ލ. ގަމު ފެނަކަ ބްރާންޗުގައި ރޯވެ، މުޅި ރަށުން ކަރަންޓު ކެނޑި، ގަޑިއިރުތަކެއް ވީފަހުން އަލުން އެ ރަށުގެ ބައެއް ހިސާބުތަކަށް މިރޭ ކަރަންޓު ދޭން ފަށައިފިއެވެ.
ފަސް ހާސް މީހުން ދިރިއުޅޭ ގަމުގެ ފެނަކަ ބްރާންޗުގައި ރޯވީ، މިއަދު 2:45 ހާއިރު ކަމަށްވާއިރު، އަލިފާން ނިއްވާލާފައި ވަނީ، 15:50 ހާއިރެވެ. އެކަމަކު، އިންޖީނު ރޫމަށް އެކި ވަރުގެ ގެއްލުންތައް ލިބިފައި ހުރުމުން ކަރަންޓު ދޭކަށް ނުފަށައެވެ.
ގަމު ކައުންސިލްގެ ރައީސް އަޙުމަދު ޒަކީ މިރޭ ވިދާޅުވީ، އިންޖީނުތައް ސާވިސްކުރުމަށް ފަހުގައި، ބައެއް ހިސާބުތަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ.

ގަމު ފެނަކަ ބްރާންޗު: ބައެއް ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓު ދީފައި ---- ސަން ފޮޓޯ
ފެނަކަ ބްރާންޗު ސަރަހައްދުގައި ހުންނަވައި، އޭނާ ވިދާޅުވި ގޮތުގައި، މިރޭ 12:00ގެ ކުރިން މުޅި ރަށަށް ކަރަންޓު ދެވޭނެ ކަމަށް ބެލެވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، އިންޖީނުގޭގައި ރޯވި ވަގުތު އެ ތަނުގައި ތިބި ބައެއް މުވައްޒަފުންނާ ހަވާލާދީ ޒަކީ ކުރިން ވިދާޅުވީ, އަލިފާން އެންމެ ފުރަތަމަ ހިފީ ދުންހޮޅީގައި ކަމަށާއި އިންޖީނުގޭ ތެރެއިން އަލިފާން ކޮންޓްރޯލްކުރަން އުޅެ ކޮންޓްރޯލް ނުވީ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.