އީދު މިސްކިތުން މި މަހު އެކަނި ވެސް 10 ފަންކާ ވަގަށް ގެންގޮސްފި

މާލޭ ސިޓީ ކައުންސިލުން މިސްކިތްތަކުގައި ހަރަކާތްތެރިވަނީ-- ފޮޓޯ/ މާލޭ ސިޓީ ކައުންސިލު

އީދު މިސްކިތުން މި މަހު އެކަނި ވެސް 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން މިރޭ އެ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިސްކިތުގެ ކެމެރާ ފޫޓޭޖުތައް ނަގައި އެ މައްސަލަ ފުލުހަށް ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެ ކައުންސިލުން ވަނީ މިސްކިތްތަކުން ވައްކަން ކޮށް ތަކެއްޗައް ގެއްލުންދީ ނުހެދުމަށް އިލްތިމާސްކޮށްފައެވެ.

ދާދިފަހުން މިދިޔަ އާދީއްތަ ދުވަހުވެސް މާލޭ ޖުމްހޫރީ މައިދާނުގައި ދިއްލާފައިހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އޭގެ ކުރިންވެސް މާލޭ ފުޑް ކޯޓު ކައިރި ޖަހާފައި ހުރި ބައްތިތަކުގެ ކޭބަލްތަކެއް ވެސްވަނީ ވަގަށް ނަގައިފައެވެ. އެއީ އިއްޒުއްދީން މަގު ފުޑް ކޯޓު ކައިރީ ރިންގް ރޯޑުގައި ޖަހާފައި ހުރި ބައްތިތަކުގެ ކޭބަލްތަކެވެ.

ހަމަ އެ ރޭ، ސިނަމާލޭ ތިނެއްގެ ފެން މޯޓަރުގެ ކޭބަލް ވެސް ބުރިކޮށްލައިގެން ވަގަށް ނަގާފައިވެއެވެ.

ވައްކަމުގެ މި ދެ މައްސަލަ ވެސް ސިޓީ ކައުންސިލުން ފުލުހަށް ހުށަހެޅިއެވެ. މިސްކިތްތަކާއި އާންމު ތަންތަނުން ވައްކަންކުރުން މިހާރު މާލޭގައި ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ރާއްޖޭގައި ވައްކަމުގެ މައްސަލަތައް ގިނަކަން ފާހަގަކުރެވެއެވެ.

އެ ގޮތުން ފުލުހުންނަށް މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާއިރު، ވައްކަމުގެ 1،678 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް