ރެމޯގެ ދެމަފިރިންނަށް ޚިޔާނާތުގެ ތުހުމަތު

ރެމޯ ޑިސޫޒާއާއި އަންހެނުން ލިޒެލް --ފޮޓޯ/ކޮއިމޮއި

ގިނަ ފިލްމުތަކަށް ކޮރިއަގްރާފަރެއްގެ ގޮތުގައި މަސައްކަތްކޮށްދެމުން އަންނަ މަޝްހޫރު ނެށުންތެރިޔާ ރެމޯ ޑިސޫޒާއާއި އަންހެނުން ލިޒެލް ޑިސޫޒާގެ މައްޗަށް ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުތަކެއް ކޮށްފިއެވެ.

އިންޑިއާގެ މަހާރަޝްތުރާ ފުލުސް އޮފީހުގައި ރެޖިސްޓްރީ ކުރެވިފައިވާ މި މައްސަލައިގައި އެ ދެމަފިރިންގެ މައްޗަށް ތުހުމަތުކުރަނީ ނަށާ ގްރޫޕަކަށް ލިބުނު ފައިސާގެ އިނާމު އޮޅުވާލައިގެން ހޯދާފައިވާކަމުގެ ތުހުމަތެވެ. މި މައްސަލަ ހުށަހަޅާފައިވަނީ އުމުރުން 26 އަހަރުގެ ނެށުންތެރިއެކެވެ.

މި މައްސަލައިގެ އިތުރު ތަފުސީލު މީޑިއާއާ ހިއްސާކުރަމުން އެ ނެށުންތެރިޔާ ބުނެފައިވަނީ 2018 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ގްރޫޕަށް ލިބުނު ފައިސާ ރެމޯގެ ދެމަފިރިންނާއި އަދި އިތުރު އެހެން ބަޔަކާ ގުޅިގެން މަކަރާއި ހީލަތުން އަތުލާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރެމޯ އިއްޔެގެ ވަގުތެއްގައި ނެރުނު ނޫސް ބަޔާން--ފޮޓޯ/އިންސްޓަގްރާމް

އެއީ އިންޑިއާގެ ޓީވީ ޗެނަލްއަކުން ދެއްކި މުބާރާތެއްގައި އެ ގްރޫޕަށް ލިބުނު ފައިސާގެ އިނާމު ކަމަށާއި އެ ގްރޫޕްގެ ވެރިންނަކީ ރެމޯއާއި ލިޒެލް ކަމަށް ބުނެ، ފައިސާގެ އިނާމު މަކަރައި ހީލަތުން ހޯދީ ކަމަށް އެ ގްރޫޕަށް ނިސްބަތްވާ ޒުވާނާ ވަނީ ބުނެފައެވެ.

އިންޑިއާގެ އެންމެ މަގުބޫލު ޑާންސް ޝޯތައް ގެނެސްދިނުމުގައި ބޮޑު ދައުރެއް އަދާކުރާ ރެމޯއާއި ލިޒެލްއަކީ ފިލްމު ޕްރޮޑިއުސްކުރުމުގެ ދާއިރާގައި ވެސް މަސައްކަތްކުރާ ދެމަފިރިންނެވެ.

ރެމޯ ބޮލީވުޑް އެކްޓަރު ސަލްމާން ޚާންއާ އެކު--ފޮޓޯ/ކޮއިމޮއި

މި މައްސަލައާ ގުޅިގެން ރެމޯގެ ދެމަފިރިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޑާންސް ގްރޫޕަކުން އެ މީހުންނާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާކަން އެނގުނީ މީޑިއާ ރިޕޯޓުތަކެއްގެ ޒަރީއާއިން ކަމަށެވެ. ކަމުގެ ހަގީގަތް ނުބަލާ އެފަދަ ރިޕޯޓެއް މީޑިއާއިން ހާމަކުރީތީ އެކަމާ ހިތާމަކުރާ ކަމަށް ރެމޯ ވަނީ މި ނޫސް ބަޔާނުގައި ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ކޯޓުން ވަކި ގޮތެއް ނުނިންމަނީސް އެއްވެސް ފަރާތަކުން ގޮތް ނުނިންމުމަށާއި ދޮގު ޚަބަރުތައް ނުފެތުރުމަށް ރެމޯގެ ދެމަފިރިން ވަނީ އެދިފައެވެ. ކަމާބެހޭ އިދާރާތަކަށް ރެމޯގެ ދެމަފިރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވެސް ރެމޯގެ ބަޔާނުގައި ވަނީ ދީފައެވެ.

ރެމޯއަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ އިތުރުން ނެށުމުގެ ދާއިރާގައި މަސައްކަތްކުރާ އަދި އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ވަރަށް ގިނަ ބައެއްގެ އިހުތިރާމާއި ލޯބި ހޯދާފައިވާ ކުޅަދާނަ ނެށުންތެރިއެކެވެ.

comment ކޮމެންޓް