ސިނަމާލެ ބުރިޖުގެ ހައިވޭގައި ސައިކަލަކާއި ޕިކަޕެއް ޖެހި، ދިވެއްސަކާއި ބިދޭސީއަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓު ހިނގީ މާލެއިން ހުޅުމާލެއަށް ދާ ހައިވޭގެ ލޭން ހަތަރެއް ނިމޭ ހިސާބުގައި ސައިކަލަކާއި ޕިކަޕެއް ޖެހުމުން ކަމަށެވެ. އެ މުއައްސަސާއަށް މި އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 09:00 އެހާކަށްހާއިރުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 28 އަހަރުގެ ދިވެެހި ފިރިހެނަކަށާއި ސައިކަލުގެ ފަހަތުގައި އިން 22 އަހަރުގެ އިންޑިއާ އަންހެނަކަށް ކަމަށެވެ.
ފިރިހެންމީހާގެ ކަނާތުކޮނޑުހުޅު ނެއްޓި އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަންހެންމީހާގެ ގައިގެ އެކި ތަންތަން މަށައިގެންގޮސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންނެވެ.
ދެ މީހުންނަށްވެސް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް މައުލޫމާތުދީފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކާރޫބާރޫ ބޮޑު މާލެއާއި ހުޅުމާލޭގައި ވަރަށް ގިނަ އެކްސިޑެންޓުތައް ކޮންމެ ހަފުތާއަކުވެސް ފުލުހުންނަށް ރިޕޯޓުކުރެއެވެ. ދޭތެރެއަކުން މިފަދަ ނުރައްކާތެރި އެކްސިޑެންޓުތަކުގައި މީހުން މަރުވެއެވެ. އެގޮތުން، މި މަހުގެ 10 ވަނަ ދުވަހު ވެސް ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެފައެވެ.