެވެ.

https://sun.mv/214561

އެގޮތުން، އަސްމާއްތަ މުގައްރިރުކަން ކުރައްވަމުން ގެންދެވި އިޖުތިމާއީ ކޮމިޓީން އޭނާ ވަނީ ވަކިކޮށްފައެވެ. އަދި، އެ ކޮމިޓީއަށް އަސްމާއްތަގެ ބަދަލުގައި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ވަނީ ހަމަޖައްސާފައެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެ ބަދަލު ގެނައި 28 އޮކްޓޫބަރުގައެވެ. އެކަމަކު، ބެލެވޭ ގޮތުގައި އެއީ ނޮވެންބަރެވެ. މި ބަދަލު ގެނައީ ކީއްވެ ކަމެއް ރިޔާސަތުން އިއުލާނެއް ނުކުރެއެވެ.

އެހެންވެ، އަސްމާއްތަ މިހާރު އިންނަވަނީ ގެދޮރުވެރިކަމާ ގުޅޭގޮތުން މި މަޖިލީހުން އުފެއްދި ކޮމިޓީގައި އެކަންޏެވެ.

ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖާ ގުޅިގެން މާފަށް އެދިވަޑައިގެން އަސްމާއްތަ ބަޔާނެއް ނެރުނީ ނޮވެންބަރު 28ވީ މިދިޔަ ހުކުރު ދުވަހެވެ.

އެ ބަޔާނުގައި އޭނާ ވިދާޅުވީ، ފޮނުއްވި މެސެޖެއް ފޮނުއްވީ ބައްދަލުވުމުގައި ސީދާ ރައީސަށް ސުވާލު ދެންނެވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާ ބޭފުޅުންގެ ކަންބޮޑުވުންތައް ވެސް ރައީސާ ހަމައަށް ގެންދިއުމަށްޓަކައި ކަމަށެވެ. އަދި، މެސެޖާ ގުޅިގެން އޮޅުމެއް އަރާފައިވާނަމަ، މާފަށް އެދޭ ކަމަށް ބަޔާނުގައި އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވެސް އެ ދުވަހު ހެނދުނު ވަނީ ރައީސާ އެއްވެސް ބޭފުޅަކު ކުރައްވަން ބޭނުންފުޅުވާ ސުވާލެއް ކުރިން ހުށަހަޅަން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ކޮންމެ ބޭފުޅަކު ވެސް ފާހަގަކުރައްވަން ބޭނުންފުޅުވާ ކަންބޮޑުވުމެއް ފާޅުކުރެއްވޭނެ ކަމަށް އެ ދުވަހު އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެސް އެ ދުވަހު ޕީއެންސީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ވަނީ އެކަން އެގޮތަށް ނުކުރެއްވުމަށް މެންބަރުންގެ އަރިހުން އެދިވަޑައިގެންފައިކަން 'ސަން'އަށް ވަނީ އެނގިފައެވެ.

އަސްމާއްތަ މުގައްރިރުކަން ކުރެއްވި އިޖުތިމާއީ ކޮމިޓީން ވަކިކޮށްފައިވަނީ މި ކަމާ ގުޅިގެން އަސްމާއްތައަށް ރައީސް މުއިއްޒު 'ފިޔަވަޅު އަޅާފައިވާ' ކަމަށް އަޑުފެތުރިފައި އޮއްވައެވެ.

comment ކޮމެންޓް