ވިލިމާލޭގައި އަޅާ ޖިމުގެ އެއްބަސްވުން އޮޅުވާލައިގެން ބާތިލްކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ހުށަހަޅައިފި

ވިލިމާލެ އަވަށުގެ ކައުންސިލަރު ނަހުލާ އަލީ: ވިލިމާލޭގައި އައުޓްޑޯ ޖިމެއް ތަރައްގީކުރަން ވީ އެއްބަސްވުން އޮޅުވާލައިގެން ބާތިލްކުރަން އުޅޭ ކަމަށް ބުނެ، ކައުންސިލްގެ ދެން އޮންނަ ޖަލްސާގައި އެޖެންޑާކުރަން ނަހުލާ ވަނީ ހުށަހަޅުއްވާފައި -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

ވިލިމާލޭގައި އައުޓްޑޯ ޖިމެއް ތަރައްގީކުރަން އެއްވެސް އެއްބަސްވުމެއް ނެތް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެ އިތުރުފުޅު ހެއްދެވި ކަމަށް ބުނާ މައްސަލައަކާއި، ބެކްޑޭޓުކޮށް އޮޅުވާލައިގެން އެ އެއްބަސްވުން ބާތިލްކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް އަންނަ ބުދަ ދުވަހު ބާއްވާ މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި އެޖެންޑާކުރަން ހުށަހަޅައިފިއެވެ.

ވިލިމާލެ އަވަށުގެ ކައުންސިލަރު ނަހުލާ އަލީ އާޒިމަށް ފޮނުއްވި ސިޓީގައި ވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހު ގެޒެޓުކޮށްފައިވާ ކައުންސިލުން ވިލިމާލޭގައި ކުއްޔަށް ދޫކުރި ބިންތަކުގެ ލިސްޓުގައި، މެރީޖޫގޯ ނަމަކަށް ކިޔާ ކުންފުންޏަކާއެކު އެ އަވަށުގައި އައުޓްޑޯ ޖިމެއް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ނުހިމަނާ ކަމަށެވެ.

އެކަން ހަމަ އެ މަހުގެ 26ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާގައި ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާނެކަން ނަހުލާ ފާހަގަކުރައްވާފައިވެއެވެ.

އެ ސިޓީގައި ނަހުލާ ލިޔުއްވާފައިވާ ގޮތުގައި، މެރީޖޫގޯ ކުންފުނިން އައުޓްޑޯ ޖިމް ތަރައްގީކުރާ ބިމާ ހަވާލުވާން ކައުންސިލްގެ ބިމާ ބެހޭ ސެކްޝަނަށް އައުމަށް އެންގީ މިއަދެވެ.

އެއީ މަކަރުން އޮޅުވާލައިގެން ބެކްޑޭޓްކޮށް، މީގެ ހަ މަސް ކުރިން ބިން ހަވާލުކުރިކަމަށް ހަދާފައިވާ ލިއުމެއްގައި ސޮއިކުރުވަން ކުރި މަސައްކަތެއް ގޮތުގައި ނަހުލާ ވަނީ ތުހުމަތުކުރައްވައިފައެވެ.

"އަދި މި ލިއުމުގައި އެ ފަރާތުން ސޮއިކުރިނަމަ، ތިން ދުވަސް ފަހުން އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ވިލިމާލޭގައި ހަދާ އައުޓްޑޯ ޖިމް ހަދައި ނިންމަންޖެހޭ ތާރީޚުގެ މުއްދަތު ހަމަވާނެ. މިކަން ހިނގާފައި ވަނީ އަޅުގަނޑުގެ ހާޒިރުގައި،" ނަހުލާގެ ސިޓީގައި ވެއެވެ.

https://sun.mv/214199

އާޒިމަށް ނަހުލާ ފޮނުއްވި ސިޓީއާއެކު ހިމަނާފައިވާ ބައެއް ލިޔެކިއުންތަކުގައިވާ ގޮތުން، ކައުންސިލްގެ ސީނިއާ އެގްޒެކެޓިވް އަބްދުލް މުހައިމިން ނަސީރު ސޮއިކުރައްވައި ކައުންސިލްގެ ބިމާ ބެހޭ ސެކްޝަނަށް މިދިޔަ މޭ މަހުގެ 22ވަނަ ދުވަހު ފޮނުއްވި މެމޯއެއްގައިވާ ގޮތުން، ވިލިމާލޭގައި އައުޓްޑޯ ޖިމެއް ތަރައްގީކުރަން މެރީޖޫގޯއާއެކު ސޮއިކުރީ ސެޕްޓެމްބަރު 27، 2023ގައެވެ.

އެ މެމޯގައިވާ ގޮތުން، މެރީޖޫގޯއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ވިލިމާލޭގައި އައުޓްޑޯ ޖިމް ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ބިން ހަވާލުކުރުމަށް އަންގާފައިވެއެވެ.

ހަމަ އެ ސިޓީއާއެކު ނަހުލާ ވަނީ، މެރީޖޫގޯއާ މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހު ބިން ހަވާލުކުރިކަމަށް ބުނާ ލިއުން ވެސް ހިމަނައިފައެވެ. އެ ލިއުމުގައި ވެސް އޮތީ އަބްދުލް މުހައިމިންގެ ސޮއެވެ.

އެ ލިއުމުގައިވާ ގޮތުން، މެރީޖޫގޯއާ ބިން ހަވާލުކުރީ ސެޕްޓެމްބަރު 27، 2023އިން ފެށިގެން 20 އަހަރު ދުވަހުގެ މުއްދަތަކަށް، ކޮންމެ ފަސް އަހަރަކުން އެއްބަސްވުން އާ ކުރާ ގޮތަށެވެ.

https://sun.mv/214488

ފާހަގަކޮށްލެވޭ ގޮތުގައި މާލެއިން ދޫކޮށްފައިވާ ބިންތަކުގެ މައްސަލައިގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މާލޭން ދެއްވި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް ފާހަގަކޮށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން މާލޭ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި އެޖެންޑާކޮށްދިނުމަށް ވެސް ހުށަހެޅިއެވެ.

މި މައްސަލައިގައި އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރަނީ ނުއަގުގައި މާލޭގެ ބިންތައް ކުއްޔަށް ދޫކޮށްފައި ހުރުމެވެ. އޭގެ ތެރޭގައި ހިލޭ ދޫކޮށްފައިވާ ބިންތައް ވެސް ހިމެނެއެވެ.

comment ކޮމެންޓް