ގަވައިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތަކުގެ 29 ރިޕޯޓެއް؛ ރައީސްގެ ޓާސްކް ފޯހުން ފިޔަވަޅު އަޅަން ފަށަނީ

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނެއްގެ ތެރެއިން: ގަވައިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ރިޕޯޓުކުރަން ހުޅުވާލުމުން، 41 ގަޑިއިރު ތެރޭ 29 ވިޔަފާރިއެއް ރިޕޯޓުކޮށްފައިވޭ -- ފޮޓޯ/ އިމިގްރޭޝަން

ގަވައިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ރިޕޯޓުކުރަން ހުޅުވާލުމުން، 41 ގަޑިއިރު ތެރޭ 29 ވިޔަފާރިއެއް ރިޕޯޓުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުރާސްފަތި ދުވަހު ގެޒެޓްކުރި އިއުލާނެއްގައި ވަނީ، ރާއްޖޭގައި ގަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުން އަންނަ ކަމަށެވެ. އެހެންވެ، އެފަދަ ވިޔަފާރިތައް ރިޕޯޓު ކުރުމަށް އެ މިނިސްޓްރީން އެދުނެވެ.

އެ އިއުލާނާ ގުޅޭ ގޮތުން ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ އިޢުލާނު ކުރިތާ ފުރަތަމަ 41 ގަޑިއިރު ތެރޭ، ބިދޭސީން ގަވައިދާ ޚިލާފަށް ހިންގާ ކަމަށް ފާހަގަ ކުރެވޭކަމަށް، 29 ވިޔަފާރިއެއްގެ ރިޕޯޓު އާންމުން ހުށަހަޅައިފައިވާ ކަމަށެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި ޓާސްކްފޯހަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ، މިއަދު މެންދުރުފަހުން ފެށިގެން އެ ޓާސްކް ފޯސްގެ އޮޕަރޭޝަންތައް ފަށާނެ ކަމަށެވެ.

"އަދި ރިޕޯޓު ކުރެއްވި ވަރަކަށް އެފަދަ ތަންތަން ބަލައި ފާސްކޮށް، ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން." ސައީދު ލިޔުއްވާފައިވެއެވެ.

އޭނާ ވަނީ، އެކަމުގައި ރައްޔިތުން ދޭ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

ރައީސް އެކުލަވާލެއްވި ޓާސްކް ފޯހުގައި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަންގެ އިތުރުން، ސަރުކާރުގެ ތަންފީޒީ އިދާރާތައް ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ގަވާޢިދާ ޚިލާފަށް ބިދޭސީން ހަރަކާތްތެރިވާ ދެ ގޮތެއް މިނިސްޓްރީއަށް ފާހަގަކުރެވެއެވެ. އެއީ، ނިވާފަތްގަނޑަކަށް ދިވެހީން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތަކެވެ.

އެފަދަ މައްސަލައްތަ ރިޕޯޓުކުރާނީ:

  • މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް، މިނިސްޓްރީއަށް ރިޕޯޓް ކުރުން ، ނުވަތަ
  • މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ރިޕޯޓްކުރުން (ހެނދުނު 8:00 – ރޭގަނޑު 8:00 އަށް)، ނުވަތަ
  • އިމިގްރޭޝަން ވޮޗް (https://imuga.immigration.gov.mv/report-offence) އަށް ރިޕޯޓްކުރުން

މިނިސްޓްރީން ވަނީ، ބިދޭސީން ގަވާޢިދާ ޚިލާފަށް ވިޔަފާރިކުރާ ކަމުގެ މަޢުލޫމާތު ހުށައެޅުމުގައި، ހުށަހަޅާ ފަރާތް ނޭނގޭ ގޮތަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމް ވެބްސައިޓް މެދުވެރިކޮށް ހަމަޖެހިފައިވާކަމަށެވެ.

https://sun.mv/214540

ބިދޭސީން ގަވައިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން ހުޅުވާލުމާ ގުޅުވައި ސައީދު މީގެ ކުރިން ވަނީ، އެ މައްސަލަ ހައްލުކުރުމަށް އަންނަ ހަފުތާއިން ފެށިގެން މަސައްކަތް ހަލުވިކޮށް، އޭގެ ނަތީޖާ ފެންނާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް