އަނެއްކާ ވެސް މުޑުދާރު ބަދިގެއެއް، އެތަނުގައި ހަދާ ބްރޭންޑުތައް މިއޮތީ

އަނެއްކާ ވެސް މުޑުދާރު ބަދިގެއެއް -- ފޮޓޯ/ އިމިގްރޭޝަން

މުޑުދާރު ބަދިގެއެއްގައި ކާނާ ތައްޔާރުކުރާ ބިދޭސީންތަކެއް އަނެއްކާ ވެސް އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ވަނީ، އެ މީހުން ކާނާ ތައްޔާރުކުރި ބަދިގެއާއި ތައްޔާރުކުރި ކާނާތަކުގެ ބްރޭންޑުތައް ވެސް ހިއްސާކޮށްފައެވެ. އިމިގްރޭޝަނުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބަދިގޭގައި އެ މީހުން ތައްޔާރު ކުރަނީ ލުއި ކާނާގެ ބާވަތްތައް ކަމަށްވާ ގުޅަ، ބަޖިޔާ ރިހާކުރު ޗިޕްސް އަދި ތެލުލި ފަތެވެ.

ޕެކެޓުކޮށް މި ސާމާނު ވިއްކަނީ "މޯލްޑިވްސް ސުޕަ ކުއަލިޓީ"ގެ ނަމުގައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި މި މީހުން ގިނަ އަދަދަކަށް މި ތަކެތި ކޮންމެ ދުވަހަކު ތައްޔާރުކުރެއެވެ. ތެލުލަން ތައްޔާރުކޮށްފައި ހުރި ގުޅަތަކު މަތީގައި މުންޑެއް ބާއްވާފައިވާއިރު، އެ ބަދިގޭގެ ސާފުތާހީރުކަން ވަރަށް ދަށެވެ.

އަނެއްކާ ވެސް މުޑުދާރު ބަދިގެއެއް -- ފޮޓޯ/ އިމިގްރޭޝަން

މީގެ އިތުރުން، ޓިނުގަނޑެއްމަތީ ސަތަރި އަޅާ ގިނަ އަދަދެއްގެ ވަޅޯމަސް އަވީލާފައިވާ މަންޒަރު ވެސް އިމިގްރޭޝަންގެ ފޮޓޯތަކުން ފެނެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައިވެއެވެ.

އެގޮތުން މުޑުދާރުކޮށް ފޯއް ހިއްކައި ވިއްކަމުންދިޔަ ބިދޭސީންތަކެއް ވެސް އަތުލައިގެންފައިވާއިރު، ބިދޭސީއަކު ބުޅާމަސް އަޅައިގެން ކާނާ ތައްޔާރުކުރާކަމަށް ތުހުމަތުކޮށް އެ މައްސަލަ ވެސް ވަނީ ބަލަން ފަށައިފައެވެ.

މިއަދު އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގައި ފެނުނު ބަދިގެއެއް -- ފޮޓޯ/ އިމިގްރޭޝަން

ރަޖިސްޓާ ކުރުމެއްނެތި ގަވާއިދާ ޚިލާފަށް ކާބޯތަކެތި އުފައްދައިގެން ވިއްކާ ތަންތަން މާދަމާއިން ފެށިގެން ޖޫރިމަނާކޮށް އެފަދަ ތަންތަން ބަންދުކުރުމުގެ ބާރު ލިބިފައިވާ ކަމަށާއި އެ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވަނީ މިއަދު ވިދާޅުވެފައެވެ.

މި ޤާނޫނަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި ކާބޯތަކެތިކަން ކަށަވަރުކުރުމަށް ބާރު އަޅައި ގާނޫނެކެވެ.

އަދި ސިއްހަތަށް ފައިދާހުރި ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި، ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހަދާފައިވާ ގާނޫނެކެވެ.

މީގެ އިތުރުން މި ގާނޫނުގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައާއި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާނެއެވެ.

comment ކޮމެންޓް