ސިނަމާލެ ބްރިޖު މަތީ މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެމީހުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ކާރަށް އަރުވައިގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލު ބުރިޖު މަތިން ޖެހި، އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 18:35 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ދެ ސައިކަލުގައި ތިބި ދެ ފިރިހެނުންނަށް ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް މިނިސްޓަރު އިހުސާން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައި ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިނިސްޓަރުގެ ކާރުކޮޅުގައި ކަމަށެވެ.
މި އެކްސިޑެންޓުގައި އެކެއްގެ މޫނުމަތި ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދެމީހުންގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު ދެމީހުންގެ ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކުން ފެންނަނީ ބްރިޖު މަތީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި އަނިޔާވި މީހަކު ކާރަށް އަރުވަން އިހުސާން އިރުޝާދު ދެއްވާ މަންޒަރެވެ. އެކްސިޑެންޓުގައި އަނިޔާވި މީހާ އަރުވަން މީހަކު އެހީތެރިކަން ދޭ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.
ފާހަގަކުރެވޭ ގޮތުގައި މީގެ ކުރިންވެސް އިހުސާން ބަލި މީހަކަށް އެހީތެރިކަން ދެއްވާފައިވެއެވެ. އެގޮތުން ކ. ހިންމަފުށި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ސްޓްރޯކެއް ޖެހިގެން މާލެ ގެނައި މީހަކު، އޭނާގެ ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
'ސަން' އަށް މައުލޫމާތު ދެމުން ހޯމް މިނިސްޓްރީން އޭރު ބުނީ، ނޮވެމްބަރު 28، 2023ގައި އިހުސާނު ހިންމަފުއްޓަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް ދަތުރުކުރެއްވި ލޯންޗުގައި ރިހެބިލިޓޭޝަން ސެންޓަރުން ސްޓްރޯކެއް ޖެހިގެން މީހަކު ގެނައި ކަަމަށެވެ.
އެ މީހާއާއެކު މިނިސްޓަރު ވެސް ދަތުރުކުރި ލޯންޗު މާލެ އައީ އެ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.
ނަމަވެސް މާލެއަށް އައިއިރު ވެސް އެ މީހާ ބަލައި އެމްބިއުލާންސް އައިސްފައެއް ނުވެއެވެ. އެމްބިއުލާންސް ލަސްވުމުން އެވަގުތު އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ އިހުސާންގެ ރަސްމީ ކާރުކޮޅުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެއަށް ފަހު އިހުސާން ވަޑައިގަތީ ހިންގަވާފައެވެ.