ބޮލީވުޑްގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ބަތަލާ ސޯނަމް ކަޕޫރުގެ ކޮއްކޮ ރިއާ ކަޕޫރު ފިރިމީހާ ކަރަން ބޫލާނީއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ރިއާއާއި ކަރަން ރާއްޖެ އައީ ސީދާ ކޮން ދުވަހަކު ކަމެއް ނޭނގެއެވެ. މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން ޗުއްޓީއަށް ރާއްޖެ އައިސްފައިވާ ރިއާއާއި ކަރަން މި ފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ރ. އަތޮޅުގައި އޮންނަ ފަސްތަރީގެ ރިސޯޓެއް ކަމަށްވާ ޖޯލި މޯލްޑިވްސްގައެވެ. ޖޯލި މޯލްޑިވްސްގައި ނަގާފައިވާ ވަރަށް ހިތްގައިމު ފޮޓޯތަކެއް ރިއާ ވަނީ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
ދިވެހިރާއްޖެއަކީ ރިއާ ދަތުރުކުރާހިތްވާ ދުނިޔޭގެ މަގުބޫލު މަންޒިލްތަކުގެ ތެރެއިން އެންމެ ގިނައިން ޒިޔާރަތްކުރަން ބޭނުންވާ އެއް ޤައުމުކަމަށް މީގެ ކުރިން މީޑިއާތަކަށްދީފައިވާ ބައެއް އިންޓަވިއުތަކުގައި ވަނީ ބުނެފައެވެ.

ރިއާގެ ފިރިމީހާ އަދި ފިލްމު ޕްރޮޑިއުސަރު ކަރަން ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ޖޯލި މޯލްޑިވްސްގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/ އިންސްޓަގްރާމް
ރިއާ މިދިޔަ އަހަރު ރާއްޖެއަށް ކުރި ދަތުރުތަކުގެތެރޭގައި ދައްތަ އަދި ފިލްމީ ތަރި ސޯނަމް ކަޕޫރުގެ އާއިލާއާ އެކު ކުރި ދަތުރު ވެސް ފާހަގަކޮށްލެވެއެވެ.
ރިއާއާއި ކަރަންގެ ކައިވެންޏަށް ފަހު ހަނީމޫން ދަތުރަށް ރާއްޖެ އައި އިރު ކައިވެންޏަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ އިތުރުން ދެ މީހުންގެ ދިރިއުޅުމުގައި އަންނަ މިފަދަ ޚާއްސަ ދުވަސްތައް ފާހަގަކުރުމަށް ވެސް މީގެކުރިން ރިއާ ވަނީ ރާއްޖެ އައިސްފައެވެ.
ފިލްމު ޕްރޮޑިއުސްކުރުމުގެ އިތުރުން ރެސަންގެ ނަމުގައި އަމިއްލަ ފެޝަން ލައިންއެއް ވެސް ހިންގާ ރިއާ ކަޕޫރަކީ އިންޑިއާގެ ފެޝަން ދުނިޔޭގައި މިހާރު އެންމެ ނަން ހިނގާ އެކަކެވެ. ރެއާ އެންމެ ފަހުން ޕްރޮޑިއުސްކުރި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ކްރޫ"އެވެ.
ރިއާ އެކޭ އެއްގޮތަށް ފިރިމީހާ ކަރަންއަކީ ވެސް ފިލްމު ޕްރޮޑިއުސަރެކެވެ.