މާލޭގެ ކެފޭއެއްގައި ރޯވެ، ބިދޭސީއެއްގެ ފައި ފިހިއްޖެ

ކެފޭގައި ރޯވެގެން ލިބުނު ގެއްލުން: އެ ހާދިސާގައި ބިދޭސީއެއްގެ ފައި ފިހިފައިވޭ -- ފޮޓޯ/ އެމްއެންޑީއެފް

މާލޭގެ ކެފޭއެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީއެއްގެ ފައި ފިހިއްޖެއެވެ.

މިއަދު 12:53 ހާއިރު، އެމްއެންޑީއެފުން ބުނީ، ހ. ވިލާ ޓީވީ ކައިރީ ހުންނަ އަލް-ޒައިކާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އޭގެފަހުން، 13:07ހާއިރު އެމްއެންޑީއެފުން ވަނީ، ކެފޭގައި ރޯވި އަލިފާން ކޮންޓްރޯލްވި ކަމަށް ބުނެފައެވެ.

އަލް ޒަކާ ކެފޭގައި ރޯވެގެން ފުލުހުންނާއި އެމްއެންޑީއެފް ހަރަކާތްތެރިވަނީ ---- ސަން ފޮޓޯ/ އަފްވާން ސޮލާހު

އެ ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވެސް ހަރަކާތްތެރިވިކަން ފާހަގަކޮށް، އެންޑީއެމްއޭއިން ބުނީ، މި ހާދިސާގައި ބިދޭސީއެއްގެ ފައި ކޮންމެވެސް މިންވަރަކަށް ފިހުނު ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އިންސާނީ އެހީ ބޭނުންވާ ހާލަތަކަށް ގޮސްފައިނުވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެ ހާދިސާގެ ފޮޓޯތަކެއް އެމްއެންޑީއެފުން ހިއްސާކޮށްފައިވާއިރު، އަލިފާނުގެ ހާދިސާގައި ކެފޭގެ ބަދިގެ ވަރަށް ބޮޑަށް އަނދައި، ބޭނުންނުކުރެވޭވަރުވެފައިވާ މަންޒަރު ފެނެއެވެ.

'ސަން'އަށް ލިބިފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި، އެ ސަރަހައްދު ބަންދުކޮށްފައިވާއިރު، ކޮންމެވެސް މިންވަރަކަށް މީހުން ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

މިއަދު މާލޭގައި އިތުރު އަލިފާނުގެ ހާދިސާއެއް ވެސް ހިނގައިފަައިވެއެވެ. އެމްއެންޑީއެފުން ބުނީ، މ. މާމުޓާ ކިޔާ ފަޅު އިމާރާތެއްގައި ރޯވެގެން ފަތިހު 04:11 ހާއިރު ރިޕޯޓުކުރި ކަމަށެވެ. އެގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 04:46 ހާއިރު ކަމަށް ސިފައިން ބުނެފައިވެއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް