ދަނޑުވެރި ރަށެއްގައި, ކެންސަރު ގިނަ: ޑޮކްޓަރުން ބުނަނީ ކީކޭ؟

އެންމެ 500އެއްހާ މީހުންގެ އާބާދީއެއް އޮންނަ ބ. ގޮއިދޫގައި ކެންސަރު އިތުރުވާތީ އެ ރަށު މީހަކު ކަމާ ބެހޭ ފަރާތްތަކަށް ފޮނުވި ސިޓީއާއެކު އެންމެން ކަންބޮޑުވާ މައްސަލައެއްގެ ވާހަކަ ދައްކާ މިންވަރު މިވަނީ އަނެއްކާ ވެސް އިތުރުވެފައެވެ. އެއީ ދަނޑުވެރިކަމުގައި ބޭނުންކުރާ އެކިއެކި, ކެމިކަލްތައް ނުވަތަ ޕެސްޓިސައިޑުން މީހުންނަށް ދިމާވާ ސިއްހީ މައްސަލަތަކުގެ ވާހަކައެވެ.

އެހެން ގިނަ ސިނާއަތްތަކެކޭ އެއްގޮތަށް ރާއްޖޭގެ ދަނޑުވެރިކަމުގެ ކޮންޓްރޯލް ވެސް އޮތީ ބިދޭސީންގެ އަތްމަތީގައެވެ. ވަކި ރަށެއް ނޫނެވެ. ކުރިން ދިވެހީން ކުރި އެ މަސައްކަތް މިއަދު ކުރަނީ ގިނައިން ބިދޭސީންނެވެ. އަވަހަށް ތަކެތި ހެއްދުމަށާއި ހައްދާ ތަކެތި ތާޒާކަމަށް މީހުންނަށް ދެއްކުމަށް އެކިއެކި ކެމިކަލްތައް ބޭނުން ކުރުން މި ވަނީ ހައްދުން ނައްޓައިފައެވެ. އޭގެ އަސަރު ކުރަނީ އިންސާނުންގެ ފުރާނައަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކަށް ބަލާއިރު ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައެވެ. އަދި ދުވަހުން ދުވަހަކަށް މި ބަލި އިތުރުވަމުން އަންނަކަން ކަންބޮޑުވުމާއެކު ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. އޭގެ އެއް ސަބަބެއް ކަމަށް ވާހަކަ ދެކެވެނީ ތަރުކާރީ އާއި މޭވާ ހެއްދުމަށް ދަނޑުތަކުގައި ބޭނުން ކުރާ ކެމިކަލްގެ އަސަރު އިންސާނުންނަށް ކުރުމެވެ. މިއީ ދިވެހި މުޖުތަމައުގައި ގިނަ ބަޔަކަށް އެނގޭ އަދި ކަންބޮޑުވާ މައްސަލައެކެވެ.

https://sun.mv/215019

ގޮއިދޫގައި ވެގެން މިއުޅެނީ ކިހިނެއް؟

މި ހަގީގަތްތައް އެހެން އޮއްވައި ބ. ގޮއިދޫ, ޝަހުލާ ވަޖީހު, ކަމާ ބެހޭ ފަރާތްތަކަށް ފޮނުއްވި ސިޓީއަކާއެކު އަނެއްކާ ވެސް މިކަންބޮޑުވުން މި ވަނީ އިތުރު ވެފައެވެ. އެ ސިޓީގައި އޭނާ ފާހަގަ ކޮށްފައިވަނީ, ވަރަށް ގަދައަށް ދަނޑުވެރިކަން ކުރާ, 500 މީހުން އުޅޭ ގޮއިދޫގައި ގައިން ގަޔަށް ނާރާ ބަލިތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށެވެ. އޭގެ ތެރެއިން ވެސް ޚާއްސަކޮށް ކެންސަރު ބަލި ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް އޭނާ ބުނެއެވެ. އެގޮތުން މިދިޔަ ފަސް އަހަރު ތެރޭގައި ގޮއިދޫގެ ނުވަ މީހަކަށް ކެންސަރު ޖެހި، ތިން މީހަކު މަރުވެފައިވާކަން އޭނާ ފާހަގަކުރިއެވެ.

އޭނާ ފާހަގަކޮށްފައި ވަނީ ގޮއިދޫގައި ދަނޑު ހެއްދުމަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 95 އިންސައްތަ ދަނޑުތަކަކީ ދަނޑުގެ ވެރިފަރާތުން ބިދޭސީންގެ އަތް މައްޗަށް ދޫކޮށްލާފައިވާ ދަނޑުތަކެއް ކަމަށެވެ. އަދި ގިނަ ދަނޑުތަކުގައި ހައްދާ ތަރުކާރީއާއި މޭވާއަކީ އިންސާނުންގެ ފުރާނައަށް ނުރައްކާ މިންވަރަށް 'ޕެސްޓިސައިޑްސް' އަދި އެ ނޫންވެސް އެކިއެކި ކެމިކަލްތަކުން ތަޣައްޔަރުވެފައިވާ ތަކެތި ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އަދި ގަސް ގަހަށް ޖަހާ ބޭސްތައް ވެސް ބޭނުންކުރަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫންކަން ވަނީ ފާހަގަކޮށްފައެވެ.

ދަނޑުތަކުގައި މަސައްކަތްކުރާ ބިދޭސީން، ބޭސް ޖެހުމަށްފަހު, އެކަށީގެންވާ ވަގުތު ދިނުމެއްނެތި ފަތްޕިލާވެއްޔާއި، މިރުހާއި، ކިޔުކަންބާ ފަދަ ނުކައްކާ ބޭނުންކުރެވޭ ތަކެތި ކަނޑައި، ވިއްކަމުންދާކަމީ ރަށު ފަރުދެއްގެ ހައިސިއްޔަތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ސިޓީގައި އޭނާ ބުނެފައިވެއެވެ.

ތޮއްޑޫ ދަނޑުވެރި ބިންތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކެންސަރު ބައްޔަށް ފަރުވާ ދެއްވާ ޑޮކްޓަރުން ވިދާޅުވަނީ ކީކޭ؟

ގޮއިދޫގެ މި ހާލަތާ ގުޅިގެން, މިއީ ކަންބޮޑުވާން ޖެހޭ އަދަދެއްތޯ އަދި ކްލަސްޓާއެއް އުފެދެނީތޯ ސުވާލު ކުރުމުން, އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ, ރާއްޖޭގެ ފުރަތަމަ ކްލިނިކަލް އޮންކޮލޮޖިސްޓް ޑރ. މުޙައްމަދު އަމްރު އަޙްމަދު, "ސަން"އަށް ވިދާޅުވީ މިއީ ރަނގަޅު ތަހުލީލެއްކޮށް މިކަން ބަލަން ޖެހޭ ކަމުގެ ސިގްނަލެއް ކަމަށެވެ.

އަމުރު ވިދާޅުވިގޮތުގައި ކެންސާ ކްލަސްޓާއެކޭ ބުނެވޭނީ ވަކި ސަރަހައްދެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ހުންނަން ޖެހޭ ވަރަށް ވުރެން ގިނައިން ކެންސަރުގެ ކޭސްތައް ފެންނަ ނަމައެވެ. ގޮއިދޫ ކަހަލަ ކުޑަ އާބާދީއެއްގެ ތެރޭގައި ފަސް އަހަރު ތެރޭގައި ކެންސަރުގެ ނުވަ ކޭސް ފެނުމަކީ ގިނަ އަދަދެއްކަން އަމުރު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި އާންމުކޮށް ކެންސަރު ބަލި ފެންނަނީ އެއް ލައްކަ މީހުންގެ ތެރެއިން 105 މީހުންގެ ފަރާތުން ކަމަށް އަމުރު ވިދާޅުވިއެވެ. އެހެންވީމަ މި އަދަދަށް ބަލާއިރު ފަސް އަހަރުތެރޭގައި ގޮއިދޫން ގިނަ ވެގެން ފެންނަން ވާނީ ތިން ކޭސް ކަމަށާއި ނުވަ ކޭސް ފެނުމަކީ ތިން ގުނަ އިތުރު އަދަދެއް ކަމަށް އަމުރު ވިދާޅުވިއެވެ.

"މިކަމުގައި ކަންބޮޑުވާ ޕެޓާނެއް އެބަހުރި. އެކަމަކު ކެންސާ ކްލަސްޓާއެކޭ ބުނަން ސީދާ ދަތި. ޕެސްޓިސައިޑް އެއީ ކެންސަރު ޖެހޭ ސަބަބު ކަމަށް ބުނާކަށް ނޭނގޭ. އެކަން އިތުރަށް ބަލަން ޖެހޭ. އެކަން ކުރަން ކެންސަރުގެ ބާވަތާއި ޕޭޝެންޓުގެ އުމުރާއި އެ މީހުން ކިހާ ދުވަހަކު ރަށުގައި ދިރިއުޅުނުތޯ އެކަންކަން އަޅާ ކިޔަން ޖެހޭ," އަމުރު ވިދާޅުވިއެވެ.

ކެންސަރު ބައްޔަށް ފަރުވާ ދެއްވާ ޑރ. މުޙައްމަދު އަމުރު--
ޕެސްޓިސައިޑް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެއީ ކެންސަރަށް މަގުފަހިވާ ކަމެއް ކަމަށް އަމުރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕެސްޓިސައިޑަށް ހުށަހެޅިފައި ގިނަ ދުވަސްތަކެއް ވެފައިވާ މީހުންނަށް ކެންސަރު ބަލި ޖެހުމަށް މަގުފަހިވާލެއް އިތުރު ކަމަށް، ސައިންޓިފިކް ދިރާސާތަކުން އެނގޭ ކަމަށެވެ. އެންމެ ބޮޑަށް އެހެން ދިމާވާ ސަބަބަކީ ޕެސްޓިސައިޑް ރައްކާތެރި ނޫން ގޮތްގޮތަށް, އަދި ސަލާމަތީ ފިޔަވަޅުތައް ނާޅައި ބޭނުން ކުރާތީ ކަމަށް އަމުރު ވިދާޅުވިއެވެ.

ގިނަ ޕެސްޓިސައިޑަކީ އެ ނެތިދާން ވަކި ވަގުތުތަކެއް ކަނޑައެޅިފައި ހުންނަ އެއްޗެއް ކަމަށާއި އޭގެ ކުރިން އެ އަސަރު ހުރި އެއްޗެއް ކައިފިނަމަ ހަށިގަނޑަށް އޭގެ އަސަރު ކުރާ މިންވަރު އިތުރުވާ ކަމަށް އަމުރު ވިދާޅުވިއެވެ.

"އެންމެ ފަހަރަކު ޕެސްޓިސައިޑްގެ އަސަރު ކޮށްގެނެއް ނޫން ކެންސަރު މި ޖެހެނީއެއް. ގިނަ ދުވަސްތަކެއް ވަންދެން އޭގެ އަސަރު ކުރާތީ ކެންސަރަށް މި ހުށަހެޅެނީ," އަމުރު ވިދާޅުވިއެވެ.

އަމުރު ވިދާޅުވީ ދަނޑުވެރިންނާއި ދަނޑުތަކުގައި މަސައްކަތް ކުރާ މީހުންނާއި ދަނޑުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން, ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާނަމަ, ޕެސްޓިސައިޑުން ލިބޭ ގެއްލުންތަކަށް ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ނަމަވެސް އަމުރު ވަނީ، ކެންސަރު ޖެހެނީ ހަމައެކަނި ޕެސްޓިސައިޑުން ނޫންކަން ފާހަގަކުރައްވައި، އާއިލީގޮތުން ވާރުތަވުމާއި އިންފެކްޝަނެއްގެ އަސަރުކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި އެ މީހާ ދިރިއުޅޭ މާހައުލު ބޮޑު ދައުރެއް އަދާ ކުރާ ކަމަށް ވިދާޅުވެފައެވެ.

ރައްކާތެރިވާނީ ކިހިނެއް؟

ޕެސްޓިސައިޑުގެ ސަބަބުން ކެންސަރަށް މަގުފަހިވުން ދަށް ކުރެވޭނެ ގޮތްތައް ހުންނަ ކަމަށާއި އެގޮތުން, ދަނޑުވެރިންނަށް ޓްރެއިނިންތައް ދިނުމާއި ކާނާގައި ޕެސްޓިސައިޑް ހުންނަ މިންވަރު މަދު ކުރުން މުހިންމު ކަމަށް އަމުރު ވިދާޅުވިއެވެ.

އަމުރު އިތުރަށް ވިދާޅުވިގޮތުގައި, އިންޓަނޭޝަނަލް އޭޖެންސީ ފޯ ރިސާޗް އޮން ކެންސަރު (އައިއޭއާރްސީ) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ފަދަ ޖަމިއްޔާތަކުން ކުރި ދިރާސާތަކުން ވަނީ ޕެސްޓިސައިޑްގެ ސަބަބުން, ބައެއް ކަހަލަ ކެންސަރުތަކަށް މަގުފަހިވާކަން ދެނެގަނެވިފައެވެ. އޭގެ ތެރޭގައި ލުކީމިއާ، މަލްޓިޕަލް މައިލޯމާ، ޕްރޮސްޓޭޓް ކެންސަރު އަދި ބައެއް ސޮލިޑް ޓިއުމަރުތައް ފަދަ ކެންސަރުތަކާ ގުޅުން ހުރި ކަންކަން ހިމެނޭ ކަމަށް އަމުރު ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި އާދަޔާ ޚިލާފަށް ކެންސަރު ބަލި އިތުރު ކަމުގެ ކަންބޮޑުވުން އާއްމުން ފާހަގަ ކުރެއެވެ. އެކަމާ ގުޅޭގޮތުން އަމުރު ވިދާޅުވީ ވަކި ކޮމިއުނިޓީއަކުން އާދަޔާ ޚިލާފަށް ކެންސަރު ޖެހޭ މީހުންގެ އަދަދު ގިނަވެއްޖެ ނަމަ، އެކަމަށް ސައިންޓިފިކް ގޮތެއްގައި ބަލައި ޖަވާބު ދިނުމަކީ, ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ. އޭގެ ބޭނުމަކީ މިއީ ހަގީގީ ކެންސަރު ކްލަސްޓާއެއްތޯ ނުވަތަ ސްޓެޓިސްޓިކަލް ވޭރިއޭޝަނެއްތޯ ދެނެގަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަލިން ރައްކާތެރިވުމަށް އަމުރުގެ އިލްތިމާސަކީ އެންމެ ފުރަތަމަ ކަމަކަށް އެކަމާ މާ ބިރުން ނޫޅުމެވެ. ސަބަބަކީ ކެންސަރަކީ ކެމިކަލް އެކުލެވިގެންވާ ކެއުމެއް ނުވަތަ މޭވާއެއް އަދި ތަރުކާރީއެއް އެއް ފަހަރު ކައިގެން ޖެހޭ ބައްޔަކަށް ނުވާތީއެވެ. އޭގެ ބަދަލުގައި އެ ބައްޔަށް ހުށަހެޅެނީ އެފަދަ ކެމިކަލްތަކަށް ގިނަ ފަހަރެއްގެ މަތިން ހުށަހެޅިގެން ކަމަށް އަމުރު ވިދާޅުވިއެވެ.

ކާނާގެ ރައްކާތެރިކަން ޔަގީން ކުރަން އަމުރުގެ ބައެއް ލަފާތައް:

  • މޭވާ އާއި ތަރުކާރީ ކެއުމުގެ ކުރިން ވަރަށް ރަނގަޅަށް ދޮވުން
  • މޭވާ އާއި ތަރުކާރީގެ ތޮށިމެށުން, އަދި ކައްކައިގެން ކެވޭފަދަ ތަކެތި ކައްކައިގެން ކެއުން
  • ކަންބޮޑުވުން އޮތްނަމަ އަބަދު އެއް ބަޔަކު ހައްދާ ތަރުކާރީއާއި މޭވާ ނުކެއުން
  • ޕެސްޓިސައިޑްގެ އަސަރު ފެންނަން ހުންނަ ތަކެތި ބޭނުން ނުކުރުން
  • މިފަދަ ތަކެތި ކެއުމުން، ޚާއްސަކޮށް ކުޑަކުދިންނާއި މާބަނޑު މީހުން ދުރުވުން

ކެންސަރަކީ އެ ބައްޔަކާމެދު އެންމެން ވެސް ޖެހިލުންވާ ބައްޔަކަށްވާއިރު އަމުރު ވިދާޅުވިގޮތުގައި ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް އެތައް ކަމެއް އަމިއްލައަށް ކުރެވޭނެއެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ރާ ނުބުއިމުގެ އިތުރުން ހަރަކާތްތެރިކޮށް އުޅުމާއި ގަވާއިދުން ސިއްހީ ހާލަތު ދެނެގަތުމަށް ޗެކަޕްތައް ހެދުން ހިމެނެއެވެ.

ކުޑަ ރަށަކުން ފެންމަތިވެފައި މި ވަނީ ބޮޑު މައްސަލައެކެވެ. ކެންސަރުގެ މި ނުރައްކާތެރި ބައްޔަށް މީހުން ހުށަހެޅޭ އެތައް ސަބަބެއް މި ކުޑަކުޑަ މުޖުތަމައުގެ ތެރޭގައި އެބައޮތެވެ. ހިތާމައަކީ އެކަން ހައްލު ކުރަން އުޅޭ މަންޒަރު ނުފެންނާތީއެވެ.

comment ކޮމެންޓް