ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުުރުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ނުވަ ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ރޭ ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ފުލުހުން ކުރި ޕޯސްޓެއްގައި ވަނީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އިކޮނޮމިކް މިނިސްޓްރީއާއި އިމިގްރޭޝަނާއި ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ އެގާރަ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ބަލައި ފާސްކުރި ތަންތަނުގެ ތެރޭގައި ވިޔަފާރިކުރަމުންދާ ތަންތަނާއި އެކޮމޮޑޭޝަނަކާއި ގާ އެޅުމުގެ މަސައްކަތްކުރާ ތަނެއް ބެލި ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
ފޮޓޮއާއެކީ ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ނުވަ ބިދޭސިއަކު ގެންގޮސްފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ގާނޫނާއި ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތް މި ހަފުތާއިން ފެށިގެން ހަލުވިވެ، އެ މަސައްކަތުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވިދާޅުވެފައިވެއެވެ.
އެ ޕޯސްޓާއެކު ސައީދު ވަނީ، ގާނޫނާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ރިޕޯޓުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްވެސް ހިއްސާކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުނީ ފުޅާ ދާއިރާއެއްގައި ގަވައިދާ ޚިލާފަށް ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
މިނިސްޓްރީން ބުނީ، ނިވާފަތްގަނޑަކަށް ދިވެހީން ހަދައިގެން ބިދޭސީން ހިންގަމުން އަންނަ ކަމަށެވެ. އަދި ފޮރިން އިންވެސްޓްމެންޓްގެ ގާނޫނުގައި ބިދޭސީންނަށް ހުއްދަނޫން ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަން، މިނިސްޓްރީން ބެލިބެލުމުން ފާހަގަވެފައިވާ ކަމަށެވެ.
އޭގެ ދެ ދުވަސް ފަހުން އިއްޔެ ކުރެއްވި ޕޯސްޓެއްގައި ސައީދު ލިޔުއްވިގޮތުގައި ގަވައިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ރިޕޯޓުކުރަން ހުޅުވާލުމުން ފުރަތަމަ 41 ގަޑިއިރު ތެރޭ 29 ވިޔަފާރިއެއް ރިޕޯޓުކޮށްފައިވެއެވެ.