އަޑު އިވެނީ ރާއްޖޭގެ ރީތިކަމުގެ ވާހަކައެވެ. ފޮޓޯތަކުން ވެސް ފެންނަނީ ދޮންވެލި ތުނޑިތަކާއި ސާފު މޫދެވެ. މުއްސަނދި ކަނޑުގެ ދިރުންތަކެވެ.
މީގެ ހަތް އަހަރު ކުރިން ޓައިވާނުގައި އިނގިރޭސި ކިޔަވައިދޭން އުޅުން ކެނެޑާ ރައްޔިތެއް ކަމަށްވާ ޖެނެވީވް ޑާލިންގް (ޖެން) ރާއްޖެއައީ މި މަންޒަރުތައް ދެކިލުމަށެވެ. ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި މީހުން ސިފަކުރާ ދިވެހިރާއްޖެ ތަޖުރިބާ ކޮށްލާށެވެ. މި ދަތުރުގެ ސަބަބުން ހަޔާތަށް އައިސްދާނެ ބަދަލެއްގެ ހިލަމެއް ވެސް ނެތި، ވ. ތިނަދުއަށް ފޭބުމާ އެކު ހަގީގަތުގައި ވެސް އޭނާގެ ހިތް ރާއްޖެއަށް ދޫވީއެވެ.
އެނބުރި ދިއުމެއް ނެތެވެ. ޖެން މިހާރު ކުރަނީ މާ ޝައުގުވެރިި ކަމެކެވެ. ދިރިއުޅުން ބިނާކުރީ އެ ތަނަކަށް އޭނާގެ ހިތްދޫވި ވ. އަތޮޅުގައެވެ. ކޮންމެ ދުވަހަކު މުޅި ދުނިޔެއަށް ދައްކުވައިދެނީ އެ އަތޮޅުގެ ރީތިކަމެވެ.
އަތުގައި ދިވެހި ފައިސާ ގިނަވެ، އަނެއްކާ ވެސް ރާއްޖެއަށް
ދެހާސް ސަތާރަވަނަ އަހަރު ޖެން ތިނަދުއަށް ދިޔައީ އެންމެ ހަތަރު ދުވަހަށެވެ. އެއީ، އެ ރަށުގެ ރީތިކަން ދެކިލާ، މޫދުގެ ދިރުންތައް ދެކިލުމަށެވެ. ހަތަރު ދުވަސް ފަހުން ފުރައިގެން އެނބުރި ޓައިވާނަށް ދިޔައީ ހިތްފުރިގެންނެއް ނޫނެވެ. ހިތުގައި އޮތީ އަދިވެސް ރާއްޖެ އައުމުގެ އަޒުމެވެ.
"ދަމުން ހިތަށް އެރީ ހަތަރު ދުވަހަކުން ނުުފުދެއޭ. އަދިވެސް އަންނާނަމޭ. ދަމުން ނިންމިން އަބުރާ ރާއްޖެ އަންނަން،"

ޖެން ވ. އަތޮޅުގެ ރަށެއްގައި --
ރާއްޖެއިން ޓައިވާނަށް ދިއިމުގެ ތެރޭ ހޮންގްކޮންގް އެއާޕޯޓުގައި މަޑުކޮށް ގިނަ އަދަދެއްގެ ދިވެހި ފައިސާ ބަދަލުކުރަން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް، އެ މަސައްކަތް ނާކާމިޔާބުވެ، އޭނާ އަތުގައި ދިވެހި ފައިސާތަކެއް ވެސް ތާށިވީއެވެ. މިއީ ރާއްޖެ ދާންޖެހޭ އެހެން ސަބަބެއް ކަމުގައި ކަނޑައަޅާ އަނެއްކާ ވެސް ހަތަރު މަސް ފަހުން އޭނާ އެނބުރި އައީ ތިނަދޫއަށެވެ.
ވ އަތޮޅުން ހިތަށް ހަމަޖެހުމާއި ހަގީގީ ލޯބި
ހަތަރު މަސް ފަހުން ޖެން އަނބުރާ ތިނަދުއަށް ދިޔައީ ހަގީގަތުގައި ވެސް އެ ރަށުގެ ރީތިކަމަށް ހިތް ދެވިގެންނެވެ. އެ ހަމަޖެހުމާއި އެ ހިތްގައިމުކަމަށް އެދެވިގެންނެވެ. އެއްގޮތަކަށް ވެސް ހަޔާތުގެ ބައިވެރިޔާއާ ދިމާވުމުގެ އުންމީދަކު ނޫނެވެ. އެފަދަ ޚިޔާލެއް ވެސް ހުރެގެންނެން ނޫނެވެ.
ނަމަވެސް، ކަންތައްވީ އޭނާ އުންމީދުކޮށްގެން ހުރި ގޮތާ މުޅިން ޚިލާފަށެވެ. ވ. އަތޮޅުގެ ފެހިކަމާއި އުފާވެރިކަމުގެ ތެރެއިން އޭނާއަށް ދިމާވީ ހަޔާތުގެ ބައިވެރިޔާ ޒަލީގް އާދަމް (ޕިކޯ)އާއެވެ. މިއީ މުތެއް ފަދަ ވ. އަތޮޅަށް ބަދަލުވާން އޭނާއަށް ލިބުނު ރަނުގެ ފުރުސަތެވެ. އެހެންކަމުން، ހަޔާތުގެ ހުރިހާކަމެއް ބެހެއްޓުމަށް ފަހު ފިރިމީހާގެ ރަށް، ވ. ފެލިދުއަށް ޖެން ބަދަލުވީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.

ހަޔާތަށް އައި ކުއްލި ބަދަލާ އެކު ޖެން ނިންމީ އޭނާގެ ހިތުން ޚާއްސަ ޖާގައެއް ދެވިފައިވާ މޫދާ ގާތުން މަސައްކަތް ކުރުމަށެވެ. އެހެންކަމުން ފިރިމީހާއާއި ދެ މީހުން ދިޔައީ އެކްސްކާޝަން ސެންޓަރެއްގައި މަސައްކަތް ކުރުމަށް ކ. މާފުއްޓަށެވެ.
"އެކަމަކު އެއީއެއް ނޫން ދެ މީހުން ވެސް އެންމެ ބޭނުންވި ކަމަކީ. އެހެންވީމައި އަލުން ފެލިދުއަށް ބަދަލުވީ. އަހަރެން އޭރު އޮންލައިންކޮށް އިނގިރޭސި ކިޔަވައިދިނީ. ފިރިމީހާ ޑައިވްކުރާނެ،" ޖެން ބުންޏެވެ.
މި ދެމަފިިރިން މިފަދަ ގޮތަކަށް ފެލިދޫގައި އުޅެނިކޮށް ކޮވިޑުގައި މުޅި ދުނިޔެ ހުއްޓުމަކަށް އައެވެ.
"ދެން ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލީމާ އަނެއްކާ ވެސް ދެ މީހުން މާފުއްޓަށް ދިޔައީ. ދެ މީހުން އެ ރަށުގައި އެކްސްކާޝަން ސެންޓަރުގައި މަަސައްކަތްކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދަން،" ޖެންގެ އެންމެ ކުޑައިރުގެ ހަނދާންތަކާ ވެސް ގުޅިފައިވަނީ މުދާއެވެ. މޫދުގެ ދިރުންތައް ބަލަބަލާ އޭނާ ފޫހިނުވެއެވެ.

ނަމަވެސް، މާފުށީގެ ހަލަބޮލިކުގެ ތެރޭ މަސައްކަތް ކުރުން އެ މީހުންނަށް މާ ފަސޭހައެއް ނުވިއެވެ. އެހެންކަމުން އަނެއްކާ ވެސް ފެލިދުއަށް ބަދަލުވީ އަމިއްލަ މަސައްކަތެއްކޮށް ރަށުގައި ހަމަޖެހޭ ދިރިއުޅުމުގެ މަގުސަދުގައެވެ.
މިހާރު މުޅި ރާއްޖެއަށް ދައްކައިދެނީ ވ އަތޮޅުގެ ޖާދޫ
ފެލިދޫގައި އެންމެ ފުރަތަމަ ޖެންއަށް ކުރަންޖެހުނީ ވަރަށް ތަފާތު ތަޖުރިބާއެކެވެ. ރަށުގެ އާބާދީގެ ބޮޑު ބައެއް އުމުރުން ދުވަސްވީ މީހުންނަށްވުމާއި އޭނާއަށް ދިވެހި ނޭނގުމުން އެތައް ގޮންޖެހުމެއް ކުރިމަތިވިއެވެ.
"އަސްލު މި ކަހަލަ ރަށެއްގައި އުޅޭއިރު ދިވެހިވެސް ދަސްކުރަންޖެހޭ. އައިސް ދިވެހީން ވާހަކަދައްކާލީމާ އެ މީހުން ވަރަށް އުފާވޭ. ވަރަށް ބަލައިގަނޭ،" އޭނާ މަސައްކަތް ކުރީ އޭނާއަކީ ރަށުގެ އާބާދީއާ ވަކި ތަފާތު މީހެއްކަން އިހުސާސްނުވާގޮތަށް ދިރިއުޅުން ބައްޓަން ކުރަންކަން ފާހަގަކޮށް ބުންޏެވެ.
ގޭގައި އުޅޭ ކުޑަކުދިން ގޮވައިގެން މޫދަށް ގޮސް، އަތޮޅުގެ ރަށްތަކަށް ދާންފެށިއެވެ. މިއިން ކޮންމެ ދަތުރެއްގައި ވެސް، އޭނާގެ ހިތް އިތުރަށް ވ އަތޮޅުގެ ރީތިކަމަށް ދެވެއެވެ. ގަބޫލުކުރެވެން ފެށީ މިފަދަ ގުދުރަތީ އަޖައިބެއް ފޮރުވިފައި އޮންނަން ނުޖެހޭނެ ކަމާއި މިއީ ރާއްޖެއާއި ދުނިޔޭގެ އެންމެން ވެސް ބަލައިލާ ހިތްހަމަ ޖައްސާލެވޭނެ ފަދަ ތަނެއް ކަމެވެ.
https://www.instagram.com/reel/CwRd3hVI8hU/?igsh=NmI4aHdvMjlha3gy
އެހެންކަމުން އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް މުޅި ދުނިޔެއަށް ވ އަތޮޅުގެ ރީތިކަން ދައްކަން ފެށިއެވެ. އެ އަތޮޅުގެ ރީތި ދޮންވެލި ތުނޑިތަކާއި ފަޅު ރަށްތަކެވެ. މޫދުގެ ދިރުންތަކާއި ގޮނޑުދޮށަށް އަންނަ މަޑިތަކެވެ. ނިދަންމިޔަރުގެ ޖާދުލެވެ.
ޖެންގެ މަސައްކަތް އިތުރު ހަރުފަތަކަށް
އަތޮޅަށް އަންނަ މީހުންނަށް ނުވަތަ ފެލިދުއަށް އަންނަ މީހުންނަށް ވެސް އޭނާ ބޭނުންވީ ވ އަތޮޅުގެ ހުރިހާ މަންޒަރުތަކެއް ދެއްކުމެވެ. އެންމެ ރީތި ސްނޯކްލިން ޕޮއިންޓުތަކަށް ގެންގޮސް މުއްސަނދި ކަނޑުގެ ދިރުންތަކުން އެ މީހުންގެ ހިތް ފުރައިދިނުމަށެވެ. ނަމަވެސް، އާބާދީ ކުޑަ މި އަތޮޅުގައި އެ ކަމަށް ގޮންޖެހުތަކެއް ކުރިމަތިވިއެވެ.
އެގޮތުން، އާލާތްތަކާ އެކު ސީދާ އެކްސްކާޝަންއަށް ޚާއްސަ ސެންޓަރެއް ނެތުމުގެ ގޮންޖެހުން ދިމާވިއެވެ. އެކްސްކާޝަންއާއި ކައިރި ރަށްތައް ބަލާލުމަކީ ގެސްޓްހައުސްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކަށްވުމުން އިތުރު ގޮތެއް ޚިޔާރުކުރާކަށް ފަތުރުވެރިންނަކަށް ވެސް ނުލިބެއެވެ.
މި ގޮންޖެހުމަށް ހައްލު ހޯދުމުގެ މަސައްކަތް، ހަގު އުމުރެއްގައި ޑައިވްކުރަން ފިރިމީހާއާ އެކު ފަށާ އޭނާ އުފަންކުރުވީ ޖިމީސް މޯލްޑިވްސްއެވެ. މިއީ ވ. އަތޮޅު ބަލައިލާ ގުދުރަތީ ރީތިކަމުން ހިތްފުރާލަން ބޭނުންވާ މީހުންނަށް އޭނާ ދޭ ފުރިހަމަ ހަދިޔާއެވެ.

"ޖިމީސްގެ މަގުސަދަކީ މީހުން ވ އަތޮޅަށް އައިސްގެން މި ރީތިކަން ތަޖުރިބާކުރުމަށް އެންމެ ފުރިހަމަ ޚިދުމަތެއް ދިނުން. ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ރޭވުން، ލިބޭ ފައިދާއިން ކޮންމެ ވެސް މިންވަރެއް ރަށުގެ ތެރައްގީއަށް ވެސް ހޭދަކުރުން،"
ޖިމީސް މޯލްޑިވްސްއާ އެކު ވ އަތޮޅުގެ ރީތިކަން ބަލާލަން ބޭނުންވާ މީހުންނަށް ޕެކޭޖުތަކެއް ކަނޑައަޅާފައިވެއެވެ. މި ޕެކޭޖުތަކުގައި ގިނަ ކަންކަން ހިމަނާފައިވެއެވެ. ފަތުރުވެރިން ރަށްރަށުގައި ތިބުމުގެ ކަންކަން ޖިމީސްއިން ހަމަޖައްސަނީ ގެސްޓްހައުސްތަކާ ވެސް ގުޅިގެންނެވެ.
ޖެންގެ ވިސްނުމަކީ މިކަން ރަށުގެ ރައްޔިތުން ވީހާ ވެސް ގުޅުން ބޮޑު ގޮތަކަށް ކުރުމެވެ. އެގޮތުން، ރަށުގައި ކުޑަކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގާ، ސްކޫލުތަކުގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ހިންގާ އަންހެނުންނަށް ޚާއްސަ ކަންކަން ކުރިއަށް ގެންދިއުމަކީ ވެސް ފަތުރުވެރިން ހިތްފަސޭހަކޮށްދިނުމުގެ އިތުރުން މި އެކްސްކާޝަން ސެންޓަރުން ކުރާނެ ކަންކަމެވެ.
https://www.instagram.com/reel/CwVGmxEJVKY/?igsh=YzlvZWFiYXVhdHZr
"ބޭނުން ވަނީ ދިވެހީން ވެސް އާއިލާއާ އެކުގައި ވ އަތޮޅުގެ ރީތިކަން ބަލައިލާ ޗުއްޓީތައް މި ތަނުގައި ހޭދަކޮށްލުން. އަދި، އެ ކަމަކީ ގިނަ ޚަރަދުތަކެއްނުކޮށް ކުރެވޭނެ ކަމަކަށް ހަދައިދިނުން،"
ޖިމީސް ތަފާތު، ނަމުގެ ފަހަތުގައިވާ ވާހަކަ ވެސް ތަފާތު
ސްނޯކްލިންއާއި ޑައިވިންގެ އިތުރުން، ޕިކޯއަކީ ޑްރޯން ފްޓޯގްރާފަރެއްކަން ޖެން ފާހަގަކުރިއެވެ. އެހެންކަމުން މި ދަތުރުތަކުގެ ހަނދާންތައް ވެސް ފަހަށް ރައްކާކޮށްދިނުމަށް ޖިމީސްއިން އެހީތެރިވާނެއެވެ.
ނަމަވެސް، މި މަސައްކަތުގެ އެންމެ ޝައުގުވެރިކަމަކީ މި އެކްސްކާޝަން ސެންޓަރަށް ޖިމީސްގެ ނަމުން ނަން ދިން ސަބަބެވެ. މި ނަމުގެ ފަހަތުގައިވަނީ މިހާރު ދުނިޔެ ދޫކޮށްފައިވާ ޖެންގެ ބައްޕައެވެ.
"ޖިމްއަކީ ބައްޕަގެ ނަން. ބައްޕަ މަރުވީ އަހަރެންގެ އުމުރުން 12 އަހަރުގައި. ބައްޕައާ އޮންނަ އެންމެ ބޮޑު ގުޅުމަކީ އަބަދު ވެސް ކަނޑުގެ ދިރުންތަކުގެ ވާހަކަދެއްކުން. ބައްޕަގެ އެންމެ ފަހުގެ ހަނދާނަކީ ވެސް ބޮޑު މަސް ބަލަން ދިއުން،"
އެކްސްކާޝަން ސެންޓަރަށް ޖެންގެ ބައްޕަގެ ނަމުން ނަން ކިޔުމަކީ ޕިކޯގެ ޚިޔާލެކެވެ.

ޖިމީސް ހުޅުވަން ނިންމާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ މެދުތެރޭގައެވެ. ވ އަތޮޅުގެ ޖާދޫގައި ޖެހި އޭނާ މިހާރު އެ ދައްކަނީ އެހެން މީހުންނަށް އެ ޖާދުލެވެ. އޭނާގެ އުންމީދަކީ ޖިމީސް އެކްސްކާޝަން ސެންޓަރުން މުޅި ރަށަށް ވެސް ނަފާވެ، ވ އަތޮޅުގެ ރީތިކަމުން އެންމެންގެ ހިތްތައް ފުރައިދިނުމެވެ.
މިއީ ވ އަތޮޅުގައި ޗުއްޓީ ހޭދަކޮށްލާ ގުދުރަތީ ރީތިކަމުން ހިތްފުރާލަން ބޭނުންވާ އެންމެންނަށް ޖެންއާއި ޕިކޯދޭ ދައުވަތެވެ. ހަގީގީ ދުނިޔެމަތީގެ ސުވަރުގެ ތަޖުރިބާކޮށްލަން ފަހިކޮށްދޭ ރަނުގެ ފުރުސަތެވެ.