ކައުންސިލަރު ނަހުލާ، މާލެ ސިޓީ ކައުންސިލްގެ ލިޔެކިޔުމެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ ޢަލީ: ކައުންސިލަރު ނަހުލާ މާލެ ސިޓީ ކައުންސިލުގެ ލިޔެކިޔުމެއް ވީދާލި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ، އެ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކެއްގެ އެގްރީމަންޓުތަކެއް ވީދާލި މައްސަލަ ފުލުހުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މޭޔަރު އެކަން ހާމަކުރެއްވީ މިއަދު އޮތް މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ ނަހުލާ ވީދާލާފައި ވަނީ އެ ކައުންސިލުން މި ފަހުން އާންމުކުރި ބިމުގެ ދަފުތަރުގައި ނުހިމެނި އޮތް ކޮންޓްރެކްޓެއް ކަމަށެވެ.

މޭޔަރު ވިދާޅުވީ ކައުންސިލް މެންބަރަކު އެ އިދާރާގެ ލިޔެކިޔުމެއް ނައްތާލާ މަންޒަރު ދައްކާ ވީޑިއޯ ފުޓޭޖެއް ފެނިފައިވާ ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ އެއްވެސް މެންބަރަކަށް އެއްވެސް ސަބަބަކާ ގުޅިގެން ރަސްމީ ލިޔެކިޔުމެއް ވީދުމުގެ ހުއްދައެއް ނޯންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ކައުންސިލްގެ ރަސްމީ ލިޔެކިޔުމެއް ވީދާލުމަކީ ޖިނާއީ ކުށެއް ކަމަށްވާތީ މި މައްސަލަ ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހެޅުމަކީ އޭނާގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވިއެވެ.

"މިހާރު ވެސް ގޯސްކޮށް މި ތަނުގެ ކަންތައްތައް ހުރިކަން އަޅުގަނޑުމެން މި ހާމަކޮށްދެނީ. އެހެންވީމާ މިހާވެސް ގޯހޭ މި ތަނުގެ ކަންތައްތައް ހުރި ގޮތް! އެ އެއްޗެހި ނައްތާލައިފައި ހުރިކަމުގެ ވީޑިއޯ ފުޓޭޖު އެބަހުރި. އަޅުގަނޑު އޮންނާނީ ފުލުހަށް ފޮނުވާފައި ތަހުގީގުކުރަން މިހާރު، ފުލުހަށާއި އެލްޖީއޭއަށް ފޮނުވާފައި ވާނީ" މޭޔަރު އާޒިމް ވިދާޅުވެފައިވެއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް --

އާޒިމް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހެކިވާ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ބަޔާންތައް ވެސް ނަގާފައިވާ ކަމަށެވެ.

މި ވާހަކައިގެ ރައްދުގައި ނަހުލާ ވަނީ އޭނާ ސިޓީ ކައުންސިލްގެ ލިޔެކިޔުމެއް ވީދާލި ކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް އެކަން އެގޮތަށް ކުރީ އެ ލިޔުމަކީ ކުރީގެ ތާރީޚެއް ޖަހައިގެން ހަވާލުކުރުމަށް، މިދިޔަ ބުރާސްފަތި ދުވަހު ސޮއިކުރި ލިޔުމަކަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މިދިޔަ މަހު އާންމުކުރި މާލޭގެ ބިންތަކުގެ ދަފުތަރުގައި ވިލިމާލެއިން ދޫކޮށްފައިވާ ނުވަ ބިމުގެ ތެރެއިން ހަ ބިމެއް އުނިކޮށްފައިވާ ކަމަށާއި އެކަން ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.

"މިދިޔަ ބުދަ ދުވަހުގެ ކައުންސިލް ޖަލްސާގައި ވިލިމާލޭގެ ގިނަ ޕްރޮޖެކްޓުތަކެއް ލިސްޓުގައި ނެތް ވާހަކަ އަޅުގަނޑު ދެންނެވުމުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އަންގަވައިގެން ކަމަށް ވިދާޅުވެ، ބޯކޮށް ވާރޭ ވެހިވެހި އޮއްވައި ކައުންސިލް އިދާރާއަށް ހާޒިރުކޮށްގެން ބެކް ޑޭޓުކޮށް ހަ މަސް ދުވަހުގެ ކުރީގެ ތާރީޚެއް ޖަހާފައި އޮތް، ބިން ހަވާލުކުރާ ލިޔުން، ތި ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ގްރޫޕަށް ލާފައި އޮންނާނެ ބިން ހަވާލުކުރާ ލިޔުން،" ނަހުލާ ވިދާޅުވިއެވެ.

https://sun.mv/214731

ނަހުލާ ހާމަކުރި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރުކަމުގައި އައްޓްޑޯ ޖިމެއްގެ މަސައްކަތް ފެށުމަށް ވިލިމާލެއިން މެރީ ޖޫގޯ ނަމަކަށް ކިޔާ ކުންފުންޏަކަށް ބިމެއް ހަވާލުކުރަން މަޝްވަރާކުރިއެވެ. އެކަމަކު، އެ ބިން އޮތީ އެކުންފުންޏާ ހަވާލުނުކޮށް ކަމަށް ނަހުލާ ހާމަކުރެއްވިއެވެ. މިކަން ކައުންސިލުގެ ސަމާލުކަމަށް ގެނައުމުން ބުރާސްފަތި ދުވަހު އެ ކުންފުންޏަށް ގުޅައި، ބިމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މާލެ ސިޓީ ކައުންސިލަށް އެކުންފުނީގެ ބޭފުޅުން ހާޒިރުކުރި ކަމަށް ނަހުލާ ވިދާޅުވިއެވެ.

އެ ދުވަހު މެރީ ޖޫގޯގެ ބޭފުޅުން ލައްވާ ސޮއިކުރުވައި، އިނގިލީގެ ނިޝާން ޖެހުވި ލިޔުމުގެ ތާރީޚެއްގެ ގޮތުގައި ލިޔެފައި އޮތީ މިއަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަސް ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ. އަދި އެ ލިޔުމުގައި ކައުންސިލްގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް، ޢަބްދުލް މުހައިމިން ނަސީރުގެ މަގާމުގެ ގޮތުގައި ވެސް އޮތީ އޭނާގެ ކުރީގެ މަގާމު ކަމަށް ނަހުލާ އިތުރަށް ވިދާޅުވެފައިވެއެވެ.

ނަހުލާ ވިދާޅުވީ ތާރީޚު ނުބައިކޮށް ލިޔެފައިވާ އެއްބަސްވުމެއް ކައުންސިލްގައި އޮވެގެން ނުވާނެ ކަމަށެވެ. މި ސަބަބާ ގުޅިގެން އޭނާ އެ އެގްރީމެންޓް ވީދާލި ކަމަށް ނަހުލާ އިއުތިރާފުވިއެވެ. އަދި އެ ލިޔުންތަކުގެ ފޮޓޯ ނަގައި، ކައުންސިލްގެ އެސްޖީއަށް ހުށަހެޅުއްވި ކަމަށް ނަހުލާ ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން ނަހުލާ އިތުރަށް ވިދާޅުވީ މިކަން ހިނގައިދިޔަ ގޮތުގެ އޯޑިން ރިކޯޑިންއާއި، ވީޑިއޯ ފުޓޭޖް އަދި އޭގެ ފަހުން އެސްޖީ ގުޅުއްވާފައި ދެއްކެވި ވާހަކައާއި، އެތަނުގައި ފޭކު ޑޮކިއުމެންޓް ހަވާލުކުރަން މުވައްޒަފު ދެއްކެވި ވާހަކަތަކުގެ ހެކި އޭނާ އަތުގައި އެބައޮތް ކަމަށް ނަހުލާ ވިދާޅުވިއެވެ. އަދި ނަހުލާ ވަނީ އެ ޑޮކިއުމަންޓްގެ އަސްލު ފޮރުވަން އުޅުއްވީ މޭޔަރު އާޒިމް ކަމަށް ތުހުމަތުކުރައްވާފައެވެ.

އައުޓްޑޯ ޖިމް އެޅުމަށް އެގްރީމެންޓުގައި އެ ބުނާ ހަ މަސް، ޑިސެމްބަރު އެކެއްގައި ފާއިތުވާނެކަން ނަހުލާ ފާހަގަކުރެއްވިއެވެ. އަދި ސިޓީ ކައުންސިލުގެ މުވައްޒަފުން އަމަލުކުރާނީ މޭޔަރު އަންގަވާ ގޮތަށް ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"މޭޔަރުގެ މި މަކަރުވެރި ރޭވުން ހަގީގަތުގައި ކާމިޔާބުވިނަމަ، އައުޓްޑޯ ޖިމް އެޅުމަށް އެގްރީމަންޓުގައި އެ ބުނާ ހަ މަސް، ޑިސެމްބަރު އެކަކަށް ފާއިތުވާނެ. އެ އެގްރީމަންޓުގައި ބުނާ ގޮތުން ވިއްޔާ އައުޓްޑޯ ޖިމް އަޅަންޖެހޭނީ ހަ މަސް ތެރޭގައި،" ނަހުލާ ވިދާޅުވެފައިވެއެވެ.

ނަހުލާގެ ވާހަކަތަކާ ގުޅިގެން އެސްޖީ މުހައިމިން ވިދާޅުވީ އެއީ އޮޅުވާލުމުގެ ބޭނުމުގައި ޖެހި ތާރީޚެއް ނޫން ކަމަށެވެ. އަދި އެ ލިޔުމުގެ ތާރީޚުގައި ޖޫން އެކެއް ލިޔެފައި އޮތް ނަމަވެސް ބިމާ ބެހޭ އެއްބަސްވުންތަކުގެ ގްރޭސް ޕީރިއަޑް ގުނާނީ ބިން ހަވާލުކުރާ ތާރީޚުން ފެށިގެން ކަމަށެވެ.

އެހާ ހިސާބުން މި ބަހުސް އިތުރަށް ހޫނުވުމުގެ ސަބަބުން ކައުންސިލްގެ ޖަލްސާ ވަނީ ނިންމާލައިފައެވެ. އަދި މި މައްސަލައަކީ މިހާރު ފުލުހުން ތަހުގީގުކުރަމުންދާ މައްސަލަައަކަށްވާތީ މިކަމުގައި އިތުރަށް ވާހަކަދެއްކުން ރަނގަޅު ނޫން ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

ހޯމަ ދުވަހުގައި ނަހުލާ، އާޒިމަށް ފޮނުއްވި ސިޓީގައި ވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހު ގެޒެޓުކޮށްފައިވާ ކައުންސިލުން ވިލިމާލޭގައި ކުއްޔަށް ދޫކުރި ބިންތަކުގެ ލިސްޓުގައި، މެރީޖޫގޯއާ އެކު އެ އަވަށުގައި އައުޓްޑޯ ޖިމެއް ތަރައްގީކުރުމަށްވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ނުހިމަނާ ކަމަށެވެ.

އެކަން ހަމަ އެ މަހުގެ 26ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާގައި ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާނެކަން ނަހުލާ ފާހަގަކުރައްވާފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާލެއިން ދޫކޮށްފައިވާ ބިންތަކުގެ މައްސަލައިގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މާލޭން ދެއްވި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް ފާހަގަކޮށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން މާލޭ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައި އެޖެންޑާކޮށްދިނުމަށް ވެސް ހުށަހެޅިއެވެ.

މި މައްސަލައިގައި އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރަނީ ނުއަގުގައި މާލޭގެ ބިންތައް ކުއްޔަށް ދޫކޮށްފައި ހުރުމެވެ. އޭގެ ތެރޭގައި ހިލޭ ދޫކޮށްފައިވާ ބިންތައް ވެސް ހިމެނެއެވެ.

comment ކޮމެންޓް