އައްޑޫގެ ބޮޑު ޑުރަގު ނެޓްވޯކެއްގެ ބަޔަކު ހައްޔަރަށް؛ 5 އަހަރު ތެރޭ 4 މީހަކު 19 މިލިއަން ރުފިޔާ ދައުރުކުރި

މީގެކުރިން ޑުރަގު އޮޕަރޭޝަނެއްގައި މީހުން ހައްޔަރުކޮށްގެން ގެންދަނީ: އައްޑޫގައި އެންމެ ފުޅާކޮށް، ޑުރަގު ވިޔާފަރި ކުރާ ނެޓުވޯކެއްގެ ބޮޑުން ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑުރަގާ ދެކޮޅަށް މިދިޔަ މަހުގެ އެއްވަނަ ދުވަހު މުޅި ރާއްޖޭގައި ފެށި، އަލިމަގު އޮޕަރޭޝަންގައި އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރާ އެއް ނެޓްވޯކްގެ އިސް މީހުންތަކެއް ނުވަތަ ބޮޑުން ހައްޔަރުކޮށްފައިވާކަން މިއަދު ފުލުހުން ހާމަކޮށްފިއެވެ.

"އަލިމަގު" އޮޕަރޭޝަނަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމުގައި އެންމެ އިސްކޮށް އުޅޭ މީހުންނާއި، އެކަމުގައި ބައިވެރިވާ މީހުން ހޯދައި ހައްޔަރުކުރުމަށް ފެށި އޮޕަރޭޝަނެކެވެ.

ފަސް ސަތޭކަ ފުލުހުން ބައިވެރިވެގެން އެ އޮޕަރޭޝަން ފެށީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަށެވެ.

އެ އޮޕަރޭޝަނާ ގުޅުން ހުރި އެންމެ ފަހުގެ ތަފުސީލުތައް ހާމަކޮށް، މިއަދު ފުލުހުން މިޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ، އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އެއް ނެޓުވޯކުގެ އިސް މީހުންތަކެއް ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ މީހުންގެ ވަނަވަރު އާންމުކޮށްފައެއްނުވެއެވެ.

މީގެކުރިން ޑުރަގު އޮޕަރޭޝަނަކުން ހޯދި ފައިސާތަކެއް: އައްޑޫ ނެޓުވޯކުގެ ހަތަރު މީހެއްގެ އެކައުންޓުގައި މިދިޔަ ފަސް އަހަރު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދައުރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން، މި ނެޓްވޯކްގެ އިސް މީހުންނަށް އަމާޒުކޮށް، މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް ފުލުހުން ފެށީ، މިދިޔަ މާރިޗު މަހުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ، މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާ ކަމަށާއި މިދިޔަ ފަސް އަހަރު މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ފައިސާ ދައުރުކޮށްފައިވާ ކަމަށެވެ.

އޮޕަރޭޝަނުގެ އިތުރު މައުލޫމާތުތައް ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

https://sun.mv/214425

މިދިޔަ މަހު 25ގައި ވަނީ، އެ އޮޕަރޭޝަނުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި އޮޕަރޭޝަނުގައި 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށާއި ޖުމުލަ 188،959 ރުފިޔާ ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަސްތުވާތަކެތި ބޭނުންކުރުމަކީ ރާއްޖޭގެ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަ ކަމަށްވާއިރު، މި މައްސަލައާ ދެކޮޅަށް އެކި ސަރުކާރުތަކުގައި މަސައްކަތްކުރި ނަމަވެސް މިހާތަނަށް އެދެވޭ ހައްލެއް ނުލިބެއެވެ.

comment ކޮމެންޓް