ގާތްގަނޑަކަށް އަށް ގަޑިއިރު ފަހުން މައްސަލަ ހައްލުކޮށް، ގަމަށް އަލުން ކަރަންޓު ދީފި

ރޯވި، އިންޖީނުގެ: ގާތްގަނޑަކަށް އަށް ގަޑިއިރު ފަހުން މައްސަލަ ހައްލުކޮށް، ގަމަށް އަލުންވަނީ ކަރަންޓު ދީފައި -- ފޮޓޯ/ ލާމު އެމްވީ، ފޭސްބުކް

ލ. ގަމުގެ އިންޖީނުގޭގައި އަލިފާން ރޯވުމާ ގުޅިގެން އެ ރަށުގައި ކަރަންޓު ކެނޑިފައި އޮންނަތާ ގާތްގަނޑަކަށް އަށް ގަޑިއިރު ފަހުން މައްސަލަ ހައްލުކޮށް، ކަނު އަނދިރީގައި އޮތް ގަމަށް އަލުން ކަރަންޓު ދީފިއެވެ.

ފަސް ހާސް މީހުން ދިރިއުޅޭ ގަމުގެ ފެނަކަ ބްރާންޗުގައި ރޯވީ، މިއަދު 2:45 ހާއިރު ކަމަށްވާއިރު، އަލިފާން ނިއްވާލާފައި ވަނީ، 15:50 ހާއިރެވެ. އެކަމަކު، އިންޖީނު ރޫމަށް އެކި ވަރުގެ ގެއްލުންތައް ލިބިފައި ހުރުމުން ކަރަންޓު ދޭކަށް ނުފަށައެވެ.

ގަމު ކައުންސިލްގެ ރައީސް އަޙުމަދު ޒަކީ މިރޭ 10:30 ހާއިރު ވިދާޅުވީ، އިންޖީނުތައް ސާވިސްކުރުމަށް ފަހުގައި، ބައެއް ހިސާބުތަކަށް އޭރު ކަރަންޓު ދީފައިވާ ކަމަށެވެ.

ގަމު ފެނަކަ ބްރާންޗުގައި މީހުން ހަރަކާތްތެރިވަނީ ---- ސަން ފޮޓޯ

އޭގެފަހުން، ދެންމެ އެ ކައުންސިލްގެ މެންބަރު އަބްދުﷲ ޝުއާއު ވަނީ، މުޅި ރަށަށް އެއްކޮށް ކަރަންޓު ދެވިފައިވާ ކަމަށް 'ސަން'އަށް ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، އިންޖީނުގޭގައި ރޯވި ވަގުތު އެ ތަނުގައި ތިބި ބައެއް މުވައްޒަފުންނާ ހަވާލާދީ ޒަކީ ކުރިން ވިދާޅުވީ, އަލިފާން އެންމެ ފުރަތަމަ ހިފީ ދުންހޮޅީގައި ކަމަށާއި އިންޖީނުގޭ ތެރެއިން އަލިފާން ކޮންޓްރޯލްކުރަން އުޅެ ކޮންޓްރޯލް ނުވީ ކަމަށެވެ.

ފެނަކައިން ނެރުނު ބަޔާނެއްގައި ވަނީ، އަލިފާނުގައި ގެއްލުންވެފައިވަނީ އެ ރަށަށް ކަރަންޓު ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަށް ކަމަށް ބުނެފައެވެ. އެ ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި ޕެނަލްތަކަށް ދިމާވި މައްސަލަ ދެނެގަނެ، އެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް