ސިޔާސީ ޕާޓީ ބަދަލުވިޔަސް ސިޔާސީ ފިކުރެއް ބަދަލުނުވާ ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަޙްމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީއަށް ސޮއިކުރެއްވުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން އަންނަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހްލޫފު މިއީ އޭނާ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެނބުރި މި ދިޔައީ ހަމަ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް ކަމަށާއި ބަދަލުވެފައި އޮތީ ހަމައެކަނި ޕާޓީގެ ނަންކަމަށް މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު ވިިދާޅުވި ގޮތުގައި އޭނާގެ ސިޔާސީ މަސައްކަތް ފެށީ 2005 ވަނަ އަހަރު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އުފެއްދެވި ޑީއާރްޕީއިންނެވެ. އެޕާޓީ ތެރޭގައި ޚިޔާލު ތަފާތުވެ، އޭނާ އެ ޕާޓީން ވަކިކުރި ހިސާބުން، ރައީސް މައުމޫނާއެކު ޕީޕީއެމް އުފެއްދި އެއް ފައުންޑަރަކީ އޭނާ ކަމަށް މަހުލޫފު ވިދާޅުވިއެވެ.
އޭގެ ފަހުން ޕީޕީއެމްގެ އެންމެ ފަހު ލީޑަރު ކަމުގައިވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއެކު އުފެދުނު ޚިޔާލު ތަފާތުމުގެ ތެރެއިން 2014 ވަނަ އަހަރު މަހުލޫފު ޕީޕީއެމް އިން ވަކިކޮށްފައިވެއެވެ.
އެ ފަހުން އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުމަށްފަހު 2018ވަނަ އަހަރު މަހުލޫފު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި އެ ޕާޓީގެ މަޖިލީސް ޓިކެޓަކަށް ވާދަކުރުން ހުއްޓުވަން ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށް އެ މައްސަލަ ކޯޓަށް ވެއްދި ހިސާބުން ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށްލަން އޭނާއަށް ފުރުސަތު ލިބުނު ކަމަށް މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު އިތުރަށް ވިދާޅުވީ، އޭނާއާ މެދު އެމްޑީޕީއިން ކަންތައްކުރި ގޮތުން އެ ޕާޓީ ދެކެ ވަރަށް ފޫހިވެވަޑައިގަތް ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ އިންތިހާބަަށްފަހު ސިޔާސީ ކަންކަމާ ވަރަށް ބޮޑަށް ދުރަށްޖެހިވަޑައިގަތް ކަމަށް ވެސް ވިދާޅުވިއެވެ.
އަދި އެމްޑީޕީން ވަކިވުމަކީ އެމްޑީޕީގެ ލީޑާޝިޕުގައި އުޅުއްވާ ގިނަ މެންބަރުން އެކަމާ އުފާކުރާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ އެ ޕާޓީއާ އޭނާ ގުޅިވަޑައިގަތުމަށް ޕީއެންސީގެ ލީޑަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކި ފަހަރުމަތިން ދައުވަތު ދެއްވި ކަމަށެވެ.
"އަޅުގަނޑުގެ މަސައްކަތް ބަލައިގަނެ އެކަމުގެ އަގުވަޒަންކޮށް ދައުވަތު ދެއްވީތީ ވަރަށް އުފާކުރަން. ރާއްޖޭގެ ތަރީހުގައި ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުމުގައި ސޮއިކޮށްލަން ލިބުމުން އިތުރު އުފަލެއް ލިބުނު. އަޅުގަނޑުގެ މި ނިންމުމާއެކު ހިތްހަމަ ނުޖެހުނު ފަރާތްތަކުން މައާފަށް އެދެން،" މަހުލޫފު ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ މަގާމެއްގައި ޚިދުމަތްކުރެއްވުމަށްޓަކައި ކަމަށް ވިދާޅުވެ، މަހުލޫފު ވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީން ސެޕްޓެމްބަރު އަށްވަނަ ދުވަހު ވަކިވެވަޑައިގެންފައެވެ. މަހުލޫފް ވެރިކަން ކުރާ ޕާޓީއަށް ސޮއިކުރެއްވިއިރު، ބޭރުގެ އެމްބަސީއެއްގެ މަގާމަކާ ހަވާލުވާން ތައްޔާރުވަމުން ގެންދަވާ ވާހަކަތަކެއް އޮތީ ފެތުރިފައެވެ.
އެމްޑީޕީ ވެރިކަމުގައި މަހުލޫފާ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައާ ގުޅުން އޮތް ކަމުގެ ތުހުމަތުތަކެއް ފެންމަތިވިއެވެ. އެ ތުހުމަތަށް ސަސްޕެންޝަނެއްގައި ވެސް އޭނާ ހުންނަވަން ޖެހިވަޑައިގަތެވެ. ނަމަވެސް ފަހުން އެ މައްސަލަ ހިނދުނީއެވެ.
އެމްޑީޕީގެ ވެރިކަން ނިމުނު ފަހުން ސިޔާސީ މަސައްކަތްތަކުގައި އެހާ އިސްކޮށް ނޫޅުއްވި ނަމަވެސް މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ, ސޯޝަލް މީޑިއާގައި މަހުލޫފް ވަނީ ގިނަ ވާހަކަތަކެއް ދައްކަވައި ހައްދަވައިފައެވެ. އޭގެ ފަހުން އެ އަޑު މަޑުވެ ހުރުމަށްފަހު، އޭނާ ޕީއެންސީއާ ގުޅިވަޑައިގެންނެވިއެވެ. އެ ކަންތަކާ ގުޅިގެން ސޯޝަލްމީޑިއާގައި މަހުލޫފަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުން އެބަދެއެވެ.