ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި އޮތް ފްލައިދުބާއީ ބޮއިންގް 737 ބޯޓުގެ ފިޔަގަނޑުގައި ފިއުލް ބައުޒަރަކުން ޖެހި ގެއްލުންވުމާ ގުޅިގެން، އެ ބޯޓު ގްރައުންޑްކޮށްފިއެވެ.
އޭވިއޭޝަން ދާއިރާގެ ޚަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސްއިން ރިޕޯޓްކުރި ގޮތުގައި މިއަދު މި ހާދިސާ ހިނފާގައިވަނީ ގްރައުންޑް ސާވިސިން އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މި ބޯޓު، އެެއާޕޯޓްގައި ޕާކްކޮށްފައިވަނިކޮށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި ނަމަވެސް ބޯޓުގެ ފިޔަގަނޑަށް ގެއްލުންވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އޭވިއޭޓާސް މޯލްޑިވްސް އިން ރިޕޯޓްކޮށްފައިވަނީ، މަރާމާތުތައް ނިންމައި ރެގިއުލޭޓަރީ ސްޓޭންޑަޑްތަކުގެ ދަށުން ސެޓްފިކެޓް ލިބެންދެން އެ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ކުރިއަށްނުގެންދާނެ ކަމަށެވެ.
"ސަން"އަށް މައުލޫމާތުދެމުން އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ މިހާރު އެ މައްސަލަ ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމަނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދުވާލަކު އެތައް ހާސް ފަސިންޖަރުންގެ ދަތުރުތައް އިންތިޒާމްކުރެއެވެ.